ސްޕެއިންގެ ބާސެލޯނާ އަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ފްރެންކީ ޑި ޔޯން އަދި ސްޕެއިންގެ ޕެޑްރީ މަހަކަށްވުރެ ގިނަ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް މީޑިއާ ތަކުން ރިޕޯޓުކޮށްފި އެވެ.
މި ދެ ކުޅުންތެރިންނަށް ވެސް އަނިޔާވީ، ސްޕެނިޝް ލީގުގައި ބާސެލޯނާ އިން އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ޑި ޔޯން އަށް އަނިޔާވެ އޭނާ ވަނީ ބަދަލުކޮށްފަ އެވެ. ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު، ޕެޑްރީ އަށް އަނިޔާވެ އޭނާ ވެސް ބަދަލު ކުރި އެވެ.
މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ވެސް ބުނީ، ފެންނަ ގޮތުގައި ދެ ކުޅުންތެރިންގެ އަނިޔާ ސީރިއަސް ކަމަށެވެ. ނަމަވެސް އިތުރު އެއްޗެއް ބުނަން އިނގޭނީ އިތުރު މެޑިކަލް ޓެސްޓުތަކަށްފަހު ކަމަށް ވެސް ޒަވީ ވަނީ ބުނެފަ އެވެ.
ސްޕެއިންގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ބާސެލޯނާ އިން ކުރިއަށް ގެންދިޔަ މެޑިކަލް ޓެސްޓުތަކުން ދައްކާ ގޮތުގައި، ޑި ޔޯން އަދި ޕެޑްރީ މަހަކަށްވުރެ ގިނަ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ. އެގޮތުން ޑި ޔޯންގެ ކަނާތު ކަކުލުގެ ލިގަމެންޓް އަށް އަނިޔާވެފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ޕެޑްރީ އަށް ލިބިފައި ވަނީ ކަނާތު ފައިގެ ފަލަ މަސްގަނޑުގެ އަނިޔާއެއް ކަމަށް ވެސް ބުނެފައިވެ އެވެ.
މި ދެ ކުޅުންތެރިންނަކީ ވެސް ބާސެލޯނާގައި މުހިންމު ދެ ކުޅުންތެރިންނެވެ. ދެ ކުޅުންތެރިންނަށް އަނިޔާވެފައިވާއިރު، ބާސެލޯނާ އިން ދެން އެންމެ އަވަހަށް އޮންނާނީ ސްޕެނިޝް ލީގުގައި މަޔޯކާއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗަށްފަހު ދެން ބާސެލޯނާ ނިކުންނާނީ، ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ދެ ވަނަ ލެގުގައި އިޓަލީގެ ނަޕޯލީއާ ދެކޮޅަށެވެ.