Advertisement
ކ. މާލެ
|
15 މާރޗް 2024 | ހުކުރު 12:11
ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙުމަދު ޢީސަ
ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙުމަދު ޢީސަ
ރާއްޖެއެމްވީ
އީސަގެ ފާޑުކިޔުން ސަރުކާރަށް
ރަމަޟާން މަހު ރައީސް މުއިއްޒުގެ ދޮގުހެދުން ކުރިއަށްވުރެ އެއް ދަރަޖަ ކުރިއަށް ޖައްސާލައިފި - އީސަ
މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތްތައް ނުދިނުމާއި، މަސްވެރިންނަށް ފައިސާ ދިން ކަމަށް ބުނާ ވާހަކަތަކުގައި ވެސް އޮޅުވާލުންތަކެއް ހުރި ކަމަށް އީސަ ވިދާޅުވި

ރަމަޟާން މަހު ރައީސް މުއިއްޒުގެ ދޮގުހެދުން ކުރިއަށް ވުރެ އެއް ދަރަޖަ ކުރިއަށް ޖައްސާލާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ކުރިއަށް ގެންދާ މިސްރާބު ހަމަ މަގަށް ކެމްޕެއިންގެ ތަރުޖަމާން އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.

Advertisement

އެނާ މިހެން ވިދާޅުވީ ނިމިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. މި ސަރުކާރުން ފެށުނީއްސުރެ ރައްޔިތުންނަށް އޮޅުވާލާ ދޮގު ހަދަމުންދާ ކަމަށް އީސަ ވިދާޅުވިއެވެ. ނަމަވެސް ހުދު ރައީސް ޑރ.މުހައްމަދު މުއިއްޒު ރޯދަ މަހު ދޮގު ނުހެދުމަށް އިލްތިމާސްކުރައްވާފައިވާތީ ރޯދަ މަހު ސަރުކާރުން ހަދާ ދޮގުތަކުގެ އަދަދު މަދުވާނެ ކަަމަށް ވަރަށް ބޮޑަށް އުންމީދުކުރެއްވި ކަމަށް ވެސް އީސަ ވިދާޅުވިއެވެ. އެހެންނަމަވެސް ސަރުކާރުން ދޮގު ހެދުން ކުރިއަށް ވުރެ އިތުރުކޮށްފައިވާ ކަމަށައި މިހާރު ދޮގުތައް ދަރަޖަކޮށްފައިވާ ކަމަށް އީސަ ވިދާޅުވިއެވެ.

މިހާރު ޔަގީންވެއްޖެ މި ސަރުކާރުން ދުވަހަކުވެސް ތެދެއް ނުހަދާނެކަން. މި ސަރުކާރުން ތަކުރާރުކޮށް ކުރާ ކަމަަކީ ރައްޔިތުންނަށް އޮޅުވާލުންކަން. މި ސަރުކާރުގެ ދޮގުހަދާ މިންވަރަކީ ދޮގުތައް ވެސް ކެޓަގަރައިޒްކޮށްފި. ކުދި ދޮގު މެދު ދޮގު، ބޮޑު ދޮގު، ބުހުތާނު ދޮގު.
ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ

މި ސަރުކާރުން ހެދި ދޮގުތަކުގެ ތެރޭގައި ކައުންސިލް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި މެދު ރައީސް ދެއްކެވި ވާހަކަ ހިމެނޭކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ކައުންސިލްގެ އިދާރީ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެނެވޭނީ މަޖިލީހުންކަމަށް ބުނި ނަމަވެސް އެއީ ދޮގެއް ކަމަށް އީސަ ވިދާޅުވިއެވެ. އަދި އިދާރީ މުވައްޒަފުންގެ މުސާރައަށް ބަދަލުގެންނަން އެމްޑީޕީގެ ސަރުކާރުގައި މަސައްކަތް ކުރި ކަމަށް ވެސް އީސަ ވަނީ ވިދާޅުވެފައެވެ.

ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ސަރުކާރާއި މާލީ ވުޒާރާއިން މަސައްކަތް ކުރާކަމަށާއި ނަމަވެސް ކައުންސިލްތައް ގިންތިކޮށްފައި ހުންނަ ގޮތުން އެކަން ކުރުމަށް ދަތިވާކަަަމަށް ވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި މިކަމަށް ހައްލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ. ނަމަވެސް އެއީ ރައްޔިތުންނަށް އޮޅުވާލެއްވުމަށް ދެއްކެވި ވާހަކަ އެއް ކަމަށް އީސަ ވިދާޅުވިއެވެ.

މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި މެދު ދައްކާ ދޮގު ވާހަކަތައް ހުއްޓާލުމަށް އީސަ ވަނީ ގޮވާލައްވާފައެވެ. މީގެ އިތުރުން މުވައްޒަފުންނަށް ދޭން ޖެހޭ މުސާރަ އާއި އިނާޔަތްތައް ނުދިނުމާއި، މަސްވެރިންނަށް ފައިސާ ދިން ކަމަށް ބުނެ ދައްކާ ވާހަކަތަކުގައި ވެސް އޮޅުވާލުންތަކެއް ހުރި ކަމަށް އީސަ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް