ކ. މާލެ
|
2 މާރޗް 2024 | ހޮނިހިރު 13:37
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސް އޮފީސް
ރައީސް މުއިއްޒާއި ބައްދަލުކުރެއްވުން
ވޯޓު ހޯދަން ރައްޔިތުންގެ ގާތަށް، ވޯޓު ދިނީމަ ރައްޔިތުން ވެރިމީހާގެ އަރިހަށް
 
މިއަދު ދިވެހި ގިނަ ރައްޔިތުންނަށް ކަންކަން ފަހުމްވޭ
 
އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުތަކުގައި ބައެއް ރަށްތަކުގެ ކައުންސިލްތަކަށް، ރައީސް ހުންނަވާ ރަށަކަށް އައުމަށް ދައުވަތު ފޮނުއްވާފައިވޭ
 
ގަވާއިދުން ބާއްވާނެ ކަމަށް ސަރުކާރުން ހާމަކުރި ނޫސްވެރިންގެ ބައްދަލުވުންތަކެއް ނުބާއްވާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނާ ވަރަށް ގާތުން ވެރިކަން ކޮށްދެއްވާނެ ކަމުގެ ވައުދުފުޅާއެކުއެވެ. ރައްޔިތުންގެ އަޑު އައްސަވައި، ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކޮށްދެއްވާނެ ކަމަށާއި، ދެފުށް ފެންނަ ނިޒާމެއްގެ ތެރޭން އެއްވެސް ކަމެއް ރައްޔިތުންނަށް ސިއްރު ނުކުރައްވައި ގައުމުގެ އެންމެހައި ކަންކަން ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވިއެވެ. އެގޮތުން ވެރިކަމާއި ހަވާލުވެވަޑައިގަތްތާ ފުރަތަމަ ދެމަސް ދުވަހު ކޮންމެ ހަފުތާއަކު ކަހަލަ ގޮތަކަށް ރައީސް އޮފީހުގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަމުން ގެންދިޔައެވެ. ކެބިނެޓްގެ ނިންމެވުންތައް އިއުލާން ކުރުމަށް ވެސް ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވިއެވެ. ނަމަވެސް މާގިނަ ދުވަހެއް ނުވެ ނޫސްވެރިންނަށް މައުލޫމާތުތައް ހިއްސާކުރުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތައް ނުބާއްވައި، ހަމައެކަނި ކެބިނެޓުގެ ނިންމެވުންތައް ހިއްސާކުރާ ނޫސްވެރިންގެ ބައްދަލުވުންތަކަކަށް ވަނީ ބަދަލުވެފައެވެ. އެ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ލިބިގެން ގޮސްފައެއް ނުވެއެވެ. މިއާއެކު، ގިނަ ނޫސްވެރިންނާއި އާއްމު ރައްޔިތުންގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވިއެވެ.

ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވެފައި ވަނިކޮށް ސަރުކާރުން ވަނީ 1 ފެބްރުއަރީ 2024ގައި ރައީސްގެ ޖަވާބުގެ ނަމުގައި ޕްރޮގްރާމެއް ފަށާފައެވެ. ކޮންމެ ދުވަހަކު ރައީސްގެ ޖަވާބުގެ ނަމުގައި، ރައްޔިތުން އޮޅުންފިލުވަން ބޭނުންވާ ކަންކަމަށް ވީޑިއޯ މެދުވެރިކޮށް ޖަވާބުދެއްވައި، ދެއްވާ ޖަވާބު ރައީސް އޮފީހުން ދަނީ އާއްމު ކުރަމުންނެވެ. އަހާ ސިލްސިލާގެ ފޯރަމްތަކުގެ ގޮތުގައި ކޮންމެ ދެ މަހުން އެއްމަހު ވަޒީރުން ބައިވެރިވެވަޑައިގަންނަވައި އާންމު ފޯރަމްތަކެއް ކުރިއަށްގެންދާއިރު، ކޮންމެ 3 މަހަކުން އެއްފަހަރު ސީދާ ރައީސުލްޖުމްހޫރިއްޔާ ވެސް މިގޮތަށް ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ފޯރަމް ދަނީ ބާއްވަވަމުންނެވެ. ނަމަވެސް މި ދެ ޕްރޮގްރާމްގައި ވެސް ސީދާ ރައީސަށް ސުވާލު ދެންނެވުމުގެ ފުރުސަތު ލިބެނީ ކޮން އުސޫލަކުން ކަމެއް ސަރުކާރުން ހާމަކޮށްފައެއްނުވެއެވެ. ބައެއް މީހުން ބުނާގޮތުންނަމަ މި ދެ ޕްރޮގްރާމަކީ ވެސް ރައްޔިތުންނަށް އޮޅުވައިލުމަށް، ސަރުކާރަށް ތާއީދުކުރާ ވަކި ބަޔަކަށް ދޭ ފުރުސަތެކެވެ. އަދި ކުރާނެ ސުވާލު ދެނީ ވެސް ސަރުކާރުން ކަމަށް އެމީހުން ބުނެފައިވެއެވެ. ފާޑުކިޔާ ފަރާތްތަކުން ބުނެފައިވާގޮތުގައި އަހާ ފޯރަމް ފެށުމުގެ އެއްގަޑިއިރު ކުރިން ދިޔަ ނަމަވެސް އެ ފޯރަމަށް ވަދެވޭ ގޮތް ވަނީ ނުވެފައެވެ.

މިފަދަ ގޮތަކަށް ސަރުކާރުން ރައްޔިތުންނަށް މައުލޫމާތު ހިއްސާކުރަމުންދާއިރު، ދެން އެމަނިކުފާނު ވައުދުވެވަޑައިގެންފައި ވަނީ އެމަނިކުފާނު ރައްޔިތުންގެ ގާތަަށް ވަޑައިގެން، ރައްޔިތުންގެ ހާލު އޮޅުންފިލުއްވާނެ ކަމަށެވެ. އެ ސިޔާސަތުގެ ދަށުން އެމަނިކުފާނު އަތޮޅުތެރޭގެ ރަށްތަކަށް ވަނީ ދަތުރުފުޅުތައް ފައްޓަވާފައެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސް ފަށްޓަވައިގެން ކުރިޔަށްގެންދަވާ މި މަސައްކަތަކީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރެއްވުމަށް ކުރައްވާ މަސައްކަތެއް ކަމަށް ރައީސް އޮފީހުން ވެސް ބުނެެފައިވެއެވެ. ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ، އަމާޒަކީ މި ފަސްއަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް މަދުވެގެން ދެ ފަހަރު ޒިޔާރަތްކުރެއްވުން ކަމަށެވެ.

ނަމަވެސް އެންމެފަހުން އެމަނިކުފާނު ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ހަ ދުވަހުގެ ދަތުރުފުޅުގައި ރައީސްގެ އަރިހަށް ރައްޔިތުން ދަތުރުކޮށްފައި އައުމަށް ވަނީ އެދިވަޑައިގެންފައެވެ. މިކަމާ ގިނަ އަދަދެއްގެ ރައްޔިތުން ނުރުހުން ފާޅުކޮށް ފާޑުކިޔާފައި ވެއެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ ނ އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށްކަމަށްވާ ވެލިދުއަށް ކުރައްވަން އޮތް ދަތުރުފުޅު ކެންސަލް ކުރައްވައި، އެމަނިކުފާނާ ބައްދަލުކުރަން އެ އަތޮޅު ހޮޅުދުއަށް ދާން ކައުންސިލްގައި އެދިވަޑައިގެންފައެވެ. ނަމަވެސް ކައުންސިލުން އެކަމާ ދެކޮޅުހަދައި އެމަނިކުފާނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ދަތުރުގައި އެ ރަށަށް ވަޑައިގަތުމަށް މީގެ ކުރިން ނިންމާފައި އޮތްނަމަވެސް ވަޑައިގަންނަވާ ރަށްތަކުގެ ލިސްޓުން ވެލިދޫ އުނިކުރެއްވީ ވަކި ސަބަބެއް ބަޔާންނުކުރައްވައި ކަމަށެވެ.

ވެލިދޫ ކައުންސިލުން ބުނެފައިވަނީ، މިކަމާ ގުޅިގެން ރައްޔިތުންގެ މެދުގައި ވަރަށް ބޮޑަށް ނުތަނަވަސްކަން އުފެދިފައިވާކަމަށެވެ. އަދި ހޮޅުދޫގައި ބޭއްވެވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގައި މި ވަގުތު ބައިވެރިވުމަކީ އެންމެ މަސްލަހަތުހުރި ގޮތް ކަމަށް ނުފެންނާތީ ކައުންސިލުގެ މެންބަރުންނާއި ވެލިދޫ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ގޮތަށް ނިންމަވާފައިވާ ކަމަށް ކައުންސިލުން ރައީސަށް އެރުވި ޖަވާބުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މަސްވެރިންނަށް ފައިސާ ނުދޭ މައްސަލަ ބޮޑުވެ، ކޫއްޑޫގައި މަސްވެރިން މުޒާހަރާކުރި ދުވަސްތަކުގައި، ގެމަނަފުށީގައި ރައީސް ހުންނަވައި ވިދާޅުވެފައިވަނީ އެ މައްސަލަ ހައްލުކުރުމަށް އެރަށަށް މަސްވެރިން އައުމަށެވެ. މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ ހިފަހައްޓާފައިވަނީ ސަރުކާރުން ކަމަށް ވީނަމަވެސް، މައްސަލަ ހައްލުކުރުމަށް މަސްވެރިން ވީ އަނެއްކާ ވެސް އިތުރު ދަތުރެއް ކުރާށެވެ. މިކަމާ ގުޅިގެން ގިނަ މަސްވެރިން ނުރުހުން ފާޅުކޮށް ރައީސް މުއިއްޒު ފާޑުކިޔާފައިވާއިރު، މަސްވެރިން ބުނެފައިވަނީ ރައީސް މުއިއްޒަކީ ކެންޕޭން ދުވަސްވަރު މަސްވެރިންގެ އޮޑިދޯނިފަހަރަށް އަރުއްވައި، މަސްވެރިންނާއެކު ވަގުތު ހޭދަކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި އަބަދުވެސް މަސްވެރިންނާއެކު ހުންނަވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ނަމަވެސް މިއަދު ހާލަތު މިވަނީ ބަދަލުވެފައެވެ. ވޯޓު ހޯދަން ރައްޔިތުންގެ ގާތަށް، ވޯޓު ދިނީމަ ރައްޔިތުން ވެރިމީހާގެ އަރިހަށް އަންނަން މިވަނީ ޖެހިފައެވެ. ރައްޔިތުންގެ ހާލު ބެއްލުމަށް ރައީސް މުއިއްޒު އަތޮޅުތެރޭގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި އެމަނިކުފާނާ ބައްދަލުކުރެއްވުމަށް އަމިއްލަ އަތުން ޚަރަދުކޮށްގެން ދާން މި ޖެހެނީ ރައްޔިތުމީހާއަށެވެ. މީގެ އިތުރުން ދެފުށް ފެންނަ ނިޒާމަކުން، ރައްޔިތުމީހާއާއި ނޫސްވެރިން ބޭނުންވާ މައުލޫމާތު ސަރުކާރުން ހާމަނުކޮށް، ސަރުކާރުން އާއްމުކުރަން ބޭނުންވާ މައުލޫމާތާއި ޕްރޮމޯޓް ކުރަން ބޭނުންވާ އެޖެންޑާ އެކިއެކި ނަންނަމުގައި އެކި ފްލެޓްފޯމުތަކުގައި މިދަނީ ވެސް އާންމުކުރަމުންނެވެ. މިއީ މި ސަރުކާރުން މައުލޫމާތު ހާމަކޮށް، ރައްޔިތުންގެ ހާލު ބައްލަވާގޮތަށް ވެދާނެއެވެ. ސަރުކާރަށް ތާއީދުކުރާ ބަޔަކަށް މިކަންކަން މޮޅުވިނަމަވެސް މިވަނީ ކީއްކަން މިއަދު ދިވެހި ގިނަ ރައްޔިތުންނަށް ފަހުމްވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް