މަގުމަތީގެ އެކްސިޑެންޓްތަކަކީ ޒަމާނީ ޓެކްނޮލޮޖީއަށްވެސް އަތުނުވި ޤާތިލެކެވެ. ޢުމުރުގައި ބާކީ ދުވަސްތައް، ނުކުޅެދޭ ޙާލުގައި ގުނުމަށް އެތައް ބަޔަކަށް މަޖުބޫރު ކުރުވާ އަނިޔާވެރިއެކެވެ. މަގުމަތި ބޭނުން ކުރަން އޮންނަ ޤަވައިދާއި އުސޫލުތަކާ އެއްގޮތަށް ޢަމަލު ކުރި ކަމުގައި ވީ ނަމަވެސް، ހިތުން، ޤާނޫނުނަށް ވުރެ މަތީގައި އުޅޭ މީހުންގެ ޢަމަލުތަކުގެ ސަބަބުން، ހީވެސް ނުކުރާ ފަދަ ގޮތްގޮތަށް، އެތައް ބައެއްގެ ދިރިއުޅުން، އެފުށް މިފުށަށް ޖެހިފައި އެބަ ހުއްޓެވެ. މި ދެންނެވި ފަދަ އެކި ކަހަލަ ހާދިޘާތަކާ ގުޅިގެން މުޅި ހަށިގަނޑުން ވާގި ގޮސް، އަމިއްލަ އިޚްތިޔާރުގައި އިނގިއްޔެއްގެ މިންވަރުވެސް ގުޑުވާ ނުލެވޭ ޙާލަތުގައި ތިބި މީހުން އެބަ ތިއްބެވެ.
އެކި ސަބަބުތަކާއި ހެދި ހަށިގަނޑުން ބާރާއި ވާގި ގޮސްފައި ވާ މީހުންގެ ދިރިއުޅުމަށް އައިސްފައިވާ ހިތްދަތި މަޑުޖެހުމަށް ބަދަލެއް ގެނެސްދިނުމަށް ސައެންސްވެރިންނާއި ޞިއްޙީ ދާއިރާގެ ދިރާސާވެރިން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. މި މޭރުމުން ފާހަގަ ކޮށްލެވޭ ފަދަ ކުރިއެރުމެއް، ދާދި ފަހުން ހޯދި އެއް ޤައުމަކީ ޗައިނާއެވެ. ޗައިނާއިން ވަނީ ހަތަރެސް ފައިން ވާގި ގޮސްފައިވާ މީހެއްގެ ސިކުނޑިއަށް ޑިވައިސްއެއް ލައްވައިގެން، އެމީހާގެ ސިކުނޑިއާއި މެޝިނެއް ގުޅާލަދީފައެވެ. ޑިވައިސްއާއި މެޝިން ގުޅާކަށް ވާގަނޑެއް ބޭނުމެއް ނުވެއެވެ. ނުވިތާކަށް ޑިވައިސް ލައްވަން ކުރާ ސަރޖަރީއަކީވެސް މާ ބޮޑު ކެފުންތަކަކާއި ފެޅުންތަކެއް ބޭނުން ވާ ސަރޖަރީއެއް ނޫނެވެ. އެހެން ކަމުން، ހަތަރެސް ފައިން ވާގި ގޮސްފައިވާ މީހުންނާއި، ނާރުގެ އެނޫންވެސް މައްސަލަތައް ހުންނަ މީހުންނަށް ހަރަކާތްތެރިވެ އުޅެލެވިދާނެ ކަމުގެ އައު އުންމީދުތަކެއް ވަނީ ލިބިފައެވެ.
ސިންހުއާ ޔުނިވަރސިޓީގެ ޕްރޮފެސަރ ހޮންގް ބޯގެ ޓީމާއި، ކެޕިޓަލް މެޑިކަލް ޔުނިވަރސިޓީގެ ދަށުން ހިންގާ ބީޖީންގް ޓިއާންޓަން ހޮސްޕިޓަލުގެ ޕްރޮފެސަރ ޖިއާ ވޭންގް ޓީމު ގުޅިގެން ދާދި ފަހުން ކުރި މަސައްކަތުން، ބަލި މީހާގެ ސިކުނޑީގެ ސިގުނަލުން، ސްކްރީންގައިވާ ކަރސަރ، ކާމިޔާބު ކަމާ އެކު ވަނީ ކޮންޓްރޯލް ކޮށްފައެވެ.
ޢުމުރުން 35 އަހަރުގެ އެ ފިރިހެން މީހާ ފަރުވާތެރިކަމާއެކު ސްކްރީނަށް ބަލަން އިން އިރު، ސްކްރީންގައި ވާ ރަތް ބޯޅަ ވަނީ އެމީހާގެ ފިކުރާ އެއްގޮތަށް ހަރަކާތްކޮށްފައެވެ. މަޑު ދުވެއްޔެއްގައި ކުރިއަށް ގޮސް، ޢަމާޒު ކަމުގައި ކަނޑައަޅާފައި އޮތް ނޫ ބޯޅައާއި ހިސާބަށް ގޮސް، އެ ބޯޅަ ހުރަސްކުރިއެވެ.
