ކ. މާލެ
|
20 މާރޗް 2024 | ބުދަ 05:25
ފިއޮރެންޓީނާގެ ސީއީއޯ ބެރޯން
ފިއޮރެންޓީނާގެ ސީއީއޯ ބެރޯން
ރޮއިޓާސް
ފިއޮރެންޓީނާ
ފިއޮރެންޓީނާގެ ސީއީއޯ، ޖޯ ބެރޯން މަރުވެއްޖެ
ބެރޯން، ފިއޮރެންޓީނާގެ މަގާމާ ހަވާލުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި

އިޓަލީގެ ފިއޮރެންޓީނާގެ ސީއީއޯ ޖޯ ބެރޯން މަރުވެއްޖެ އެވެ.

އުމުރުން 57 އަހަރުގައި ބެރޯން މަރުވެފައި ވަނީ އަންގާރަ ދުވަހުގެ ވަގުތެއްގަ އެވެ. ފިއޮރެންޓީނާ އިން ހާމަކޮށްފައިވާ ގޮތުގައި ބެރޯން މަރުވީ ހާޓް އެޓޭކެއް ޖެހިގެންނެވެ.

ފިއޮރެންޓީނާ އިން ހޯމަ ދުވަހު ބުނެފައި ވަނީ، އާދީއްތަ ދުވަހު އެޓަލާންޓާގައި ކުޅުނު އިޓާލިއަން ލީގުގެ މެޗަށް އެ ޓީމު ހޮޓަލުން ނުކުންނަމުން ދަނިކޮށް، ބެރޯން ވެއްޓުމުން ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި އޭނާ އޮތީ ލައިފް ސަޕޯޓުގައި ކަމަށް ވެސް އެ ކުލަބުން ބުންޏެވެ. އެކަމުގެ ސަބަބުން ފިއޮރެންޓީނާ ކުޅެން އޮތް މެޗު ވެސް ވަނީ ފަސްކޮށްފަ އެވެ. ނަމަވެސް އަލުން އެ މެޗު ކުޅޭނެ ތާރީޚެއް އިއުލާން ކޮށްފައެއް ނުވެއެވެ.

އިޓަލީއަށް އުފަން އެމެރިކާގެ ބިލިއަނަރު 2019 ވަނަ އަހަރު އެ ކުލަބު ގަތް ފަހުން، ފިއޮރެންޓީނާގެ ރައީސް ކޮމިސޯއާ އެކު އެ ކުލަބުގެ ލީޑަޝިޕްގައި ބެރޯން ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ބެރޯން މަރުވުމުން ފިއޮރެންޓީނާ އިން ވެސް ވަނީ އެކަމުގެ ހިތާމަ ފާޅުކޮށް ބަޔާނެއް ނެރެފަ އެވެ. އަދި މި ދަނޑިވަޅުގައި ބެރޯންގެ އާއިލާގެ އެންމެހާ މެމްބަރުންނަށް ތައުޒިޔާ ވެސް އެ ކުލަބުން ވަނީ ފޮނުވައިފަ އެވެ.

ބުދަ ދުވަހު 58 އަހަރު ފުރޭ ބެރޯން، ފިއޮރެންޓީނާގެ މަގާމާ ހަވާލުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

- ކޮމެންޓް