ކ. މާލެ
|
2 މާރޗް 2024 | ހޮނިހިރު 19:15
އިސްރާއީލުން ދިން ހަމަލާގައި ޝަހީދުވި މީހުންގެ ހަށިތައް އަރުވައިގެން ގެންދަނީ
އިސްރާއީލުން ދިން ހަމަލާގައި ޝަހީދުވި މީހުންގެ ހަށިތައް އަރުވައިގެން ގެންދަނީ
ރޮއިޓާސް
އިސްރާއީލުގެ ހަމަލާ އެމްޑީޕީން ކުށްވެރިކުރުން
އެހީގެ އިންތިޒާރުގައި ތިބި ޣައްޒާގެ ރައްޔިތުންނަށް އިސްރާއީލުން ދިން ހަމަލާ އެމްޑީޕީން ކުށްވެރިކޮށްފި
 
އިސްރާއީލަށް ހަތިޔާރު ވިއްކާ ގައުމުތަކުން އެކަން ހުއްޓާލުމަށް އެމްޑީޕީން ގޮވާލާފައިވޭ

ޣައްޒާގައި ކާބޯތަކެތި ހޯދުމަށް އެއްވެތިބި  ބައެއްގެ ތެރެއަށް އިސްރާއީލްގެ ނިރުބަވެރި ސިފައިން ދިން ހަމަލާ އެމްޑީޕީން ކުށްވެރިކޮށްފިއެވެ.

ޣައްޒާގެ އުތުރަށް އެހީގެ ތަކެތި ހިފައިގެން ދިޔަ ޓްރަކް ކައިރިއަށް އެއްވި އެތައް ސަތޭކަ ބަޔަކަށް އަމާޒުކޮށް އިސްރާއީލުން ބަޑިންނާއި ޓޭންކަރުތަކުން ދިން ހަމަލާގައި 100ށް ވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. މިހަމަލާކުށްވެރިކޮށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް އިތުރުވެގެންދިޔަ ބޮޅެއްކަމަށާއި އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަނީ ބައިނަލްއަގްވާމީ ޤާނޫނުތަކާއި ޚިލާފު އިންސާނީ ހައްގުތަކާއި ޚިލާފު އަމަލުތަކެއްކަމަށެވެ.

ބާރުގެ ބޭނުންކޮށްގެންނާއި އުދުވާނީ ހަމަލާތައް ދީގެން ފަލަސްތީނުގެ ރައްޔިތުން އެތައް ހައްގަކުން މަހުރޫމު ކުރަމުންދާ ކަމަށާއި ގާޒާގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެއްޗާ އެކު އެހީ ހިފައިގެން އެ ސަރަހައްދަށް ވަނުމުގެ ހުއްދަ އިޒްރޭލުން ނުދޭ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި މިއަމަލުތަކަކީ އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ)ން 26 ޖެނުއަރީގައި އިސްރާއީލުގެ މައްޗަށް ކުރުމަށް އަންގާފައިވާ ކަންކަމާވެސް ޚިލާފަށް ހިންގަމުންދާ އަމަލުތަކެއްކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

ކުރިޔަށް އޮތީ ބަރަކާތްތެރި ރަމަޟާން މަސް ކަމަށްވުމުން ހަނގުރާމަ ހުއްޓާލުމުގެ މުހިންމުކަން ކުރިޔަށްވުރެ ބޮޑުކަމަށްވެސް ބުނެފައިވެއެވެ. އަދި ބައިނަލްއަގްވާމީ މުޖުތަމައުން އިސްރާއީލު ޖަވާބުދާރީކުރުވުމަށް އެމްޑީޕީން ގޮވާލާފައިވާއިރު އިސްރާއީލަށް ހަތިޔާރު ވިއްކާ ގައުމުތަކުން އެކަން ހުއްޓާލުމަށްވެސް ގޮވާލާފައިވެއެވެ.

ޣައްޒާގެ އުތުރުގައި އުޅެމުންދާ ރައްޔިތުންނާ ކާބޯތަކެތި ފޯރުކޮށްދިނުމުގައި އިންތިހާއަށް އުނދަގޫވެފައިވާއިރު އެތައް ދުވަސްތަކެއް ފަހުން އެހީގެ ތަކެތި ހިފައިގެން ދިޔަ ޓްރަކް ކައިރިއަށް އެއްވި މީހުންނަށް އިސްރާއީލުން ހަމަލާދިނުމުން ޣައްޒާގެ ރައްޔިތުން ބުނަމުންދަނީ އެގޮތަށް އެހީ ބޭނުންނުވާކަމަށެވެ. އެއަށްވުރެ ބަނޑަށް މަރުވުންވެސް މާރަނގަޅުކަމަށް އެމީހުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް