ކ. މާލެ
|
28 ފެބްރުއަރީ 2024 | ބުދަ 19:11
މަޖިލީހުގެ ރައީސް އަސްލަމް އަދި ރައީސް މުއިއްޒު
މަޖިލީހުގެ ރައީސް އަސްލަމް އަދި ރައީސް މުއިއްޒު
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައީސްގެ ނުސީދާ ރައްދެއް: މަޖިލީހުގައި ތިބީ އަޅުންތަކެއް، އިންތިހާބު އޮންނާނީ 17 މާރިޗުގައި
 
ރައީސް ވިދާޅުވީ، "އަޅުންނާ" މެދު ރައްޔިތުން ވިސްނައި، އަންނަ މަހުގެ 17 ގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގޮތް ކަނޑައަޅައި ދިނުމަށް

ރައްޔިތުންގެ މަޖިލީހުގައި ތިބީ އަޅުންތަކެއްގެ ގޮތުގައި ތިބޭ މެންބަރުންތަކެއް ކަމަށާއި، މަޖިލިސް އިންތިހާބު އޮންނާނީ 17 މާރިޗުގައި ކަމަށް ވިދާޅުވެ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނުސީދާ ރައްދެއް މަޖިލީހުގައި ތިއްބަވާ އިދިކޮޅުގެ މެންބަރުންނަށް އަމާޒުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަދަދު ގުނުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ދައުލަތުން ހުށަހެޅި މައްސަލައިގައި، އެ ކޯޓުން ނެރެފައިވާ ވަގުތީ އަމުރަށް އަމަލު ނުކުރާނެކަން އެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އިއުލާންކުރައްވާފައިވެއެވެ.

އެގޮތުން އެކަމަށް އިޝާރަތްކުރައްވައި، ވަކި ނަމެއް ވިދާޅުނުވެ އެހެން ނަމަވެސް މަޖިލީހުގެ މެންބަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ރައީސް މުއިއްޒު ވިދާޅުވީ، މިހާރު ފެންނަނީ ޝަރުއީ ދާއިރާގެ މައްޗަށް، ރައްޔިތުންގެ މަޖިލީހުން ބާރު ހިންގާތަން ކަމަށާއި، ސުޕްރީމު ކޯޓުން އަމުރެއް ނެރުނު ނަމަވެސް، އެ އަމަރު އެއްވެސް އެއްޗަކަށް ނުވާ ކަމަށެވެ.

އެއާއެކު، މަޖިލީހުގެ މެންބަރުންނަކީ "އެ ބައެއްގެ މައްޗަށް ބަރުގަދަ އެހެން ބަޔަކު އަންގާ އެންގުމަކަށް އޮޕަރޭޓްކުރާ އަޅުންތަކެއްގެ" ގޮތުގައި ސިފަ ކުރައްވަމުން ރައީސް ވިދާޅުވީ، އެފަދަ ބޭފުޅުން މަޖިލީހަށް ވެއްދުމަކީ ނިމިދިޔަ ތިން މަހުގެ ތެރޭގައި ފެނުނު މަންޒަރުތައް ތަކުރާރުވެ، އިޔާދަ ނުކުރެވޭނެ ވަރަށް ކަންކަން ގޯސްވާނެ ކަމެއް ކަމަށެވެ.

އެ ބައެއްގެ މައްޗަށް ބަރުގަދަ އެހެން ބަޔަކު އަންގާ އެންގުމަކަށް، އޮޕަރޭޓުކުރާ، ބޭނުން ގޮތަކަށް ވޯޓު ދިނުމުގައި ތަބާވާ އަޅުންތަކެއް ގޮތުގައި ތިބޭ މެންބަރުންތަކެއް މަޖިލީހަށް ވެއްދުމަކީ އެއީ މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި، އަޅުގަނޑުމެންނަށް ފެނުނު މަންޒަރު ތަކުރާރުވެ، ދުވަހަކު ވެސް ރާއްޖެއަށް އަނބުރައި ދެން އިޔާދަ ނުކުރެވޭނެ ހިސާބަށް އަޅުގަނޑުމެންގެ ގައުމުގެ ކަންކަން ދާނެ ކަމަކަށް ވާނެ.
ރ. މުޙައްމަދު މުޢިއްޒު

އެއާއެކު ރައީސް ވިދާޅުވީ، ރައްޔިތުން އެކަންކަމަށް ވިސްނައިގެން، އަންނަ މަހުގެ 17 ގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގޮތް ކަނޑައަޅައި ދިނުމަށެވެ.

ރައީސް އެފަދައިން ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހުގެ ތެރޭގައި ބޭއްވުމާ ދެކޮޅަށް، އިދިކޮޅު އެމްޑީޕީގެ މެންބަރުން އިސްވެތިބެ، މަޖިލީހަށް ވަނީ ރޯދަ މަހު އިންތިހާބުތައް ނުބޭއްވޭނެ ފަދައިން އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނަށް، އިސްލާހެއް ހުށަހަޅާފައެވެ.

އެގޮތުން އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނަށް ފަސް ވަނަ އިސްލާހު ގެނައި ބިލު، ރައްޔިތުންގެ މަޖިލީހުން ވަނީ 11 ފެބްރުއަރީ 2024 ވަނަ ދުވަހު ފާސްކޮށް، 12 ފެބްރުއަރީ 2024 ގައި ތަސްދީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުވާފައެވެ. އެހެން ނަމަވެސް އެ ބިލު ތަސްދީގު ނުކުރައްވައި، 14 ދުވަސް ހަމަ ވުމުން ރައީސް ވަނީ އެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވާފައެވެ.

އެގޮތުން އެ ބިލު ފާސްކުރުމަށް އެޖެންޑާ ކުރެވި، ބުދަ ދުވަހު ކުރިއަށް ގެންދެވުނު މައްސަލައިގައި، އެ ބިލު އެ އޮތް ގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެން މެންބަރުންގެ ތެރެއިން 47 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓުދެއްވީ އެންމެ 14 މެންބަރުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
50%
50%
0%
0%
0%
0%
ކޮމެންޓް