ލޯކަލް މާރުކޭޓަށް ތަކެތި ގެނެސް ވިއްކުމުގެ މުޅި ނިޒާމްގެ ކޮންޓްރޯލް ބިދޭސީން ނަގާފައިވާކަމަށް ފާހަގަކުރައްވާ، މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މޯޑިވްސް ޓްރޭޑް އެސޯސިއޭޝަން އިފްތިތާހުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މާލޭގެ މާރުކޭޓަށް ހެޔޮ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. ވިޔަފާރީގެ ގޮތުން ބަލާއިރު މާލެސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އެ ދާއިރާ އާއި ގުޅުން ހުރި ތަންތަން އެބަހުރިކަމަށާއި މާރުކޭޓުތައް އެއީ އެފަދަތަނެއްކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންނަމަވެސް އެތަނުގައި ތިބި ވިޔަފާރިވެރިންގެ ވަރަށް ގިނަ ޝަކުވާ ހުރިކަން ފާހަގަކުރެވޭ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ މާރުކޭޓުގައި ޚިދުމަތްދޭ ވިޔަފާރިވެރިންގެ ހައްގުތައް ހޯދާދޭން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
އާޒިމް ވިދާޅުވީ ޕްރޮޑަކްޓް އުފެއްދުމާއި، މާލެ އަށް ގެނައުން އަދި މާލެއިން މާރުކޭޓާއި ހަމައަށް ޕްރޮޑަކްޓް ފޯރުކޮށްދިނުމުގައި ވެސް ބިދޭސީން އިންތިހާ އަށް ގިނައިން ތިބި ކަމަށެވެ. އެއީ ވިޔަފާރިވެރިންގެ ވަރަށް ބޮޑު ޝަކުވާ އެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަކުވާ ހަމައެކަނި ގޮޅިއާ ހަމައިން ކޮށްގެން ނުވާނެ. ކީތްވެހޭ އަޅުގަނޑުމެންގެ މީހާ އެ ނުއުފެއްދީ. ކީއްވެހޭ ގެންނަން އަޅުގަނޑުމެންގެ މީހާ ނެތީ. ކީއްވެހޭ ގޮޅިއަށް އެ ގެންނަން އަޅުގަނޑުމެންގެ މީހާ ނެތީ. މިކަން ފެށެންވީ ރަށާއި ހިސާބުން. ކީއްވެތޯ ޖަވާބު ބޭނުންވޭ މި ސުވާލު މި ޝަކުވާ ކުރާތާ އެތައް ދުވަހެއް ވެއްޖެ. މިކަމާ އިކޮނޮމިކް މިނިސްޓްރީންވެސް ފުލުހުންވެސް އިކޮނޮމިކް މިނިސްޓްރީން ވެސް އެބަޖެހޭ ސަމާލުވާންއާޒިމް
އިތުރަށް ވާހަކަދައްކަވަމުން އާޒިމް ވަނީ ރަށްރަށުގެ ދަނޑުވެރިކަން ރަނގަޅުކޮށް އެގްރިކަލްޗަރ ކުރިއަރުވަން ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް ކުރައްވާފައިވާ މަސައްކަތް ފާހަގަކުރައްވާފައެވެ. އެކަން ނުކޮށް ބިދޭސީން މާރުކޭޓް ވިޔަފާރީގެ ތެރެއަށް ވަނުން ނުހުއްޓުވޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ. މީގެ އިތުރުން ބޭރު މީހުން ނުލާ ގައުމު ނުހިންގޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. އެހެންކަމުން އާޒިމް ވަނީ ބޭރުމީހުން ބެލެހެއްޓުމުގެ ނިޒާމް ހަރުދަނާކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.