ކ. މާލެ
|
2 މާރޗް 2024 | ހޮނިހިރު 05:06
އިސްރާއީލުން ދިން ހަމަލާގައި ޝަހީދުވި މީހުންގެ ހަށިތައް އަރުވައިގެން ގެންދަނީ
އިސްރާއީލުން ދިން ހަމަލާގައި ޝަހީދުވި މީހުންގެ ހަށިތައް އަރުވައިގެން ގެންދަނީ
ރޮއިޓާސް
އިސްރާއީލު ހަމަލާ ކުށްވެރިކުރުން
ޣައްޒާގައި ކާބޯތަކެތި ހޯދުމަށް އެއްވެތިބި މީހުންނަށް އިސްރާއީލުން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
 
މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ މުޅިން ހިލާފު އަމަލެއް ކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވޭ

ޣައްޒާގައި ކާބޯތަކެތި ހޯދުމަށް އެއްވެތިބި  ބައެއްގެ ތެރެއަށް އިސްރާއީލްގެ ނިރުބަވެރި ސިފައިން ދިން ހަމަލާ ދިވެހިރާއްޖެއިން ކުށްވެރިކޮށްފިއެވެ.

ޣައްޒާގެ އުތުރަށް އެހީގެ ތަކެތި ހިފައިގެން ދިޔަ ޓްރަކް ކައިރިއަށް އެއްވި އެތައް ސަތޭކަ ބަޔަކަށް އަމާޒުކޮށް އިސްރާއީލުން ބަޑިންނާއި ޓޭންކަރުތަކުން ދިން ހަމަލާގައި 100ށް ވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. މިހަމަލާ އާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ނޭއްގާނީ ހަމަލާގެ ސަބަބުން 100 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު އިތުރު އެތައް ސަތޭކަ ބަޔަކު ވަނީ ޒަހަމްވެފައިކަމަށެވެ. މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ މުޅިން ހިލާފު އަމަލެއް ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ޣައްޒާގެ އުތުރުގައި އުޅެމުންދާ ރައްޔިތުންނާ ކާބޯތަކެތި ފޯރުކޮށްދިނުމުގައި އިންތިހާއަށް އުނދަގޫވެފައިވާއިރު އެތައް ދުވަސްތަކެއް ފަހުން އެހީގެ ތަކެތި ހިފައިގެން ދިޔަ ޓްރަކް ކައިރިއަށް އެއްވި މީހުންނަށް އިސްރާއީލުން ހަމަލާދިނުމުން ޣައްޒާގެ ރައްޔިތުން ބުނަމުންދަނީ އެގޮތަށް އެހީ ބޭނުންނުވާކަމަށެވެ. އެއަށްވުރެ ބަނޑަށް މަރުވުންވެސް މާރަނގަޅުކަމަށް އެމީހުން ބުނެއެވެ.

އިސްރާއީލުން ބުނީ ހަމަލާ ދިނީ އެތައް ސަތޭކަ ބަޔަކު އެއް ފަހަރާ އެއްވުމުން އެމީހުންނަށް ބިރު އޮތްކަމަށް ބަލާފައިކަމަށެވެ. އިސްރާއީލުން އެ ހަމަލާގެ ސީސީޓީވީ ފުޓޭޖުވެސް ރިލީސްކޮށްފައިވާއިރު އިސްރާއީލުން ތުހުމަތުކުރާ ފަދަ އެއްވެސް ކަމެއް ހިނގަނިކޮށް އެވީޑިއޯއިން ނުފެނެއެވެ. ވީޑިއޯއިން ފެންނަނީ އެހީގެ ތަކެތި ހިފައިގެން އައި ޓްރަކް ކައިރިއަށް އެތައް ސަތޭކަ ބަޔަކު އެއްވާތަނެވެ.

އިސްރާއީލުން މިރައްޔިތުންގެ ގަޔަށް ބަޑިން ހަމަލާދިނުމުގެ އިތުރުން ބައެއް މީހުންގެ ގައި މަތިން ޓޭންކަރު ދުއްވާފައިވެސްވެއެވެ.

އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް މެދުކެނޑުމެއްނެތި ހަމަލާތައް ދެމުންދާއިރު އިންސާނިއްޔަތާއި ޚިލާފު ބައިނަލްއަގްވާމީ ޤާނޫނުތަކާއި ޚިލާފު އެތައް އަމަލެއް އަންނަނީ ހިންގަމުންނެވެ. އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމާ ގުޅިގެން އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) ގައި އަންނަނީ އަޑުއެހުންތައް ކުރިޔަށް ގެންދަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
100%
0%
0%
0%
ކޮމެންޓް