ޕާޓީއަށް ކުރިމަތިވާ ކޮންމެ ދަތި ދަނޑިވަޅެއްގައި ކުރިއަށް ނުކުމެވަޑައިގެން، ތަރުތީބުކޮށްލުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރައްވާނެ ކަމަށް، އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ފަރާތުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭން ފެށުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާފައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ، އެމްޑީޕީ މީގެ 18 އަހަރު ކުރިން ފެށި ދަތުރުގައި އައިސް ތިބެވޭ ހިސާބު އަނެއްކާވެސް ވިސްނާލަންޖެހޭ ކަމަށެވެ. ވެރިކަން ކުރެވިއްޖެ ކަމަށާއި، އިދިކޮޅުގައި ތިބިކަމަށް ރައީސް ވިދާޅުވިއެވެ. އަދި އޭގެފަހުން އަނެއްކާ ވެސް ވެރިކަން ކުރެވިއްޖެ ކަމަށާއި، މިހާރު އަނެއްކާވެސް އައިސް ތިބީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ގިނަގުނަ ތަޖުރިބާތަކެއް ކުރެވިއްޖެ ކަމަށް ވިދާޅުވިއެވެ.
ރައީސް ޞާލިޙު ވިދާޅުވީ މިދިޔަ ރިޔާސީ އިންތިޚާބު ނިމުމަށްފަހު މި ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ޕާޓީން ވަރަށް އެހެން ކަހަލަ ތަޖުރިބާތަކެއް ކޮށްފައިވާކަމަށެވެ. ވަކިން ޚާއްސަކޮށް ޕާޓީގެ މެންބަރުން ވަރަށް ބުރަ މަސައްކަތުން ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ހޯދައިދިން ނަމަވެސް، ރިޔާސީ އިންތިޚާބާއި އޭގެ ކުރިންވެސް އެމްޑީޕީ ދޫކޮށް މެންބަރުންތަކެއް ހިނގައްޖެ ކަމަށެވެ. އަދި އެއާ ގުޅިގެން އެމްޑީޕީއަށް މާޔޫސްކަން ކުރިމަތިވެ، މަޑުޖެހުމެއް އައިކަމަށެވެ. ނަމަވެސް އެ ވޭތުވެދިޔަ ދުވަސްތަކުގައި ޕާޓީއައިގެން ކުރިއަށް ވަޑައިގަތުމުގައި ޕާޓީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާޢީލް އިސްވެ ހުންނަވައިގެން ބުރަ މަސައްކަތް ކުރެއްވިކަމަށެވެ.
ރައީސް ވިދާޅުވީ އެ ދަތި ދަނޑިވަޅުގައި ޕާޓީގެ ސެކްރެޓޭރިއެޓްގައި މަސައްކަތް ކުރި މަދު ހީވާގި ބޭފުޅުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. ރައީސް ވިދާޅުވީ އެ ތަޖުރިބާގެ އަލީގައި އަނެއްކާވެސް ތިބީ ނުކުމެ ކަމަށާއި، އެމަނިކުފާނާއި އެންމެންގެ އަމާޒަކީ ޕާޓީގެ ލީޑަރޝިޕްގައި ގިނަބަޔަކު ހިމެނިގެން، ގިނަ މަސައްކަތް ކުރެވޭނެ ގޮތެއް ހޯއްދެވުން ކަމަށެވެ.
އަޅުގަނޑުމެންގެ އާ ރައީސް އަޅުގަނޑުމެންނާ ގުޅިވަޑައިގަތުމުން އަޅުގަނޑު ދެކެނީ އަނެއްކާވެސް މި ލިބުނީ އިތުރު ހިތްވަރެއް ކަމަށް. އަޅުގަނޑު ރިކުއެސްޓެއް ކުރިން ޕާޓީގެ ލީޑަރޝިޕާ ގުޅިވަޑައިގެން މަސައްކަތް ކޮށްދެއްވުމަށް. އަޅުގަނޑުގެ އަމާޒެއް އެބައޮތް. ގިނަ ބަޔަކު ޕާޓީގެ އިސް މަގާމުތަކުގަ ހަރަކާތްތެރިވެ ކުރިއަށްދިއުމަށް. ތިޔަބޭފުޅުންނަށް މިރޭވެސް އަޅުގަނޑު ޔަގީންކޮށް އަރުވަން ބޭނުންވަނީ، އަޅުގަނޑު މި ޕާޓީގަ ހުންނާނަމޭ. ލީޑަރޝިޕްގަ ހުންނާނަން އަޅުގަނޑު އިރާދަކުރެއްވިއްޔާ. މި ޕާޓީއަށް ކުރިމަތިވާ ކޮންމެ ދަތި ދަނޑިވަޅެއްގަ ކުރިއަށް ނުކުމެ ތަރުތީބުކޮށްލުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރާނަން.އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް، އިބްރާހީމް މުޙައްމަދު ޞާލިޙު
ރައީސް ޞާލިޙު ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބަކީ ވަރަށް މުހިންމު އިންތިޚާބެއް ކަމަށެވެ. ޕާޓީގެ ލީޑަރޝިޕް އޮތީ އެއް ވިސްނުމެއްގައި އަދި އެއް ޢަޒުމެއްގައި ކަމަށާއި، އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.
ރައީސް ޞާލިޙު ވިދާޅުވީ، އެމަނިކުފާނު އެދިވަޑައިގަންނަވަނީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ޕްރައިމަރީގައި ނާކާމިޔާބުވި މެެންބަރުން ކާމިޔާބުވި މެންބަރުންނާއެކު ނުކުމެ އިންތިޚާބު ކާމިޔާބުކުރުމުގައި މަސައްކަތް ކޮށްދިނުމަށް ކަމަށެވެ.
އަޅުގަނޑުމެންނާ ދުރަށް ޖެހިލާފަ ތިބި، އަދި ޕާޓީއާ ދުރަށް ޖެހިލާފަ ތިބި މެންބަރުންނަށް ދަންނަވާނީ، މި އިންތިޚާބުގަ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރައްވާ، އެމްޑީޕީގެ ކެންޑިޑޭޓް ހޮއްވަވައިދެއްވުމަށް މަސައްކަތްކޮށްދެއްވާ، އަޅުގަނޑުމެންނާ އެކުގަ މަސައްކަތް ކުރުމަށް ވަޑައިގަންނަވާށޭ. ގައުމުގެ ހާލަތު އަޅުގަނޑުމެން އެންމެންނަށް އިހުސާސް ކުރެވޭ. މިއަދު ބަލަން ތިބެވޭކަށް ނެތް. މިސްރާބު ކަސިޔާރުވެ ހަމަމަގުން ނައްޓާލައިފި. ދޮގު ހަދައިދި. އޮޅުވާލައިފި. މިއަދުވެސް ދޮގު ހަދަނީ. މިއަދުވެސް އޮޅުވާލަނީ.އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް، އިބްރާހީމް މުޙައްމަދު ޞާލިޙު
ރައީސް ޞާލިޙު ވިދާޅުވީ ސަރުކާރު ހަމަމަގަށް ނާޅުވައިފިނަމަ މާދަމާވެސް ހަދާނީ ދޮގުކަމަށާއި، މާދަމާވެސް އޮޅުވާލާނެ ކަމަށެވެ. އެހެންކަމުން މަޖިލިސް އިންތިޚާބު މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ.