ވަށަފަރުގެ ބިން ހިއްކުން މި އަހަރު ފަށާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހއ.ވަށަފަރުގައި ވާހަކަދައްކަވަމުން ވަށަފަރު ބިންހިއްކުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެކަމުގައި ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ކޮންމެ ރަށެއްގައިވެސް ޞިއްޙީ މަރުކަޒުތަކުގައި އެރަށެއްގެ ނިސްބަތުން ލެބޯޓްރީ ޚިދުމަތް ޤާއިމުކުރުމަށް މަސައްކަތް ކުރައްވާ ކަމަށާއި އެކަން ވަށަފަރުގައި ވެސް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ހަމައެހެންމެ އެރަށުގައި ކުނި މެނޭޖްކުރާނެ މަރުކަޒެއް ޤާއިމުކުރުމަށްވެސް ސަމާލުކަން ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ވަށަފަރުގެ ފަތުރުވެރިކަން ކުރިއެރުވުމުގައި ވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ވަށަފަރަށް ކޮށްދޭން އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ހުރިހާ ކަމެއް ފުރިހަމަކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް މިހެން ވިދާޅުވި ނަމަވެސް ޕީއެސްއައިޕީގެ މަޝްރޫޢުތައް ވެސް ހުރީ މަޑުޖެހިފައެވެ. މަޝްރޫޢޫތައް ހުއްޓިފައި ހުރުމުން ސަރުކާރަށް ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް މަޝްރޫޢުތައް ކުރިއަށް ނުގެންދެވި ވަނީ މިއަހަރުގެ ބަޖެޓު ފާސްކުރިއިރު، މަޝްރޫއުތައް ކުރިއަށް ގެންގޮސް އެއްކޮށް ނިންމައިލެވޭ ވަރަށް ފައިސާ ހިމަނާފައި ނުވުމުން ކަމަށް އެމަނިކުފާނު ވިދާޅުވެ ރައީސް ވިދާޅުވީ އެ މަސައްކަތްތައް ފެށުން ބިނާވަނީ ދައުލަތަށް އާމްދަނީ ލިބޭ މިންވަރެއްގެ މައްޗަށް ކަމަށެވެ. ރައީސް މިފަދައިން ވިދާޅުވެފައިވާއިރު ޕީއެސްއައިޕީ ހުރިހާ މަޝްރޫޢު އަކަށް ސަރުކާރުން އެދުނު ގޮތަށް ފައިސާ ބަޖެޓްގައި ހިމަނާދީފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ ވިދާޅުވެފައެވެ.