މި ސަރުކާރުން އެއްގޮތަކަށް ވެސް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގްރޫޕުން ބުނެފިއެވެ.
އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ ސަރުކާރުން މަޖިލިސް ކުރިއަށް ގެންދަން އެހާ ބޭނުން ނުވާ ސަބަބަކީ ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތް މަޖިލީހުން ކުރަމުންދާތީ ކަމަށެވެ. އަދި އަންގާރަ ދުވަހު މަޖިލީހަށް ހާޒިރުވި ސަރުކާރަށް ނިސްބަތްވާ މެންބަރުން ޖަލްސާ ބާއްވާ ވަގުތު ތަޅުމަށް ވަދެވަޑައިގަތް ނަމަ، ކޯރަމް ހަމަވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. ޖަލްސާ ކުރާ މާލަމަށް ވަދެވަޑައި ނުގެން ތަޅުމުން ބޭރުގައި އެ ބޭފުޅުން ތިއްބެވީ ގަސްތުގައި ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ފަހަރުގައި މެންބަރުން އެގޮތަށް އަމަލުކުރެއްވީ ޖަލްސާ ކުރާ މާލަަމަށް ހަމަވެއްޖެ ނަމަ، ޖަލްސާގެ ކޯރަމް ހަމަވެދާނެތީ ކަމަށް ވުން އެކަށީގެންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އާޒިމް ވަނީ ސަރުކާރުން ބޭނުން ވަނީ މަޖިލިސް ހުއްޓުވާލާފައި ބާއްވާ، ސަރުކާރުން ބޭނުންވާހާ ގޮތަކަށް ކަންކަން ކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު އާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲއާ ދެ ބޭފުޅުން ވެސް ވަނީ މިގޮތަށް މަޖިލީހުގެ ޖަލްސާތައް ނުބޭއްވި ދިގުލައިގެން ދިއުމަކީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން ޖަލްސާތައް ނުބޭއްވުމުގެ ނާޖާއިޒު ފައިދާ ސަރުކާރުން ދަނީ ނަގަމުންކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. މަޖިލިސް ތަޅުލާފަ ނިދާފަ ތިބޭކަމުގައި ވަނީ ނަމަ، ސަރުކާރާއި މުއައްސަސާތަކަށް ވެސް އެކަމުގެ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
އީވާ ވިދާޅުވީ ސަރުކާރަށް ފާރަވެރިވުމުގެ ޒިންމާ މަޖިލީހުން އަދާކުރަން ޖެހޭނެ ކަމަށާއި އެހެން ނޫން ނަމަ ސަރުކާރުން ވެސް އަދި މުއައްސަސާތަކުން ވެސް ބޭނުންވާ ގޮތަކަށް އެ މުއްދަތުގެ ތެރޭގައި ކަންކަން ކުރުމަށް ފުރުސަތު ލިބެމުންދާ ކަމަށެވެ. މިހާރު ވެސް މަޖިލީހުގައި މުހިންމު ބިލްތަކާއި ގަރާރު އަދި މައްސަލަތައް ހުރިކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ބޯހިޔާވަހިކަމާއި، ދައުލަތުގެ ޚަރަދު، ސޮވަރިން ފަންޑު އަދި ޤާނޫނު އަސާސީ އަށް އިސްލާހު ގެނައުން ފަދަ މުހިންމު މަސައްކަތްތައް މި ވަގުތު ވެސް މަޖިލީހުގައި އެބަ އޮތް ކަމަށް އީވާ ވަނީ ވިދާޅުވެފައެވެ. އީވާ ވިދާޅުވީ މަޖިލީހުގެ ދައުރުގެ ބާކީ އޮތީ ދެ މަސް ދުވަސް ކަމަށާއި މަސައްކަތްތައް ނިންމުން އަވަސްކުރަން ޖެހޭ ކަމަށެވެ.
އަންގާރަ ދުވަހު 09:00 ގައި ޖަލްސާ ފެށި އިރު ޖަލްސާ އަށް ހާޒިރުވެ ތިބީ އެންމެ 11 މެންބަރުންނެވެ. ދެވަނަ ފަހަރު ޖަލްސާ ފެށުމަށް މެންބަރުން ހަމަވޭތޯ 9:30އާ ހަމައަށް ބަލާފައިވެއެވެ. އެއަށް ފަހު ރިޔާސަތުން ވަނީ އަންގާރަ ދުވަހުގެ ޖަލްސާއަށް މަޖިލީހުގެ ގަވާއިދު ބުނާ އަދަދަށް މެންބަރުން ހަމަނުވާތީ ނުބޭއްވޭނެ ކަމަށް އިޢުލާންކުރައްވާފައެވެ.