ކ. މާލެ
|
17 މާރޗް 2024 | އާދީއްތަ 13:55
އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް
އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް
މިހާރު
އެފްއޭއެމްގެ އިންތިޚާބު
އެފްއޭއެމް ރައީސްކަމުގެ ތިން ވަނަ ދައުރަކަށް ބައްސާމް ކުރިމަތިލައްވައިފި
 
އެފްއޭއެމްގެ ރައީސްކަމަށް އެންމެ ފުރަތަމަ ބައްސާމް އިންތިޚާބުވެވަޑައިގެންނެވީ 2016 ވަނަ އަހަރު

އަންނަ މާހު ބާއްވަން މަސައްކަތް ކުރަމުން އަންނަ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިޚާބުގައި، އެ އެސޯސިއޭޝަންގެ ރައީސްކަމަށް ވާދަކުރެއްވުމަށް ބައްސާމް އަދީލް ޖަލީލް ފޯމު ހުށަހަޅުއްވައިފި އެވެ.

އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވީ ހޮނިހިރު ދުވަހު އެވެ. މުއްދަތު ހަމަވީއިރު، އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލެއްވީ ދެ ބޭފުޅުންނެވެ. އެއީ މިހާރު ވެސް އެ އެސޯސިއޭޝަންގެ ރައީސްކަމުގައި ހުންނެވި ބައްސާމްގެ އިތުރުން، އެފްއޭއެމްގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަޙުމަދު ޠާރިޤް (ޓޮމް) އެވެ.

އެންމެ ފުރަތަމަ އެފްއޭއެމުން މަސައްކަތް ކުރީ މިދިޔަ ޖަނަވަރީ މަހު އިންތިޚާބު ބޭއްވުމަށެވެ. ނަމަވެސް އެ އިންތިޚާބުގައި ވާދަ ނުކުރެއްވުމަށް ބައްސާމް ނިންމެވި އެވެ. އެ އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވީ ޓޮމްގެ އިތުރުން ކުލަބު އީގަލްސްގެ ވައިސް ޗެއާމަން މުފާވިޒް ޙާޝިމް (މުފާ) އެވެ. ނަމަވެސް މައްސަލަ ބޮޑުވެ، އެ އިންތިޚާބު ބާތިލު ކުރަން ޖެހުނީ އެވެ. އޭގެ ފަހުން އެފްއޭއެމްގެ ކޮމިޓީތައް އެކުލަވާލުމަށް ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަށް ފަހު، ބައްސާމް ވަނީ އިންތިޚާބުގައި ވާދަކުރައްވަފާނެ ކަމުގެ އިޝާރާތެއް ވެސް ދެއްވައިފަ އެވެ. އެ ދުވަހު ބައްސާމް ވިދާޅުވީ ވާދަނުކުރައްވާނެ ކަމަށް ވިދާޅުވި އިންތިޚާބު ބާތިލު ވެއްޖެ ކަމަށާއި، ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރެއްވުމާމެދު ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ.

އެފްއޭއެމްގެ ރައީސްކަމަށް އެންމެ ފުރަތަމަ ބައްސާމް އިންތިޚާބުވެވަޑައިގެންނެވީ 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން އެފްއޭއެމްގެ ރައީސްކަމުގެ ދެ ވަނަ ދައުރަކަށް ބައްސާމް އިންތިޚާބުވެވަޑައިގެންނެވީ 2020 ވަނަ އަހަރު އެވެ. އެ ފަހަރުގެ އިންތިޚާބުގައި ވާދަކުރެއްވީ ވެސް ބައްސާމް އެކަންޏެވެ. އެހެންކަމުން މިހާރު ބައްސާމް ކުރިމަތި ލެއްވީ، އެފްއޭމްގެ ރައީސްކަމުގެ ތިން ވަނަ ދައުރަކަށެވެ.

އެފްއޭއެމްގެ ރައީސްކަމަަށް ބައްސާމް ކުރިމަތިލެއްވީއިރު، ބައްސާމާ ދެކޮޅަށް ކުރާ ދައުވާގެ ޝަރީއަތްތައް ވަނީ ފަށައިފަ އެވެ. އެއީ ބައިނަލްއަޤުވާމީ ފުޓުބޯޅަ އިދާރާތަކުން އެފްއޭއެމަށް ދެމުން އައި ފައިސާ އަށް ޚިޔާނާތްތެރިވެފައިވާ މައްސަަލަައިގަ އެވެ. ބައްސާމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ޚިޔާނާތާއި، މަނީ ލޯންޑަރިންގެ ދައުވާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް