ކ. މާލެ
|
3 މާރޗް 2024 | އާދީއްތަ 05:56
ރައީސް މުއިއްޒު
ރައީސް މުއިއްޒު
ބަޖެޓު ނެތިގެން މަޝްރޫޢުތައް ހުއްޓޭކަމަށް ބުނުން
މަނިކުފާނެވެ! މަނިކުފާނަށް ބަޖެޓުގެ ޝަކުވާކުރެވޭކަށް ނެތެވެ!
 
ރައީސް ގެންދަވަނީ މަޝްރޫޢުތައް ހުއްޓުނީ ބަޖެޓުގައި ނެތުމުން ކަމަށް ވިދާޅުވަމުން
 
ފުށިދިއްގަރުފަޅު ހިއްކުން ފިޔަވާ މަނިކުފާނު އެދުނު ކަމެއް ބަޖެޓުން އުނި ނުކުރޭ
 
49 ބިލިއަން ރުފިޔާއަށްވުރެ ބޮޑުނުވާނެހެން ފާސްކުރުމަށް މުއިއްޒު އެދިވަޑައިގަތް

ރައީސް ޑރ.މުހައްމަދު މުއިއްޒުއެވެ. ށ.ކަނޑިތީމުގައި ދާދި މިދާކަށް ދުވަހު މަނިކުފާނު ދެއްކެވި ވާހަކަފުޅަކުން އަޅުގަނޑު ހަމަ ހައިރާންވެ އަންތަރީސްވެއްޖެއެވެ. މަނިކުފާނު ވިދާޅުވީއެވެ. ހުރިހާ ރަށަކަށްވި ވައުދުތައް ފުއްދުމަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހިމެނުމަށް ހުށަހެޅުއްވި ނަމަވެސް ބަޖެޓު ފާސްކުރީ ކަންކަން ކުރިއަށް ގެންދެވޭ ގޮތަށް ނޫން ކަމަށް ވިދާޅުވީމެވެ. އެ ނޫނަސް އެކި ރަށްރަށުގައި ބަޖެޓް ނެތް ކަމަށް ވިދާޅުވެ ލައްކަ ޝަކުވާ އެބަ ކުރައްވަމުއެވެ. އަޖާއިބުވެ ހައިރާންވެއްޖެއެވެ. ވެރިކަަމަށް ވަޑައިގެން 100 ދުވަސް ވާން އުޅެނިކޮށް މަނިކުފާނު ތިޔަ ވިދާޅުވަން ފެއްޓެވީ މުޅިން އާ ޅެމެކެވެ. ބަޖެޓް ނެތް ވާހަކަ ރާގު ރާގަށް އެ ޅެމުގައި އެބަ އަމުނާލައްވައެވެ.

އެކަމަކު އަޅުގަނޑުގެ ނަޒަރުގައި ބަޖެޓުގެ ޝަކުވާ މަނިކުފާނަށް ކުރެވޭކަށް ނެތެވެ. އެއީ ބަޖެޓުގައި ހިމަނަން މަނިކުފާނު ކަންކަން ހުށަހެޅުއްވި ކަމަށް ވިދާޅުވާ އިރު އެއިން އެންމެ މަޝްރޫޢު އެއްގެ ވެސް ތަފްސީލެއް ނުދެއްވައެވެ. ހުށަހެޅި ނަމަ އެކަން މަޖިލީހުގެ ޔައުމިއްޔާ އާއި ހަވާލާދީ ދައްކަވަންވާނެ ނޫންތޯއެވެ. އޭގެ ބަދަލުގައި މަނިކުފާނު މި އަހަރުގެ ބަޖެޓާއި މެދު ކުރެއްވި ޝަކުވާ އަކީ ބަޖެޓު ބޮޑުވެދާނެތީ ބިރުފުޅު ހީވެގެން ކުރެއްވި ޝަކުވާއެވެ.

