ފްރާންސްގެ ބޮޑު ވަޒީރު ކަމުގެ މަގާމުގައި ހުންނެވި ސެބަސްޓިއަން ލެކޯނޫ އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ޤައުމުގެ ސިޔާސީ މަޝްރަހު ހަލަބޮލިވެފައިވާއިރު، އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން އައު ބޮޑު ވަޒީރަކު އައްޔަން ކުރައްވަން ރައީސް އިމަނުއެލް މެކްރޮން މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ބުނެފި އެވެ.
ފްރާންސްގެ ބޮޑު ވަޒީރު މަގާމުން އިސްތިއުފާ ދެއްވުމާ އެކު، އެ ޤައުމަށް ހަލަބޮލިކަން އައިސްފައިވާއިރު، ފްރާންސް އަށް ވަނީ އިޤްތިޞާދީ ގޮތުން ވެސް ހީނަރު ކަމެއް އައިސްފަ އެވެ. މިވަގުތު މެކްރޮން އަށް ދިމާވެފައިވާ ސިޔާސީ ހީނަރު ކަމުން އަރައި ގަތުމަށް މެކްރޮން ގެންދަވަނީ އެތައް މަސައްކަތެއް ކުރައްވަމުންނެވެ.
ބައެއް ފަރާތްތަކުން ފާހަގަ ކޮށްފައިވާ ގޮތުގައި އަނެއްކާ ވެސް އައު ބޮޑު ވަޒީރަކު އައްޔަން ކުރައްވައި، މެކްރޮންގެ ރިޔާސީ ދެ ވަނަ ދައުރު ރަނގަޅު ގޮތުގައި ކުރިއަށް ގެންދިޔުމުގެ ފުރުސަތު އަދި ވެސް އޭނާ އަށް އެބަ އޮތެވެ. މެކްރޮންގެ ރިޔާސީ ދެ ވަނަ ދައުރު ހަމަވާނީ 2027 ވަނަ އަހަރު އެވެ.
މެކްރޮންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުގެ މަގާމު ވެސް އަދާ ކުރެއްވި އަދި މެކްރޮންއާ ގާތް ގުޅުމެއް އޮންނަ ލެކޯނޫ ބޮޑު ވަޒީރު ކަމުން އިސްތިއުފާ ދެއްވީ ކުއްލި ގޮތަކަށެވެ. އޭނާ އަށް ފަހު، ދެން ފްރާންސްގައި އައްޔަން ކުރައްވާ ބޮޑު ވަޒީރު ވެސް ކުރިމަތިލާން ޖެހޭނީ ގިނަ ގުނަ ގޮންޖެހުންތަކާ އެވެ. ޚާއްސަކޮށް ޤާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ނެތުމާއި، އިޤްތިޞާދީ ޙާލަތު ގޯސްވެ، ފްރާންސްގެ ދަރަނި ބޮޑުވެ އަދި ޤައުމުގެ އިޖުތުމާއި ހަމަނުޖެހުންތަކާ ކުރިމަތިލާން ޖެހޭނެ އެވެ.
މި ހިނގާ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް ފްރާންސް ސަރުކާރުގެ ދަރަނި ވަނީ 3.346 ޓްރިލިއަން ޔޫރޯ އަށް އަރައިފަ އެވެ. މިއީ ޤައުމުގެ ޖީޑީޕީގެ 114 އިންސައްތަ އެވެ. މީގެ އިތުރުން، 2023 ވަނަ އަހަރު ފަޤީރު ކަމުގެ ރޭޓު ވަނީ 15.4 އިންސައްތަ އަށް އަރައިފަ އެވެ. މިއީ 1996 ވަނަ އަހަރު ރެކޯޑު ކުރަން ފެށި ފަހުން އެންމެ މަތީ އަދަދު ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ.
