ކ. މާލެ
|
25 ފެބްރުއަރީ 2024 | އާދީއްތަ 09:57
މިސްރާބު ހަމަމަގަށް ކެމްޕެއިންގެ ލޯގޯ
މިސްރާބު ހަމަމަގަށް ކެމްޕެއިންގެ ލޯގޯ
އެމްޑީޕީ
މިސްރާބު ހަމަމަގަށް
ހަޤީޤަތުގައި ވެސް މިސްރާބު ގޯސް، ހަމަ މަގަށް އަޅުވަން ޖެހޭ!
 
ސަރުކާރަށް ތިން މަސް ދުވަސް ވެގެންދާއިރު، މުޅި ސަރުކާރުގެ މިސްރާބު ގޯސްވެއްޖެ

އިދިކޮޅު މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އެކުލަވާލި ޝިއާރަކީ "މިސްރާބު ހަމަމަގަށް" މިއެވެ. ވަރަށް ވެސް މާނަ ފުން، އޭގެއިން ގިނަ ވާހަކަތަކެއް ބުނެދޭ ވެސް ޝިއާރެކެވެ. އޮޑިއެއް ދަތުރު ކުރަމުން އަންނަ މިސާރާބު ގޯސްވެއްޖެ ނަމަ، އެ އޮޑީގެ މިސްރާބު ވެސް ހަމަމަގަށް އަޅުވަން ޖެހެ އެވެ.

އޮޑީގެ އިސްވެރިން އެކަން ނުކޮށްފި ނަމަ، ދެން ދަށުން ތިބި މީހުން ވެގެން ވެސް އެކަން ކުރަންް ޖެހޭނެ އެވެ. އާދޭހެވެ! މިއަދު، މި ދިވެހި ޤައުމު، މި އޮޑީގެ ފުރިހަމަ ދުވެލީގައި ނުދުވެ އެވެ. ފުރިހަމަ ދުވެލީގައި ނުދުވާއިރު، މި އޮޑީގެ މިސްރާބު ވެސް ގޯސްވެއްޖެ އެވެ. މިސްރާބު ހަމަމަގަށް އަޅުވަން ޖެހިފައި އޮތް އޮޑި، ސަލާމަތް ކުރެވޭނީ ބަޔަކު މީހުން ޤުރުބާނީތަކެއް ވެގެންނެވެ.

ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު، މިވީ ތިން މަސް ދުވަހުގެ ތެރޭގައި އެތައް ކަންކަމެއް ބޮއްސުން ލައިގެން ގޮސްފި އެވެ. ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅުތައް ފުއްދުމުގައި ސަރުކާާރު ފަހަތު ފަޔަށް ބުރަވެފައި އޮތްއިރު، ރައްޔިތުންނަށް ދެއްކި ހުވަފެންތައް ބިލާހަކަށް ވެއްޖެ އެވެ. ރައްޔިތުން މި ސަރުކާރާ މެދު އުންމީދުތަކެއް ކުރި ނަމަވެސް، މިހާރު އެ އުންމީދެއް ނެތެވެ. އޭގެ ފަހަތުގައި ސަބަބުތަކެއް އޮތަތީ އެވެ. އެއީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ރައްޔިތުންނަށް ދެއްކި މަންޒަރާއި، ވެރިކަމުގައި ރަނގަޅަށް ފައި ހިއްޕާލުމަށްފަހު ދައްކަމުން އަންނަ މަންޒަރު ތަފާތުވީމަ އެވެ.

އެންމެ ފުރަތަމަ ދައްކަން އޮތް ވާހަކަ އަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ވާހަކަ އެވެ. މި ވެރިކަން ގެނައުމަށް އެންމެ ބޮޑަށް ދައްކައި، އެންމެ ބޮޑަށް ވިއްކި އެއް ވާހަކަ އަކީ އެއީ އެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ޤާއިމުވެ ތިބި ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަން ގެއްލޭ ހިސާބަށް ހިނގައްޖެ ވާހަކަ އެވެ. އިންޑިއާ ސިފައިން ބާލާނެ ކަމަށް ވެވަޑައިގެންނެވި ވައުދުގެ މިސްރާބު ގޯސްވެއްޖެ އެވެ. ވެރިކަން ދެއްވައިފި ނަމަ އިންޑިއާ ސިފައިން މި ޤައުމުން ފޮނުވާލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، މިހާރު ވިދާޅުވަނީ އެހެން ލަވަޔެކެވެ. އިންޑިއާ ސިފައިން ބޭލުމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންވާ ވާހަކަ އެވެ. މިސްރާބު ގޯސްވެއްޖެ އެވެ!

