ވެމްކޯއިން ހިލޭ ކުނި އުކާލުމުގެ ހިދުމަތެއް ދޭން ފަށައިފިއެވެ.
ރޯދައާއި ގުޅިގެން ގޭތެރެ ސާފުކޮށް ކުނި ނެރެ ކަންކަންމަތީގައި ޖަމާކުރަމުންދާތީ އެކަމާއި ގުޅިގެން ވެމްކޯއިން ބުނީ، ރޯދަމަހާއި ދިމާކޮށް ބޮޑެތި ކުނި އުފައްދާ މިންވަރު އިތުރުވެފައިވާ އިރު، އެ ކުނިތައް އުކާލުމަށް ދިމާވެފައިވާ ކަންބޮޑުވުންތަކާއި ގުޅިގެން ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަންގެ މެނޭޖްމަންޓުން އާދީއްތަ ދުވަހުގެ ހަވީރު 6:00ން ފެށިގެން މާލެ ސަރަހައްދުގެ ޓްރާންސްފާ ސްޓޭޝަނަތަކަށް އާންމު ރައްޔިތުންގެ ގެންނަ ބޮޑެތި ކުނި އަދި ގެ ސާފުކުރުމުގައި އުފައްދާ ކުނި ހިލޭ އުކޭނެ އިންތިޒާމް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ހިލޭ އުކޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނީ އާދިއްތަ (10 މާރޗް) ގެ ހަވީރު 6:00ން ފެށިގެން މާރޗް 13ގެ ދަންވަރު 12:00 އަށެވެ. މި މުއްދަތުގެ ތެރޭގައި އާންމު ރައްޔިތުންގެ ކުނި ގެންނަ ވެހިކަލްތަކުން އެންޓްރީ ފީ އަދި ޑިސްޕޯސަލް ޗާޖްވެސް ދައްކަން ނުޖެހޭނެ ކަމަށް ވެމްކޯއިން ބުނެއެވެ.
މީގެ އިތުރުން މި މުއްދަތުގެ ތެރޭގައި ޓްރާންސްފަރ ސްޓޭޝަންއަށް ވިޔަފާރިތަކުން ކުނި އުކާނީ މިހާރެކޭވެސް އެއްފަދައިން ގެނެވޭ ކުނީގެ ބަރުދަނަށް ބަލައި ކިލޯއަކަށް 75 ލާރީގެ މަގުން ފީދެއްކުމަށްފަހުގައި ކަމަށް ވެމްކޯއިން ބުނެއެވެ. އަދި މިއާއެކު ސަރުކާރުގެ މުއައްސަސާތަކުންނާއި ވިޔަފާރި އުސޫލުން ގަވާއިދުން ކުނި ނެގުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން މިހާރެކޭވެސް އެއްފަދައިން ކިިލޯއަކަށް 2.66 ރުފިޔާ ދައްކަން ޖެހޭނެއެވެ. އަދި ވެހިކަލް ފީގެ ގޮތުގައި ވަންނަ ކޮންމެ ފަހަރަކު 150 ރުފިޔާ ދައްކަން ޖެހޭ ކަމަށް ބުނެފައިވެއެވެ.
ވެމްކޯއިން ބުނީ މާރޗް 10 ވަނަ ދުވަހުގެ ހަވީރު 6:00ން ފެށިގެން މާރޗް 13 ވަނަ ދުވަހުގެ ދަންވަރު 12:00ގެ ނިޔަލަށް މާލެ ސަރަހައްދުގެ ޓްރާންސްފަރ ސްޓޭޝަންތަކަށް އާންމު ރައްޔިތުން ގެންނަ ކުނި ހިލޭ އުކޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. އަދި ހިލޭ އުކޭނެ ކުނީގެ ތެރޭގައި ތެތް ކުނި (ކާބޯތަކެތި، ފަނާވާ ޒާތުގެ ކުނި) އަދި އިމާރާތްކުރުމާއި އިމާރާތް ތަޅާލުމުގައި އުފައްދާ ކުނި ނުހިމެނޭނެ ކަމަށް ބުނެފައިވެއެވެ. އަދި 11 ވަނަ ދުވަހު ޓްރާންސްފަރ ސްޓޭޝަންތަކުގެ ހިދުމަތް ފެށޭނީ މެންދުރު 2:00 ގައި ކަމަށް ވެސް ވެމްކޯއިން ބުނެއެވެ.