ކ. މާލެ
|
9 މާރޗް 2024 | ހޮނިހިރު 07:13
ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފަލަސްތީނަށް ތާއީދުކޮށް ކުރި މުޒާހަރާ
ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފަލަސްތީނަށް ތާއީދުކޮށް ކުރި މުޒާހަރާ
ރޮއިޓާސް
ޣައްޒާ ހިފުމަށް ކުރާ ހަނގުރާމަ
ރަމަޟާން މަސް ފެށުމުގެ ކުރިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާ ހަމައަށް އިސްރާއީލާ ހަމާސް އަށް އާދެވުން ދުރު
 
ހަނގުރާމަ ހުއްޓާލުމާއި ގުޅޭގޮތުން މިސްރުގައި ކުރިޔަށްގެންދިޔަ މަޝްވަރާތައް ވަނީ ނިމުމަކަށް އައިސްފައި

އަންނަ ހަފްތާގައި މުސްލިމުންނާ ބައްދަލުކުރާ ބަރަކާތްތެރި ރަމަޟާން މަސް ފެށެންވާއިރަށް އިސްރާއީލާއި ހަމާސް އާ ދެމެދު ހަނގުރާމަ ހުއްޓާލުމާއި ގުޅޭ އެއްބަސްވުމަކާ ހަމައަށް އާދެވުމުގެ އުންމީދު ކުޑަވާން ފަށައިފިއެވެ.

އިސްރާއީލާއި ހަމާސް އާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާ ހަމައަށް އައުމާއި ގުޅޭ މަޝްވަރާތަކެއް މިސްރުގައި މިދިޔަ ހަފްތާގައި ވަނީ ކުރިޔަށްގެންގޮސްފައެވެ. އެ ވާހަކަތަކުގައި ބައިވެރިވާ ހަމާސްގެ ވަފުދު ބުރާސްފަތި ދުވަހު ވަނީ މިސްރުން ފުރާފައެވެ. ނަމަވެސް ވާހަކަތައް ކުރިޔަށްދާނެކަމަށް ހަމާސް އިން ވަނީ ބުނެފައެވެ. މިވާހަތަކާއި ގުޅޭގޮތުން ހަމާސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަމަޟާން މަހުގެ ކުރިން ހަނގުރާމަ ހުއްޓާލުމަށް ކުރިޔަށްގެންދެވުނު މަޝްވަރާތަކުން އެކަމަށް އެއްބަސްވުމަކާ ހަމައަށް އާދެވިފައިނުވާކަމަށެވެ.

ހަމާސްގެ ވަފުދު މިސްރުން ފުރީ ހަމާސްގެ ލީޑަރޝިޕާއެކު ހަނގުރާމަ ހުއްޓާލުމާއި، ގެދޮރު ގެއްލިފައިވާ ޣައްޒާގެ ރައްޔިތުންނަށް އަނބުރާ އެމީހުންގެ ގެދޮރަށް ދިއުމުގެމަގު ތަނަވަސް ކޮށްދިނުމާއި ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް އިތުރަށް މަޝްވަރާކުރުމަށްކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ހަމާސްގެ ސީނިއަރ އޮފިޝަލެއްކަމުގައިވާ އަބޫ ޒުހުރީ ވިދާޅުވީ މިސްރުގައި ހަތަރު ދުވަސް ވަންދެން ކުރިޔަށްދިޔަ މަޝްވަރާތައް ނިމިފައިވަނީ އިސްރާއީލުން އެކަމަށް އެއްބަސްނުވުމުގެ ސަބަބުން އެއްވެސް ކާމިޔާބީއެއް ނުލިބިކަމަށެވެ. އަބޫ ޒުހުރީ ވިދާޅުވީ ހަމާސް އިން އެދޭގޮތަށް އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާއިން ފޭބުމަށާއި ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އެހީ އެއްވެސް ހުރަހަކާ ނުލާ ޣައްޒާއަށް އެތެރެކުރުމަށާއި ގެދޮރު ގެއްލިފައިވާ ޣައްޒާގެ ރައްޔިތުންނަށް އަނބުރާ އެމީހުންގެ ގޯތި ގެދޮރަށް ދިޔުމަށް އިސްރާއީލުން ދެކޮޅު ހަދާފައިވާކަމަށެވެ.

އަނެއްކޮޅުން އެމެރިކާގެ ރައީސް ޖޯ ބައިޑަންވެސް ވަނީ ރަމަޟާން މަސް ފެށުމުގެ ކުރިން އިސްރާއީލާއި ހަމާސް އާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާ ހަމައަށް އާދެވުން ނާދިރުކަމެއްގެ ގޮތުގައި ފެންނަމުން ދާކަމަށް ވިދާލު ވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް