ޔޫކްރެއިން ހަނގުރާމަ ތިންވަނަ ބޮޑު ހަނގުރާމައަކަށް ބަދަލުވުމުގެ ފުރުސަތު އޮތް ކަމަށް ފްރާންސްގެ ކުރީގެ ބޮޑުވަޒީރު މެނުއަލް ވަލްސް ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު ޔޫރަޕް-1 ނިއުސް ޗެނަލަށް ދެއްވި އިންޓަވިއުއެއްގައި ވަލްސް ވިދާޅުވިގޮތުގައި, ފްރާންސްގެ ރައްޔިތުންނާއި ޔޫރަޕުގެ އެކި ކަންކޮޅުތަކުގައި ތިބި އެހެން މީހުންގެ ނިޔަތަކީ މޮސްކޯއާއި ކިއޭވްއާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ކަމަށާއި، އޭގެ މާނައަކީ އަސްކަރީގޮތުން ވެސް ޔޫކްރެއިނަށް ތާއީދު ކުރުމަށް މިހާރަށްވުރެ ބޮޑެތި ނިންމުންތައް ނިންމަން ޖެހޭކަމެވެ.
ޔޫކްރެއިންގެ ޑިމޮކްރަސީ ނިމުމަކަށް ގެނައުމާ، ޔޫރަޕްގެ ސްޓްރެޓެޖިކް، އަސްކަރީ، ސިޔާސީ އަދި އަޚްލާގީ ނާކާމިޔާބީ ރަމްޒުކޮށްދޭނެ ކާމިޔާބީއެއްގެ ހައިޕޮތިސިސް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭނެ.ވަލްސް ވިދާޅުވިއެވެ.
ރަޝިއާ ބަލިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމަށާއި، އަދި އެކަމަށްޓަކައި މިހާރަށްވުރެ ހަރުކަށިކޮށް އަދި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ވިދާޅުވެ، ފަރަންސޭސި ރައީސް އެމަނުއެލް މެކްރޮން ދާދި ފަހުން ޔޫކްރެއިންއަށް ނޭޓޯ ސިފައިން ފޮނުވަން ދެކޮޅު ހަދަން ނުޖެހޭ ކަމަށް ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވިއެވެ.
މި ހަފުތާގެ ކުރީކޮޅު މެކްރޮން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ޕޮލެންޑް، ޖަރުމަނު، އެމެރިކާ، އިޓަލީ، އިނގިރޭސިވިލާތް އަދި ނޭޓޯގެ އެހެން ގައުމުތަކުން ވަނީ، ޔޫކްރެއިނަށް ސިފައިން ނެރެވިދާނެ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ. އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ ބްލޮކްގެ ވެރިޔާ ޖެންސް ސްޓޮލްޓެންބާގް ވެސް ވަނީ ޔޫކްރެއިނަށް ސިފައިން ފޮނުވުމާ ދެކޮޅު ހައްދަވާފައެވެ.
ފަރަންސޭސި ވިލާތުގެ ނޫހެއް ކަމަށްވާ ލެ ފިގާރޯއިން މިދިޔަ ބުރާސްފަތި ދުވަހު ކުރި ޕަބްލިކް ސަރވޭއަކުން ވެސް އެނގުނުގޮތުގައި، ޔޫކްރެއިންގައި ނޭޓޯ ބޭތިއްބުމުގެ ފުރުސަތު އޮތުމާ ގުޅޭގޮތުން މެކްރޮން ދެއްކެވި ވާހަކަފުޅުތަކަށް ފްރާންސްގެ ތިންބައިކުޅަ ދެބައި ރައްޔިތުން ވަނީ ދެކޮޅު ހަދާފައެވެ.
އެހެންނަމަވެސް މެކްރޮން ވަނީ އެ ވާހަކަތައް ދެގުނައަށް އިތުރުކުރައްވައި، އެ ވާހަކަތަކަކީ ފުންކޮށް ވިސްނައި، މިނެކިރިފައިވާ ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ. ފްރާންސްގެ ރައީސަށް ތާއީދުކޮށް، ޔޫކްރެއިނަށް ސިފައިން ފޮނުވުމަށް އާއެކޭ ބުނެފައިވަނީ މިހާތަނަށް ނޭޓޯގެ އެންމެ ދެ ގައުމުންނެވެ. އެއީ އެސްޓޯނިއާއާއި ލިތުއޭނިއާއެވެ.
މެކްރޯންގެ ވާހަކަތައް ކުށްވެރިކޮށް މޮސްކޯއިން ވަނީ ނޭޓޯ ސިފައިން ޔޫކްރެއިންއަށް ފޮނުވުމަކީ، ރަޝިޔާއާއި އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ އިއްތިހާދާ ދެމެދު ސީދާ ކުރިމަތިލުމަކަށް މަގުފަހިވާނެ ކަމެއް ކަމަށް އިންޒާރު ދީފައެވެ.
އަދި އޭގެ އެންމެ ފަހުގެ ނަތީޖާއަކީ މުޅި ދުނިޔެއަށްވެސް އޭގެ އަސަރުކޮށްފާނެ ފަދަ ނުރައްކާތެރި ނިއުކްލިއަރ ހަނގުރާމައަކަށް މި ހަނގުރާމަ ބަދަލުވުން ކަމުގައި ވެދާނެ ކަމަށްވެސް ޕޫޓިން ވިދާޅުވިއެވެ.