ޚާރިޖީ ސިޔާސަތު ބައްޓަންކުރާއިރު ދަރަންޏަށް ވިސްނަންޖެހޭ ކަމަށާއި، އެކަމުން ގައުމުގެ ސަލާމަތަށް އަސަރުކުރާކަމަށް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ ދައުލަތުގެ ދަރަނި އަނބުރައި ދެއްކުމަށާއި ދައުލަތުގެ މާލީ ދެމެހެއްޓެނިވިކަން ގާއިމުކުރަން ސަރުކާރުން ރާވާފައިވާ ގޮތް ހާމަކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރަށް ވާހަކަދައްކަވަމުންނެވެ. އީވާ ވަނީ ރާއްޖޭގެ ބޭރުގެ ދަރަނި ރީސްޓްރަކްޗަރ ކުރާނެ ގޮތް ދިރާސާކުރަން ޚާއްސަ ކޮމިޓީއެއް އެކުލަވާލައި ބޭރުގެ މާހިރުންގެ ލަފާ ހޯދުމަށް މުޅި މަޖިލީހުން ފާސްކޮށް، ކުރީގެ ސަރުކާރަށް ލަފާދީފައި ވާނެކަމަށް ވިދާޅުވެފައެވެ. އީވާ ވިދާޅުވީ ދަރަނީގެ ބޮޑެތި އަދަދުތައް ރީ-ފައިނޭންސްކޮށް ދަރަނި އަނބުރައި ދައްކާނެ ލުއި ގޮތްތަކެއް ހޯދާއިރު، މާކެޓާ ރައްކާތެރި ގޮތެއް ހޯދަންޖެހޭ ކަމަށެވެ.
އީވާ ވިދާޅުވީ ދަރަނީގެ ސަބަބުން ވެސް ގައުމުގެ ހަމަޖެހުމަށް އަސަރުކުރާ ކަމަށެވެ. އަދި އެހެން ގައުމުތަކަށް ބަރޯސާވާންޖެހޭ މިންވަރާއި، ރާއްޖެއަކީ ކުޑަ ޤައުމެއްކަން ދަނެގެން އެފަދަ ސިޔާސަތުތައް ބައްޓަންކުރަންޖެހޭ ކަމަށެވެ. އަދި މިހާރު ދުނިޔޭގައި ސުލްހަ ހިފަހައްޓަނީ ހަތިޔާރުން ނޫން ކަމަށާއި، އެއީ ގައުމުތަކާ މީހުންނާ ދެމެދު ދަތުރުކުރާ މިންވަރާއި ތަކެތި ބަދަލުކުރާ މިންވަރަށް ބަރޯސާވާ ކަމެއް ކަމަށް އީވާ ވިދާޅުވިއެވެ. އެހެންކަމުން ވީވަރަކުން ގިނަ ގައުމުތަކާއެކު ވިޔަފާރިކޮށް، ގައުމުތަކަށް ދަތުރުކުރެވެންޖެހޭ ކަމަށް އީވާ ވަނީ ވިދާޅުވެފައެވެ.
އެ ބިލަށް ބަހުސްކުރެއްވި މެމްބަރުން ވެސް ވަނީ ޚާރިޖީ ސިޔާސަތު ބަދަލުވާގޮތަށް ސަރުކާރުން އަމަލުކުރާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ގައުމު ނާޒުކު މަގަކަށް ވެއްޓޭފަދަ ކަންކަން ކޮށްގެން ނުވާނެކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.
އީވާ ވަނީ ވަށާޖެހޭނެ ގޮތަކަށް ތަރައްގީގެ ޕްލޭނެއް އެކުލަވާލަންޖެހޭ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އެ ޕްލޭނަކީ ރާއްޖޭގެ މާލީ ހާލަތު ތަންދޭ ސިޔާސަތެއްގެ ގޮތުގައި ހަދަން އީވާގެ ގަރާރުގައި ވަނީ ގޮވާލައްވާފައެވެ.