ކ. މާލެ
|
14 މާރޗް 2024 | ބުރާސްފަތި 05:31
މެޗުގައި ލަނޑު ޖެހުމަށްފަހު އެތުލެޓިކޯގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އެތުލެޓިކޯގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގު
އަމިއްލަ ދަނޑުގައި ނަތީޖާ އަނބުރާލައި، އެތުލެޓިކޯ ކުއާޓާ ފައިނަލަށް
ޕެނަލްޓީގައި އެތުލެޓިކޯ އިން ތިން ޕެނަލްޓީ ކާމިޔާބު ކުރިއިރު، އިންޓަ އަށް ކުރެވުނީ ދެ ޕެނަލްޓީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގައި އެންމެ ފަހުގެ ރަނަރަޕް އިންޓަ މިލާން ބަލިކޮށް، އެތުލެޓިކޯ މެޑްރިޑުން ކުއާޓާ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.

މި ދެ ޓީމު އިންޓަ މިލާންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު 1-0 އިން ކާމިޔާބު ކުރީ މިލާން އެވެ. ނަމަވެސް އެތުލެޓިކޯ އިން ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ކާމިޔާބުކޮށްފަ އެވެ. އެއީ މެޗުގެ ފުރިހަމަ ވަގުތުގައި ކުރި ހޯދައިގެން، އެގްރިގޭޓު އެއްވަރުކޮށް، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ.

އެތުލެޓިކޯގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު ފަށައިގެން 33 ވަނަ މިނެޓުގައި ލީޑު ނެގީ ވެސް އިންޓަ އިންނެވެ. ނިކޮލޯ ބަރެއްލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އިންޓަ އަށް ލީޑު ނަގައިދިނީ ފެޑެރިކޯ ޑިމާކޯ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އެތުލެޓިކޯ އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އިންޓަ އިން ލަނޑޑު ޖެހިތާ ދެ މިނެޓު ފަހުން، އެންޓޮއިން ގްރީޒްމަން ވަނީ ލަނޑު ޖަަހައި އެތުލެޓިކޯ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. މެޗުން އެތުލެޓިކޯ މޮޅުކޮށްދިނީ މެމްޕިސް ޑިޕާއީ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށްވެފައި ވަނިކޮށް އޭނާ އެ ލަނޑު ޖެހީ ކޯކޭ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން، އިތުރު ވަގުތުގެ ދެ ހާފު ވަނީ ކުޅެފަ އެވެ. އެ ދެ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހެ އެވެ. އެހެންވެ ނަތީޖާ ނެރުމަށް ޖެހީ ޕެނަލްޓީ އެވެ. އެ ޕެނަލްޓީގައި އެތުލެޓިކޯ އިން ތިން ޕެނަލްޓީ ކާމިޔާބު ކުރިއިރު، އިންޓަ އަށް ކާމިޔާބު ކުރެވުނީ ދެ ޕެނަލްޓީއެވެ.

- ކޮމެންޓް