ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ދިޔަ ދުވަހު އެ ސަރަހައްދުގައި ސަރުކާރުގެ މިނިސްޓަރުންނާއި ނައިބު މިނިސްޓަރުން ބައިވެރިވި އެއްވުމުގައި ގޭންގުތަކަށް ނިސްބަތްވާ ފަރާތްތައްވެސް ބައިވެރިވެފައިވާ ކަމަށް ފުލުހން ބުނެފިއެވެ.
28 ވަނަ ދުވަހު މަޖިލިސް ކައިރިއަށް މީހުން އެއްވެ މުޒާހަރާކޮށް އަމާންކަން ނަގާލި މައްސަލައިގައި ކަމާއި ބެހޭ ފަރާތްތައް ހާޒިރުކުރި 241 ކޮމިޓީގައި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ސުވާލުކުރެއްވީ ރައްޔިތުންގެ މަޖިލިސް ހިމެނޭ ސަރަހައްދަކީ މީހުން އެއްވެ އުޅުން މަނާ ސަރަހައްދެއް ކަމަށާއި، އެ ސަރަހައްދަށް އެއްވި މީހުންގެ ތެރޭގައި މިނިސްޓަރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި ގޭންގުތައް ހިމެނޭކަމަށް ކޮމިޝަނަރ ސޮއިކުރައްވާ މަޖިލީހަށް ފޮނުވި ލިޔުމުގައިވާ ކަމަށެވެ. އަދި އެކަން ސާފުކޮށްދެއްވުމަށް މެންބަރު އެދިވަޑައިގަތެވެ.
މެންބަރުގެ ސުވާލުގެ ޖަވާބުގައި ކޮމިޝަނަރ ވިދާޅުވީ އެއީ ރަނގަޅު ވާހަކައެއް ކަމަށާއި، މަޖިލިސް ސަރަހައްދަށް އެއްވި މީހުންގެ ތެރޭގައި ގޭންގުތައްވެސް ހިމެނޭ ކަމަށެވެ. އަދި ގޭންގުތަކަށް ނިސްބަތްވާ މީހުން މަޖިލިސް ކައިރިއަށް އެއްވި ހިސާބުން ފެށިގެން އެސްއޯ ފުލުހުން އެމީހުން އެތަނުން ފޮނުވާލުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އަދި މަޖިލިސް ކައިރިއަށް ފުރަތަމަ އެއްވި މީހުންގެ ތެރޭގައި ވެސް ގޭންގުތަކަށް ނިސްބަތްވާ މީހުން ތިބިކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
ފަހުގެ މަރުހަލާއެއްގައި އެމީހުން [ގޭންގުތަކަށް ނިސްބަތްވާ މީހުން] އެތަނަށް އައީމަ އަޅުގަނޑުމެންގެ ފޯސްވެސް އިތުރުކޮށް މަސްތަހަތު ހިފެހެއްޓުމުގެ މަސައްކަތް ކުރިން.ކޮމިޝަނަރ އޮފް ޕޮލިސް އަލީ ސުޖާއު
ކޮމިޓީގެ މެންބަރު ހިސާން ވެސް ވަނީ މަޖިލިސް ކައިރިއަށް އެއްވި މީހުންނާއި ގުޅޭގޮތުން ސުވާލުކުރައްވާފައެވެ. އެގޮތުން މަޖިލިސް ކައިރިއަށް ގޭންގް މެންބަރުން އައި ހިސާބުން ސަރުކާރުގެ އިސް ފަރާތްތައް ގޮސްފައިވާ ކަމަށް ކޮމިޝަނަރުގެ ވާހަކަ މާނަކުރެވޭ ކަމަށާއި، އެކަމާއި ގުޅޭ ޓައިމްލައިނާއި ގުޅޭގޮތުން މެންބަރު ހިސާން ވަނީ ސުވާލުކުރައްވާފައެވެ.
މެންބަރުގެ ސުވާލުގެ ޖަވާބުގައި ކޮމިޝަނަރ ވިދާޅުވީ ސަރުކާރަށް ނިސްބަތްވާ ފަރާތްތަކެއް މަޖިލިސް ކައިރިއަށް ފުރަތަމަ އެއްވި ކަމަށާއި، މަޖިލިސް ކައިރިއަށް އެއްވި ގޭންގު މެންބަރުންނާއި، ސަރުކާރަށް ނިސްބަތްވާ މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުން އައީ ކޯޑިނޭޓް ވެގެންތޯ ނުވަތަ އެއްބައިވެގެންތޯ އޭގެ ތަފްސީލު ގްރައުންޑުގައި ބެލިފައި ނެތް ކަމަށެވެ.
އަދި ތަނުގެ ތެރޭގައި ހަމަޖެހުން ގެއްލުވާލަން ބަޔަކު މަސައްކަތް ކުރި ހިސާބުން ޓީމްތައް ފޮނުވައިގެން އެ އޭރިއާއަކީ ރައްކާތެރިތަނެއްގެ ގޮތުގައި ހަދަން މަސައްކަތް ކުރެއްވި ކަމަށެވެ.