31 އޮކްޓޯބަރގައި އިންތިހާބީ ރައީސްގެ އޮފީހުން ބަޖެޓާއި މެދު ހާމަކުރި ކަމަކީ މި ހިނގާ 2024 ވަނަ އަހަރަށް އޭރު ލަފާކޮށްފައި އޮތް ދައުލަތުގެ ބަޖެޓް 49 ބިލިއަން ރުފިޔާއަށްވުރެ ބޮޑުނުވާނެހެން ފާސްކުރުމަށް މަނިކުފާނު ލަފާދެއްވާފައިވާ ކަމެވެ. އޭރު މަނިކުފާނު ހުންނެވީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައެވެ. ހަނދުމަފުޅު ނެތް ކަމަށް ވާނަމަ ހަނދުމަފުޅުކޮށް އަރުވާނަމެވެ. އޭރު މި އަހަރަށް މަޖިލީހުން ލަފާކޮށްފައި ވަނީ 49.5 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. އިންތިހާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނަކަށް ހުންނަވާ މިހާރު މުހައްމަދު ފިރުޒުލް ވަނީ ބަޖެޓް 49 ބިލިއަނުގައި ހިފަހައްޓާލަން އެދިވަޑައިގަންނަވާފައެވެ. ބަހުން ބަހަށް ދަންނަވާލަމުތޯއެވެ؟ "އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ، އެމަނިކުފާނުގެ ނިންމެވުން އަދި އިރުޝާދަކީ 2024 ވަނަ އަހަރުގެ ބަޖެޓް 49 ބިލިއަން ފަހަނައަޅާ ނުދިއުން. އެހެން ގޮތަކަށް ދަންނަވާނަމަ 49 ބިލިއަނަށްވުރެ ތިރީގައި އެ އަދަދު ހިފެހެއްޓެވުން،" މިއީ ފިރުޒުލް އޭރު މަނިކުފާނުގެ ފަރާތުން ދެއްވި މެސެޖެވެ.

އޭރު ބަޖެޓާއި މެދު ތިވިދާޅުވާހާ މާޔޫސްކަން އޮތް ނަމަ އެ ވާހަކަ ނުދެއްކެވީ ކީއްވެގެންތޯއެވެ. ބަޖެޓު ނެތްކަމަށް ވިދާޅުވާ އިރު ވެރިކަމަށް ވަޑައިގަތުމުގެ މާކުރިން ފެށިގެން އެމްޑީޕީގެ ބައެއް މެމްބަރުންނާއި އެކު މަނިކުފާނާއި މަނިކުފާނު ނިސްބަތްވާ ޕާޓީން ވާހަކަދައްކަމުން އައި ވާހަކަ އާއި އޭރުވެސް އެ ބޭފުޅުން ތިއްބެވީ މަނިކުފާނަށް ވާގިވެރިވާން ބައިއަތު ހިފައިގެން ކަމަށް މަނިކުފާނުގެ އަރިސް މިނިސްޓަރުން އެބަ ވިދާޅުވެއެވެ. ގައުމީ ފިކުރުގައި އެ ބޭފުޅުން ޕާޓީ ބަދަލުކުރެއްވި ކަމަށް ތިބޭފުޅުން ވިދާޅުވާ އިރު، ތިޔަ ވިދާޅުވާ ގައުމީ މެމްބަރުން ލައްވާ އެ ބަޖެޓަށް އިސްލާހު ހުށަނޭޅުއްވީ ކީއްވެގެންތޯއެވެ. އެ ބޭފުޅުން ޕާޓީ ބަދަލު ނުކުރައްވާތީ އެފަދަ ކަމަކަށް އެދެން ނުކެރުނީކަމަށް ވެދާނެއެވެ. އެކަމަކު ބަޖެޓް މަޖިލީހަށް ގެނައި އިރު މަނިކުފާނުގެ ކެބިނެެޓްގައި މިހާރު ތިއްބެވި ބޭފުޅުންނާއި ކުންފުނިތަކުގެ އިސް މަޤާމުތަކަށް ވަޒީރުންގެ ފެންވަރުގައި މަނިކުފާނު ގެންދެވި ބޭފުޅުންވެސް ތިއްބެވި އެއް ނޫންތޯއެވެ؟ އެ ބޭފުޅުން ލައްވާ ބަޖެޓަށް އިސްލާހެއް ހުށަނޭޅެންވީ ސަބަބެއް ނެތެއް ނޫންތޯއެވެ. އެމްޑީޕީގެ މެޖޯރިޓީ އެއް އޮތީމަ އެކަން އެގޮތަށް ނުކުރެއްވީ ކަމަށް ބަލަމާތޯއެވެ؟ އެހެން ކަމަށް ބެލި ނަމަވެސް މަނިކުފާނަށް ތާއީދު ކުރާ މެމްބަރުންނަށް ބަޖެޓުގައި ޖެހި މިންވަރު ކުޑަ ވެގެން ޝަކުވާ ކުރެވުނީސް ނޫންތޯއެވެ. ތަޅުމުގައި އެ އަޑު އިއްވުނީސް ނޫންތޯއެވެ؟ އޭރުން އާއްމުން މަނިކުފާނު ތިޔަ ދައްކަވާ ވާހަކައިގެ އިޚުލާސްތެރިކަމެއް ހުރި ކަމަށް ޤަބޫލުކޮށްފާނެއެވެ.