އައު ބޮޑު ވަޒީރަކު އައްޔަން ކުރެއްވުމުގައި މެކްރޮންް ގިނަ ކަންތައްތަކަށް ބައްލަވާނެ އެވެ. އެގޮތުން ދެން އައްޔަން ކުރައްވާ ބޮޑު ވަޒީރަކީ ޤާނޫނު ހަދާ މަޖިލީގުގެ އަޣުލަބިއްޔަތު ހޯދޭނެ ފަރާތަކަށް ހެދުމަށް މެކްރޮން ބޭނުންފުޅުވާނެ އެވެ. އެހެން ނަމަވެސް، މިއީ މެކްރޮން އަށް ފަސޭހަ ކަމަކަށް ވެސް ނުވާނެ އެވެ. ސަބަބަކީ 2024 ވަނަ އަހަރު އޮތް އިންތިޚާބުގައި އެއްވެސް ޕާޓީ އަކަށް ސާފު އަޣުލަބިއްޔަތު ނުލިބި، ޤާނޫނު ހަދާ މަޖިލިސް ބައިބައިވެފައިވާތީ އެވެ.
އައު ބޮޑު ވަޒީރަކު އައްޔަން ކުރައްވައި ކާމިޔާބުވުމަށް ޓަކައި އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ އިތުބާރު ނެތް ކަމުގެ ވޯޓުން ސަލާމަތްވުމެވެ. މީގެ އިތުރުން ޕެންޝަން ރިފޯމްގެ މައްސަލަ އަށް ޙައްލެއް ވެސް ހޯދަން ޖެހޭނެ އެވެ. މި ރިފޯމް އަކީ ރިޓަޔަމަންޓް އުމުރު 62 އިން، 64 އަށް ބަދަލު ކުރުމަށް ގެނެވުނު ބަދަލެކެވެ. އެއީ ފްރާންސްގެ ގިނަ ރައްޔިތުން ދެކޮޅު ހަދާފައިވާ ކަމެކެވެ.
މި ހުރިހާ ގޮން ޖެހުންތަކެއް ފްރާންސް ސަރުކާރަށް އޮތްއިރު، އައު ބޮޑު ވަޒީރަށް ކުރިމަތިވާނެ އެންމެ ބޮޑު އެއް ގޮން ޖެހުމަކަށް ވާނީ ޤާނޫނު ހަދާ މަޖިލީހުގެ ތާއީދު ހޯދުމެވެ. އެކަމުގައި ކާމިޔާބު ނުހޯދިއްޖެ ނަމަ، ފްރާންސްގެ ސިޔާސީ މަޝްރަހު އިތުރަށް ގޯސްވެ، އިޤްތިޞާދީ ޙާލަތު އިތުރަށް ގޯސްވެގެން ދާނެ އެވެ.
ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން މެކްރޮން އަށް ޖެހިފައިވާއިރު، ލެކޯނޫ އަކީ މެކްރޮންގެ ވެރި ކަމުގެ ދެ ދައުރުގެ ތެރޭގައި އައްޔަން ކުރި ހަތް ވަނަ ބޮޑު ވަޒީރެވެ. އެހެންކަމުން ދެން އައްޔަން ކުރައްވާ ބޮޑު ވަޒީރު ވެގެން ދާނީ މެކްރޮންގެ ވެރި ކަމުގައި އައްޔަން ކުރެވޭ އަށް ވަނަ ބޮޑު ވަޒީރަށެވެ.
ފްރާންސްގައި ނަގަމުން އަންނަ އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓުން ދައްކާ ގޮތުގައި، އެ ޤައުމުގައި މެކްރޮންގެ ތާއީދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ސިޔާސީ މަޝްރަހު ހަލަބޮލިވެފައި ވީ ނަމަވެސް، ފްރާންސްގެ ރައީސް ކަމުން މެކްރޮން އަމިއްލަފުޅަށް އިސްތިއުފާ ނުދެއްްވާނެ އެވެ.