ކެމްޕޭން ކުރުމުގެ ހަމަހަމަ ފުރުސަތު ދިނުމަށް ސަރުކާރުން ޒިންމާދާރުކަމާއެކު ކަންކަން ބެލުމަށް އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހް މިފަދައިން ވިދާޅުވީ ފަރެސްމާތޮޑާގެ އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ޒައީމްގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައައިގައި ރާއްޖެއެމްވީން ކުރި ސުވާލާއި ގުޅީގެންނެވެ.
ރައީސް ޞާލިހު ވިދާޅުވީ ރާއްޖެއަށް ގެނައި ޑިމޮކްރަސީގެ ހިންގުމުގެ ނިޒާމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއެކީގައި ވާދަވެރިކަމާއެކީގައި އިންތިހާބުތަކުގައި ކެމްޕޭން ކުރުމުގެ ފުރުސަތު އޮންނަންޖެހޭނޭ ނިޒާމެއް ކަމަށެވެ. ފަރެސްމާތޮޑާގެ އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ޒައީމްގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައަށް އިޝާރާތް ކުރައްވާ ރައީސް ޞާލިހް ވިދާޅުވީ އެމަނިކުފާނު އެދިވަޑައިގަންނަވަނީ ލިބިވަޑައިގެންފައިވާ މިނިވަންކަން ގާނޫނީ ހުދޫދުގެ ތެރެއިން ބޭނުންކޮށް، އެބޭފުޅަކަށް ވޯޓު ހޯދަން މަސައްކަތް ކުރެވުނު ގޮތަކަށް މަސައްކަތް ކުރުއްވުން ކަމަށެވެ.
އަޅުގަނޑުގެ އިލްތިމާސަކީ މި ކަންކަން ވިޔަ ނުދިނުމަށްޓަކައި ކުރެވެން ހުރި ކަންތައްތައް ސަރުކާރުގެ ފަރާތުން ޒިންމާދާރުކަމާއެކު އެކަންކަން ބެލެހެއްޓުން.ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު
ފަރެސްމާތޮޑާގެ އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ޒައީމްގެ ގަޔަށް ކަޅުތެޔޮ ޖަހާފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރުއެވެ. އެވަގުތަކީ ދާއިރާގެ ބަހުސް އަށް ދާން ދިޔަ ވަގުތެވެ.