ކ. މާލެ
|
4 މާރޗް 2024 | ހޯމަ 17:17
އީރާނުގެ ރައީސް އިބްރާހީމް ރައީސީ
އީރާނުގެ ރައީސް އިބްރާހީމް ރައީސީ
އަނަދޮލޫ
އީރާނުގެ ރައީސް، ރައީސީ
ފަލަސްތީނުން ޣައްޒާ ހަނގުރާމަ ކާމިޔާބު ކުރާނެކަން ޔަގީން: ރައީސް ރައީސީ
 
ރައީސީ ވިދާޅުވީ ޣައްޒާގެ ކުށެއް ނެތް ރައްޔިތުންގެ ލޭން ހުޅަނގުގެ ގައުމުތަކުގެ އަތްތައް ތެމިގެން ގޮސްފައިވާކަމަށް

ޣައްޒާއާ ދެކޮޅަށް މިހާރު ހިނގަމުންދާ ހަނގުރާމައިގައި ޒަޔަނިސްޓް ސަރުކާރާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ޔަގީނުން ވެސް ކާމިޔާބު ހޯދާނެ ކަމަށާއި، ފަލަސްތީނުގެ ބިންތައް ހިފުމާއި އެ ގައުމުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ހުއްޓާލުމަށް އެހީތެރިވުމަށް ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް އީރާނުގެ ރައީސް އިބްރާހީމް ރައީސީ ގޮވާލައްވައިފިއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ކާމިޔާބީއާއި، ޒަޔަނިސްޓް ސަރުކާރާއި އެޖަމާއަތަށް ތާއީދުކުރާ މީހުން ބަލިވުމަކީ ޔަގީން ކަމެއް ކަމަށް އަލްޖީރިއާގެ ރައީސް އަބްދުލްމަދްޖިދު ޓެބޫނޭއާއެކު އަލްޖިއާސްގައި އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސީ ވިދާޅުވިއެވެ.

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކާއި ފަލަސްތީނުގެ ބިންތައް އިސްރާއީލުން ހިފުމާ ގުޅޭގޮތުން އދ.ގެ ކޯޓަށް ހުށަހަޅާފައިވާ ވަކިވަކި މައްސަލަތަކަށް އިޝާރާތްކުރައްވައި އީރާނުގެ ރައީސް ވިދާޅުވީ، ބޮމުގެ ހަމަލާތައް ދިނުމާއި، އިސްތިއުމާރު ކުރުން ވަގުތުން ހުއްޓައިލުމަށާއި، ޒަޔަނިސްޓް ސަރުކާރާއި އެޖަމާއަތަށް ތާއީދުކުރާ ފަރާތްތަކުގެ މައްޗަށް ޝަރީއަތް ހިންގައި އަދަބު ދީ، އައިސީޖޭއިން ވީހާވެސް އަވަހަކަށް އިސްރާއީލުގެ ސަރުކާރު ކުށްވެރިކުރަންޖެހޭ ކަމަށެވެ.

ރައީސީ އިތުރަށް ވިދާޅުވީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގައި އީރާނާއި އަލްޖީރިއާގެ ސްޓޭންޑަކީ އެއް ސިޔާސަތެއް ކަމަށާއި، ވަށާލާފައިވާ ފަލަސްތީނުގެ ބިމުގައި އިސްރާއީލުގެ ސަރުކާރުން ހަނގުރާމައިގެ ޖަރީމާތައް ހިންގަމުންދާ ކަމަށް ދެ ގައުމުން ވެސް ބުނަމުންދާ ކަމަށެވެ.

އީރާނުގެ ރައީސް ވަނީ އިސްރާއީލަށް ތާއީދުކުރާ ކަމަށް ވިދާޅުވެ، އެމެރިކާއާއި ހުޅަނގުގެ ބައެއް ގައުމުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ޣައްޒާގެ ކުށެއް ނެތް ރައްޔިތުންގެ ލޭން އެ ގައުމުތަކުގެ އަތްތައް ތެމިގެން ގޮސްފައިވާކަމަށް ވިދާޅުވެފައެވެ.

އަދި ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކާއެކު ވެސް އިސްލާމީ ބައެއް ގައުމުތަކުން އެ ސަރުކާރާ ގުޅުން ބަދަހިކުރަމުންދާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އިސްރާއީލް ސަރުކާރާއެކު ސިޔާސީ އަދި އިގްތިސާދީ ގުޅުން ކަނޑައިލުމުން ފަލަސްތީނާ ދެކޮޅަށް ހިންގާ ޖަރީމާތައް ހުއްޓުވުމަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

އީރާނުން ފަލަސްތީނުގެ ރައްޔިތުންނަށް އަބަދުވެސް ތާއީދުކުރާނެ ކަމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ދަމަހައްޓާނީ މުސްލިމުންނާއި ކްރިސްޓިއަނުންނާއި ޔަހޫދީން ހިމެނޭ ގޮތަށް އެ އެންމެން ވެސް އިންތިޚާބާއި ވޯޓު ދީގެން ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސީގެ ވާހަކަފުޅުގައި، އީރާނާއި އަލްޖީރިއާއާ ދެމެދު އޮތް ގުޅުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން، އިގްތިސާދީ އަދި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކޮށް، ސިޔާސީ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން އަޒުމް ކަނޑައަޅާފައި ވާކަމުގައި ވިދާޅުވިއެވެ.

އަލްޖީރިއާއަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސީ ތެހެރާނަށް ފުރާވަޑައިގެންނެވީ މީގެ އެއް ދުވަސް ކުރިން، ގޭސް އެކްސްޕޯޓިން ކަންޓްރީސް ފޯރަމް (ޖީއީސީއެފް)ގެ ހެޑްސް އޮފް ސްޓޭޓްގެ ހަތްވަނަ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށެވެ.

އަދި ސަމިޓުގެ ހަވާސާގައި ދުނިޔޭގެ ބައެއް ލީޑަރުންނާއެކު ބައިލެޓްރަލް ބައްދަލުވުންތައް ވެސް ބާއްވަވާފައިވެއެވެ.

ރައީސީ އަލްޖީރިއާއަށް ކުރެއްވި ދަތުރުފުޅަކީ ފާއިތުވި 14 އަހަރުގެ ތެރޭގައި އީރާނުގެ ރައީސަކު އުތުރު އެފްރިކާގެ ގައުމަކަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް