އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި ލެއިސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޗެލްސީން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
އާދީއްތަ ދުވަހުގެ ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗު ޗެލްސީން ކާމިޔާބު ކުރީ 4-2 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ލަނޑު ފެނުނުއިރު، އަނެއް ހަތަރު ލަނޑު ފެނުނީ ދެ ވަނަ ހާފުގަ އެވެ.
މެޗު ފަށައިގެން 13 ވަނަ މިނެޓުގައި ޗެލްސީން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ޑިފެންޑަރު މާކު ކުކުރެއްލާ އެވެ. އޭގެ ފަހުން ޗެލްސީ އަށް ލީޑު ފުޅާ ކުރުމަށް ލިބުނު ފުރުސަތުގައި، ރަހީމް ސްޓާލިން ފޮނުވާލި ޕެނަލްޓީ ކާމިޔާބުވާ ގޮތެއް ނުވި އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކޯލް ޕާމާ ވަނީ ލަނޑު ޖަހައި ޗެލްސީ އަށް ލީޑު ހޯދައިދީފަ އެވެ.
ދެ ވަނަ ހާފުގައި ލެއިސްޓަރ އިން ނަތީޖާ ހަމަހަމަ ކުރި އެވެ. ދެ ވަނަ ހާފުގައި އެ ޓީމުގެ ފުރަތަމަ ލަނޑަކީ ޗެލްސީގެ އެކްސެލް ޑިސާސީ އަތުން ބައި ކޮޅަށް ވަތް ލަނޑެކެވެ. އޭގެ ފަހުން އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ސްޓެފީ މަލްޑިވިޑީ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޗެލްސީ އަށް ލީޑު ނަގައިދިނީ ކާނޭ ޗުކުވުއެމެކާ އެވެ. އޭގެ ފަހުން ޗެލްސީގެ ހަތަރު ވަނަ ލަނޑު ޖެހީ ނޯނީ މަޑުއޭކް އެވެ.
މުބާރާތުގެ ސެމީ ފައިނަލްގައި ޗެލްސީން ނިކުންނަން ޖެހޭނީ މެންޗެސްޓަރ ސިޓީއާ ދެކޮޅަށެވެ.