އަދި ނުވިތާކަށް މިހާރު ރަސްމީ ދަތުރުފުޅުގެ ނަމުގައި ތިޔަ ކުރައްވާ ކެމްޕެއިން ދަތުރުތައް ފެއްޓެވުމާއި ހަމައަށް ބަޖެޓުގެ ވާހަކަ ތި ރާގުގައި ދެއްކެވި އަޑެއް ނީވެއެވެ. މި ވާހަކަ އެއް މަނިކުފާނު ދައްކަވަން ފެއްޓެވީ ދައުލަތުގެ ޚަރަދުކުޑަކުރުމަށް އެތައް އާއްމުންނަކަށް އޭގެ އަސަރުކުރާ ގޮތަށް މަނިކުފާނުގެ ފިނޭންސް މިނިސްޓްރީން އެޅި ފިޔަވަޅުތަކާއި އެކުގައި މަނިކުފާނުގެ ސަރުކާރަށް ނުރުހުން އަމާޒުވާން ފެށި ހިސާބުންނެވެ. ފަަހަރުގައި މިއީ މަނިކުފާނު އެ ވާހަކަ އޮއްބާލަން ދައްކާ ސިޔާސީ ވާހަކައަކަށް ވެސް ވެދާނެއެވެ. އެހެންކަމަށް ވާނަމަ އެއަށް ދެބޯގެރި ދުއްވުމޭ ނުކިޔާ ދެން ކިޔާނީ ވަކި ކީކޭތޯއެވެ. ދައުލަތުގެ ބަޖެޓަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެއްޗަކަށްވާއިރު ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް މަޖިލީހުގެ މެންބަރުން މުހިންމު ދައުރެއް އަދާކުރާކަމަށް ވިދާޅުވެ ތިޔަ އުޅުއްވަނީ ރައްޔިތުން ކުރިމަތީގައި ތިމަން މަނިކުފާނަށް މަޖިލީހުން ގޮތްހުސްވާން މަޖުބޫރު ކުރުވާފައިވާކަމަށް ދައްކަންތޯއެވެ. މިއަދު ރައްޔިތުންނަކީ އެއަށް ވުރެ ހޭލުންތެރިބައެކެވެ.

ފަހަރުގައި މަނިކުފާނު މަޖިލީހުގައި ނޫޅުއްވީމަ މަޖިލީހުގައި ބަޖެޓުގައި މަޝްރޫޢުތައް ހިމަނާގޮތަށް އެންމެ ފަރިތަ ނުވެދާނެއެވެ. ބަޖެޓް އެލޮކޭޓް ކުރަނީ މަޝްރޫޢުތަކަށް ފައިސާ ބަހާލައިގެންނެވެ. ހަގީގަތަކީ ފުށިދިއްގަރުފަޅު ފިޔަވާ މަނިކުފާނު އެދުނު ކަމެއް ބަޖެޓުން އުނި ނުކުރާކަމެވެ. ޕީއެސްއައިޕީގައި މަނިކުފާނު އެދިލެއްވި ހުރިހާ ކަމެއް މެމްބަރުން ހިމަނާދެއްވިއެވެ. އެއީ ހިނގަ ހިނގާ އޮތް މަޝްރޫޢުތަަކަށް ވެސް އެކަން ހިނގާ ގޮތެވެ. ބަޖެޓުގައި ހިމަނާފައިވާ މިންވަރަށް މަޝްރޫޢުތައް ކުރިއަށް ގެންދަވާދެއްވާށެވެ. ދެން އެއަށް ފަހު މަޝްރޫޢުތައް ހުއްޓުމުން، ބަޖެޓު ނެތްކަމުގެ ޝަކުވާކުރެއްވުން ކިހިނެތްވާނެތޯއެވެ. އެކަމަކު ބަޖެޓްގެ ޝަކުވާއަކީ މަނިކުފާނަށް އާ ޝަކުވާއެއް ނޫނެވެ. މޭޔަރުގެ މަޤާމުގައި މަނިކުފާނު ހުންނެވި އިރު ވެސް ބަޖެޓް ނުލިބިގެން މިސްކިތްތައް މަރާމާތު ނުކުރެވޭކަމަށް ބުނެ ޝަކުވާ ކުރެއްވީމު ނޫންތޯއެވެ. އެކަަމަކު މިއަދު އެ ވާހަކަ ދައްކަން ވެއްޖެއްޔާ މި ރިޕޯޓް މާ ދިގުވެދާނެއެވެ. އެހެންވީމަ އޭރުވެސް މިހާރުވެސް ބަޖެޓުގެ ބޮލުގައި ކަންކަން އެޅުވުމަށް ފަހު ޒިންމާއިން ރެކުމުގެ ޕެޓާން އެއް މަނިކުފާނުގެ ކިބައިން އެބަ ފެނެއެވެ. ވަަރަށް ފަސޭހައިން ހާލަތާއި އެއްގޮތަށް އެ ވާހަކަތައް ގަތާ އަމުނާލައްވަމުއެވެ. ޒިންމާ ނެގުމުގައި ސުމެކެވެ. ޝަކުވާ ކުރުމުގައި އެންމެ ކުރީގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
100%
ކޮމެންޓް