ކ. މާލެ
|
8 މާރޗް 2024 | ހުކުރު 11:51
އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް
އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް
މިހާރު
އެފްއޭއެމްގެ އިންތިޚާބު
ވެލެންސިއާ ސަސްޕެންޑުކުރުމަށްފަހު، އެފްއޭއެމްގެ އިންތިޚާބަށް އިއުލާންކޮށްފި
 
ވެލެންސިއާ ސަސްޕެންޑު ކުރަން ނިންމައި، އެފްއޭއެމުން ވަނީ ބުރާސްފަތި ދުވަހު އިންތިޚާބަށް އިއުލާންކޮށްފައި

ފުޓުބޯޅައިގެ ހުރިހާ ހަރަކާތަކުން ކުލަބު ވެލެންސިއާ ސަސްޕެންޑު ކުރުމަށްފަހު، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިޚާބަށް އިއުލާންކޮށްފި އެވެ.

އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީން އެ ނިންމުން ނިންމީ ބުރާސްފަތި ދުވަހު އެވެ. އެފްއޭއެމް އަށް ވެލެންސިއާގެ މައްސަލަ ހުށަހެޅީ، އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލާ ގާތް ގުޅުން އޮންނަ، ޙަސަން ވަޙީދު (ދޮނާ) އެވެ. އެ މައްސަލައިގައި އޭނާ ބުނެފައި ވަނީ، ވެލެންސިއާގެ ހިންގާ ކޮމެޓީން އޭނާ ވަކިކޮށްފައި ވަނީ ޤަވާއިދާ ޚިލާފަށް ކަމަށާއި، އެ މައްސަލަ ބަލައި އެކަމުގައި ޝާމިލުވެފައިވާ ފަރާތްތަކަށް ފިޔަވަޅު އަޅައި ދިނުމަށެވެ. އަދި އެކަމާ ގުޅުން ހުރި ލިޔެކިޔުންތައް އުފައްދައި، ކުލަބުގެ އޭޖީއެމް ބޭއްވި ކަމަށް ދައްކައި އޮޅުވާލައިގެން ކަންކަން ތަރުތީބު ކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ މައްސަލަ ބެލުމަށްފަހު އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމާފައި ވަނީ، ވެލެންސިއާގެ އޭޖީއެމް އަދި ހިންގާ ކޮމިޓީގެ އިންތިޚާބު، އެ ކުލަބުގެ ހިންގާ ޤަވާއިދާއި އެފްއޭއެމްގެ އަސާސީ ޤަވާއިދު އަދި އިލެކްޓޯރަލް ކޯޑާއި އެއްގޮތްވާގޮތުގެ މަތިން ބާއްވައި، ހިންގާ ކޮމިޓީ ސައްހަ ގޮތުގައި އިންތިޚާބުކޮށް ނިމެންދެން، ކުލަބު ވެލެންސިއާ ފުޓުބޯޅައިގެ އެންމެހައި ޙަރަކާތްތަކުން ސަސްޕެންޑު ކުރުމަށެވެ. އަދި އެ ނިންމުން އިސްތިއުނާފު ކުރުމަށް ވެލެންސިއާ އަށް ވަނީ ހަތް ދުވަހުގެ މުހުލަތެއް ވެސް ދީފަ އެވެ.

ވެލެންސިއާ ސަސްޕެންޑު ކުރަން ނިންމައި، އެފްއޭއެމުން ވަނީ ބުރާސްފަތި ދުވަހުގެ ރޭ އިންތިޚާބަށް އިއުލާންކޮށްފަ އެވެ. އެގޮތުން އެފްއޭއެމްގެ ހިންގާ ކޮމެޓީގެ 25 ވަނަ ބައްދަލުވުމުގައި ނިންމާފައި ވަނީ، ބުރާސްފަތި ދުވަހުން ފެށިގެން 45 ދުވަހުގެ ތެރޭގައި އިންތިޚާބު ބޭއްވުމަށް ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ. އެހެންކަމުން އެފްއޭއެމްގެ އިންތިޚާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު އެވެ. އަދި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 16 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

އެފްއޭއެމްގެ އިންތިޚާބު ބާއްވަން އެންމެ ފުރަތަމަ މަަސައްކަތް ކުރީ، މިދިޔަ ޖަނަވަރީ މަހުގެ ފަހު ކޮޅު އެވެ. ނަމަވެސް، ކުލަބު ވެލެންސިއާގެ ތާއީދު ސިޓީ ދެ ކެންޑިޑޭޓުންގެ އަތުގައި އޮތް މައްސަލަ ބޮޑުވެ، އެންމެ ފަހުން ޖެހުނީ އެ އިންތިޚާބު ބާތިލު ކުރުމަށެވެ. އެއީ ޝަރުތު ހަމަނުވާ ކަމަށް އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން ނިންމި، ޤައުމީ ޓީމުގެ ކުރީގެ ފޯވާޑް އަޙުމަދު ޠާރިޤް (ޓޮމް)ގެ ފަރާތުން އެ މައްސަލަ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އަދި ސަރަހައްދީ ފުޓުބޯޅަ އިދާރާ (އޭއެފްސީ) އަށް ވެސް ހުށަހަޅާފައި އޮއްވަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް