އިދިކޮޅު މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ތާއީދު ކުރާތީ، ފެނަކަ ކޯޕަރޭޝަން ފީއަލީ ބްރާންޗުގެ ސްޓޭޝަން މެނޭޖަރު މިރުޒާ ވަޒީފާ އިން ވަކި ކޮށްފި އެވެ.
މިރުޒާ ވަޒީފާ އިން ވަކިކޮށްފައިވާކަން ފެނަކަ އިން އެންގީ، ބުރާސްފަތި ދުވަހުގެ ރޭ އެވެ. ވަޒީފާ އިން ވަކި ކުރި ޗިޓު ވެސް ވަނީ އޭނާ އަށް ފޮނުވައިފަ އެވެ. އެ ޗިޓު ވެސް ވަނީ މި ނޫހަށް ލިބިފަ އެވެ. ވަޒީފާ އިން ވަކި ކުރުމުގެ ކުރިން، ބުރާސްފަތި ދުވަހު ވަނީ މިރުޒާގެ ބަޔާނެއް ވެސް ނަގައިފަ އެވެ.
އެ ޗިޓުގައި ބުނެފައި ވަނީ މިރުޒާ ވަޒީފާ އިން ވަކިކޮށްފައި ވަނީ، ވަޒީފާގައި އިތުރަށް ބެހެއްޓުމުން ކުންފުންޏަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުން ތަކެއް ލިބިގެންދާ ކަމަށް ފެންނާތީ ކަމަށެވެ. އަދި މުވައްޒަފުގެ ކިބައިން އެއްގޮތަކަށް ވެސް ޚިދުމަތް ނުލިބުން ނުވަތަ މުވައްޒަފު ޒިންމާ ނުއުފުލުމުގެ ސަބަބުން ނުވަތަތ މުވައްޒަފުގެ އަމަލު ހުރި ގޮތުން ކުންފުންޏަށް ނުވަތަ މަސައްކަތް ކުރާ ތަނަށް ގެއްލުމެއް ލިބިދާނެ ކަމަށް ފެންނާތީ ކަމަށް ވެސް ބުނެފައިވެ އެވެ.
ފެނަކަ ފީއަލީ ބްރާންޗުގެ ސްޓޭޝަން މެނޭޖަރުގެ ވަޒީފާ މިރުޒާ އަށް ހަމަޖެހުނީ 2022 ވަނަ އަހަރުގެ މެެއި މަހުގެ ތެރޭގަ އެވެ. މި ސަރުކާރު އައި ފަހުން ވަނީ، ފެނަކަ ފީއަލީ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރުގެ މަޤާމަށް މީހަކު ހަމަޖައްސައިފަ އެވެ. އެ މަޤާމަށް އަޙުމަދު ޒާހިރު ހަމަޖައްސައި، އޭނާ އަށް އޮތީ ހިންގުން ވެސް ހަވާލުކޮށްފަ އެވެ. އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް، ޒާހިރު ފެނަކަ ފީއަލީ ބްރާންޗުގެ ބައެއް މުވައްޒަފުންނަށް ބިރު ދައްކާ ކަމަށް މުވައްޒަފުން ވަނީ ބުނެފަ އެވެ.
އެގޮތުން ވަޒީފާގައި ދެމި ތިބެން ބޭނުންވާ ނަމަ، އެމްޑީޕީގެ ފަރާތުން ބިލެތްދޫ ދާއިރާ އަށް ވާދަކުރައްވާ، މިހާރު ވެސް އެ ދާއިރާގެ މެމްބަރު އަޙުމަދު ޙަލީމް (ދޮންބިލެތް)ގެ ކެމްޕެއިނަށް ނުދިޔުމާއި، ދޮންބިލެތަށް ވޯޓު ނުދިނުމަށް އަންގާ ކަަމަށް އެ މުވައްޒަފުން ވަނީ ބުނެފަ އެވެ.