ސައުދީ ޕްރޯ ލީގުގައި އަލް އިއްތިހާދާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އަލް ޙިލާލުން އެއް ވަނައިގައި ނުވަ ޕޮއިންޓަށް ލީޑު ފުޅާ ކޮށްފި އެވެ.
ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު އަލް ޙިލާލުން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް އަލް އިއްތިހާދުންނެވެ. ނަމަވެސް، އަލް ޙިލާލުން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން މެޗު ކާމިޔާބު ކޮށްފަ އެވެ.
މެޗުގެ 12 ވަނަ މިނެޓުގައި އަލް އިއްތިހާދަށް ލީޑު ނަގައިދިނީ އެ ޓީމަށް ކުޅެމުން އަންނަ ފްރާންސްގެ އެންގޯލޯ ކާންޓޭ އެވެ. ނަމަވެސް ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި ސަލީޙް އަލް ޝެހްރީ ވަނީ ލަނޑު ޖަހައި އަލް ޙިލާލަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ދެ ވަނަ ހާފުގައި އަލް ޙިލާލަށް ލީޑު ނަގައިދިނީ މެލްކޮމް އެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު 67 ވަނަ މިނެޓުގައި ޖެހީ ސައުދު އަބްދުލް ހާމިދު އެވެ.
އަލް ޙިލާލް އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 22 މެޗުން 62 ޕޮއިންޓާއެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އަލް ނަޞްރަށް ލިބެނީ 53 ޕޮއިންޓެވެ. މި ސީޒަންގެ ސައުދީ ލީގުގައި އަލް ޙިލާލުން މޮޅަށް ކުޅެމުން އަންނައިރު، ލީގުގައި މިހާތަނަށް ބަލި ނުވެ އޮތް ހަމައެކަނި ޓީމަކީ ވެސް އަލް ޙިލާލް އެވެ.