އެ ޕޭޝަންޓަކީ މީގެ 5 އަހަރު ކުރިން ހިނގި ކާރު އެކްސިޑެންޓެއްގައި މައިބަދައަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން، ހަތަރެސް ފައިން ވާގި ގޮސްފައިވާ މީހެކެވެ. އަމިއްލަ ޙާލައިގެން އެއްވެސް ކަމެއް ނުކުރެވެއެވެ. ޕޭޝަންޓާއި އޭނާގެ ޢާއިލާއަށް ދެވެން ހުރި ހުރިހާ މަޢުލޫމާތެއް ދިނުމަށް ފަހު، 2 ފަރާތުގެވެސް ހުއްދައާއެކު ޖިއާގެ ޓީމުން ސަރޖަރީ ހެދީ މިދިޔަ ޑިސެމްބަރ މަހުއެވެ. ސިކުނޑިއާއި މެޝިނު ގުޅާލަދޭ އިންޓަރފޭސް ނުވަތަ އިމްޕްލާންޓަބަލް ޑިވައިސް، ނިއުރަލް އިލެކްޓްރޯނިކް އޮޕޮޗޫނިޓީ (ނިއޯ) ލެއްވުމަށެވެ.
ބްރެއިން-މެޝިން އިންޓަރފޭސް މެދުވެރިކޮށް، ކަނޑައަޅާ ވަކި އެއްޗެއްގެ ފަހަތުން ދިއުމަށް، ކަރސަރގެ ހަރަކާތްތައް މި ކޮންޓްރޯލް ކުރެވޭނީ، ބަލިމީހާގެ ސިކުނޑީގެ ސިގްނަލްތައް ނަގައި ޑިކޯޑްކޮށް، ހަރަކާތަށްޓަކައި އޭނާގެ ޚިޔާލުތައް ނަކަލު ކޮށްގެން.ޖިއާ ވޭންގް؛ ޑައިރެކްޓަރ ނިއުރޯސަރޖަރީ ސެންޓަރ، ކެޕިޓަލް މެޑިކަލް ޔުނިވަރސިޓީ
ސަރޖަރީ ހަދާ، ޕޭޝަންޓްގެ ހަށިގަނޑަށް ނިއޯ ލައްވާފައި ވަނީ، ނާރުތަކުގެ ސެލްތަކަށް ގެއްލުން ނުވާނެ ގޮތް ބަލައިގެންނެވެ. ސަރޖަރީ އަށް ފަހު، އެންމެ 10 ދުވަހުގެ ތެރޭގައި ހޮސްޕިޓަލުން ދޫކޮށްލިއެވެ.
އޭގެ ފަހުން ފާއިތުވެ ދިޔަ 2 މަސްދުވަހަކީ ފިސާރި ބުރަ ދުވަސްތަކަކަށް ވިއެވެ. އެ ދުވަސްތަކަކީ ފަރުވާތެރި ކަމާއެކު ކުރިއަށް ގެންދިޔަ ތަމްރީނުތަކުގައި ޕޭޝަންޓް އަވަދިނެތި އުޅުނު ދުވަސްތަކެކެވެ. ޢާންމު ގެއްގެ މާޙައުލުގައި ހުންނަ ސްކްރީނަކުން ފެންނަން ހުންނަ ކަރސަރ، އޭނާގެ ފިކުރާއި ޚިޔާލުން ކޮޅުކޮޅަށް ހިންގަން ފަރިތަ ކުރިއެވެ.
ޗައިނާގައި މިފަދަ ސަރޖަރީއެއް އެންމެ ފުރަތަމަ ކާމިޔާބު ކުރީ މިދިޔަ އޮކްޓޯބަރ މަހުގެ ތެރޭގައެވެ. އެއީވެސް ކެޕިޓަލް މެޑިކަލް ޔުނިވަރސިޓީގެ ޓީމަކާއި ހޮންގްކޮންގްގެ ޓީމެއް ގުޅިގެން ކުރިއަށް ގެންދިޔަ ކާމިޔާބު އޮޕަރޭޝަނެކެވެ. އޮޕަރޭޝަން ކުރި ޕޭޝަންޓަކީ ކާރު އެކްސިޑެންޓެއްގައި މުޅި މައިބަދަ ހަލާކުވެ، 14 އަހަރު ވަންދެން ހަތަރެސް ފައިން ގޮސްފައިވާ ޙާލުގައި އޮތް މީހެކެވެ. ނިއޯ ޑިވައިސްލައްވައިގެން ހެދި ސަރޖަރީއަށް 3 މަސް ފާއިތުވިއިރު، އަމިއްލަ އިޚްތިޔާރުގައި ފެންފުޅި ނަގާ ހެދެއެވެ. އެކަން ކުރަނީ ޕޭޝަންޓުގެ ސިކުނޑީގައި ދައުރު ވާ ރާޅުބާނިތަކުގެ އެހީގައި ކޮންޓްރޯލް ކުރާ، ވައި ޖެހި އަންގިއެއް ބޭނުން ކޮށްގެންނެވެ.