ފުރަތަމަ ފަހަރަށް ބޭއްވި އަންހެނުންގެ ނޭޝަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސްޕޭން ހޯދައިފި އެވެ.
އެ ގައުމުން މި ތަށި ކާމިޔާބުކުރީ ރޭ ކުޅުނު ފައިނަލް މެޗުގައި ފްރާންސް 2-0އިން ބަލިކޮށްގެންނެވެ.
މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ސްޕޭނުގެ އައިޓާނާ ބޮންމާޓީ އަށެވެ. އޭނާ އަކީ މިދިޔަ އަހަރުގެ ވޯލްޑްކަޕް ސްޕޭން ކާމިޔާބުކުރި އެ މުބާރާތުގެ ވެސް މޮޅު ކުޅުންތެރިޔާ އެވެ. އަދި ފީފާއިން މިދިޔަ އަހަރު ހޮވި ބެލޮންޑީއޯ އެވޯޑާއި ދަ ބެސްޓް އެވޯޑް ވެސް ހާސިލްކުރި ކުޅުންތެރިޔާ އެވެ. ބޮންމާޓީ ވަނީ ނޭޝަންސް ލީގުގައި ސްޕޭން ޖެހި ގޯލުތަކުގެ ތެރެއިން ހަތަރު ގޯލު ޖަހައި އެއް ގޯލު ޖަހަން ޕައިނަލް ޕާސްދީފަ އެވެ.
މިއީ ވަރަށް ބޮޑު ކާމިޔާބީއެއް. އަހަރުމެން މީގެ އަށެއްކަ މަސް ކުރިން ވޯލްޑްކަޕް ކާމިޔާބު ކުރިން. އަނެއްކާ ވެސް އަހަރުމެންނަށް ތައްޓެއް މި ލިބުނީ. މިއީ ހައްގު ކާމިޔާބީއެއް. މެޗުގެ ފުރަތަމަ ހާފު ދިޔައީ ވަރަށް ރަނގަޅަށް. ފަހު ހާފުގައި އެމީހުން ކުރިއަށްވުރެ ރަނގަޅަށް ކުޅުނުބޮންމާޓީ ބުންޏެވެ.
ނޭޝަންސް ލީގުގެ އަންހެންބައި ތައާރަފްކުރިއިރު ނޭޝަންސް ލީގުގެ ފިރިހެނުންގެ މުބާރާތާމެދު ބައެއް ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ސަބަބަކީ ދިގު ސީޒަނެއްގެ މެދުތެރެއިން އަނެއްކާ ވެސް ވާދަވެރި މެޗުތަކެއް ކުޅެންޖެހި ކުލަބުތަކަށް އޭގެ ނޭދެވޭ އަސަރުކުރާތީ އެވެ.