ކުރީ ސަރުކާރުން އިންތިހާ އަށް ޚަރަދުތައް ކުރަމުން އައި ކަމަށާއި، އެއީ މަތިބަރު ސަރުކާރެއް ކަމަށް ވިދާޅުވީ ވެސް، މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުންނެވެ. ޤާއިމު ކުރާނީ މަތި ލުއި ސަރުކާރެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވި ވިދާޅުވުމުގެ މިސްރާބު ވެސް ގޯސްވެއްޖެ އެވެ. އިންތިހާ އަށް ވަޒީރުންނާއި ވަޒީރު ފެންވަރުގެ ބޭފުޅުން ލައްވާފައި ތިބިއިރު، އެ ބޭފުޅުން ދުއްވާނެ ކާރު ހޯދުމަށް މިލިއަނުން ޚަރަދު ކުރެ އެވެ. މީގެއިތުރުން ސްޓޭޓް މިނިސްޓަރުންނާއި ވަޒީރުންގެ ނައިބުން އޮތީ ފުންޏަކަށް އޮއްސާލައިފަ އެވެ. މީގެ ކުރިން ހަތަރު ނައިބު ވަޒީރުންނާއެކު ހިންގި ވުޒާރާތަކުގައި، މިއަދު ނައިބުންގެ އަދަދު ހުރީ 15 ގައެވެ. މަތި ލުއި ކުރަން އައި ސަރުކާރުގެ މިސްރާބު އަނެއްކާ ވެސް ގޯސްވެއްޖެ އެވެ!

ރައްޔިތުންނަށް ޚިދުމަތް ކުރަން އައި ސަރުކާރުން، މިއަދާ ހަމައަށް އައިއިރު، ރައްޔިތަކަށް ފައިދާވާ ގޮތަށް ކަމެއް ކޮށްދިން މަންޒަރެއް ފެންނާކަށް ނެތެވެ. ކުރީގެ ސަރުކާާރުން އަތޮޅުތެރޭގެ ރަށްރަށުގައި ފަށާފައި ހުރި ތަރައްޤީގެ މަޝްރޫޢުތައް މިހާރު އެ ހުރީ ހުއްޓިފަ އެވެ. ސަރުކާރަށް ތިން މަސް ދުވަސް ވެގެން ދިޔައިރު، އެއިން ރަށެއްގައި ހައިމާކުން ފަސްކޮޅެއް ވެސް އަޅާލެވިފައި ނެތެވެ. ބަދަލުގައި ރަށް ރަށަށް ވަޑައިގެން ރައީސް ވިދާޅުވަނީ، އަތޮޅުތެރޭގައި ތަރައްޤީގެ މަޝްރޫޢު ފެށުން ލަސް ވެދާނެ ކަމަށެވެ. ހަމަ އެ ނޭވާގައި ވިދާޅުވަނީ، ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދެއްވުމަށެވެ. މިސްރާބު މާބޮޑަށް ވެސް ގޯސްވެއްޖެ އެވެ!

އަތޮޅުތެރޭގެ ރަށް ރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ނުފެށިދާނެ ކަމަށް ރައީސް ވިދާޅުވީ، އިޤްތިޞާދީ ދަތިކަން މަތިކޮށެވެ. އެހެން ނަމަވެސް، ކިތަންމެ ދައްޗަށް، ފައިސާ ނެތަސް، ބަނގުރޫޓުވެފައި ކަމަށް ސިފަ ކުރެއްވި ނަމަވެސް، ސަރުކާރުން ކުރަން ބޭނުންވާ ކަންކަން އެބަ ކުރެއެވެ! ރަށު ތެރޭގައި ކިޔާ ގޮތުން މެންބަރުން ކޮޅެއް ވެސް ސަރުކާރުން ގަނެލައިފި އެވެ. މިލިއަނުންް، ބިލިއަނުން އެކަމަށް ޚަރަދު ކުރި ކަމަށް، ސިޔާސީ މަސްރަހުގައި މަސައްކަތް ކުރާ ފަރާތްތަކާއި ރަށު ތެރޭގައި ވާހަކަ ދައްކާ މީހުން ވެސް އެބަ ބުނެ އެވެ.

އަނެއްކޮޅުން ރައީސް ވަޑައިގަންނަވާ ކޮންމެ ރަށެއްގައި، ހަމަ ޕޯޑިއަމް ދޮށުގައި ހުއްޓެވުމާއެކު ވިދާޅުވަނީ މި ރަށުގައި އެއާޕޯޓެއް، ޖެހިގެން އޮތް ފަޅުގައި އެއާޕޯޓެއް އަޅުއްވާނެ ވާހަކަފުޅެވެ. މަޖިލިސްް އިންތިޚާބާ ދިމާކޮށް މިޒާތުގެ ވާހަކަފުޅު ދައްކަވާއިރު، އިޤްތިޞާދީ ދަތިކަމާ ހެދި އަތޮޅުތެރޭގެ މަޝްރޫއުތައް ވެސް ނުފެށޭނެ ކަަމަށް ވިދާޅުވެ، މިސްރާބު ހަމަ ރަނގަޅަށް ވެސް ގޯސް ކުރައްވައިފި އެވެ!

ތިމަން މަނިކުފާނު އިންތިޚާބާ ދިމާކޮށް ކަޑަ ނުޖައްސަވާނެ ކަމަށް ވެސް ވިދާޅުވެއްޖެ އެވެ. އަޑަށް ބާރު ލައްވާފައި ވިދާޅުވީ ހުވަފެން ދައްކާ ވެރިޔަކަށް ވެވަޑައިނުގަންނަވާނެ ކަމަށެވެ. ޖެހިގެން އައި ޖުމުލައިގައި ވިދާޅުވީ، ބަޖެޓުގައި ނެތަސް ކުރައްވާނެ ކަމަށެވެ. އެއް ޕޯޑިއަމެއް ދޮށުގައި ހުންނަވާ، ދައްކަވާ ވާހަކަފުޅު ދިމާ ނުވާނީ، އިންތިހާ އަށް މިސްރާބު ގޯސްވީމަ އެވެ. ދެވޭ މިސްރާބެއް ހުދު ރައީސަށާއި ގާތުގައި ތިއްބެވި ބޭފުޅުންނަށް ވެސް އެނގިވަޑައިނުގެންނެވީމަ އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ މަސްވެރިންނަށް އުފާވެރި އެތައް ވައުދުތަކަކާއެކު އެވެ. މަސްވެރިން ބާނާ މަހަށް، 48 ގަޑިއިރުގެ ތެރޭގައި ބޭރު ފައިސާ އިން ފައިސާ ދޭނެ ކަމުގެ ވައުދާ އެކު އެވެ. އެހެން ނަމަވެސް، ސަރުކާރަށް ތިން މަސް ވެގެން ދިޔައިރު، އެ މިސްރާބު ވެސް ގޯސްވެއްޖެ އެވެ! މަސްވެރިންނަށް ބޭރު ފައިސާ އިން ދޭން ވައުދުވެވެވަޑައި ނަމަވެސް، ދިވެހި ފައިސާ އިން ވެސް ފައިސާ ނުދެވެ އެވެ. މަސްވެރިން ބާނާ މަހަށް ފައިސާ ކޮޅު ހޯދަން ޖެހެނީ ވެސް މުޒާހަރާ ކޮށްގެންނެވެ. މިސްރާބު މިދަނީ މުޅިން ގޯހަށެވެ!

ދެން އޮތީ ހެޔޮ ވެރިކަމެއް ކުރުމުގެ ވާހަކަ އެވެ. ދިވެހި ދައުލަތް ހިނގަނީ ތިން ބާރު ވަކިވެފައި އޮންނަ ނިޒާމެއްގެ ތެރެއިންނެވެ. އެއް ބާރުން އަނެއް ބާރަށް ފުރިހަމަ އަށް އިޙުތިރާމް ކުރަން ޖެހޭނެ އެވެ. ދައުލަތުގެ އެއްބާރު ކަމަށްވާ، ރައްޔިތުންގެ މަޖިލީހުގެ ޒިންމާ އަކީ، ދައުލަތް ޖަވާބުދާރީ ކުރުމެވެ. ފާރަވެރިވުމެވެ. ކޮންމެހެން ދައުލަތުން ބޭނުންވާހާ ގޮތަކަށް ކަންތައް ކޮށްދޭކަށް ނުޖެހެ އެވެ. ތިން ބާރު ވަކިވެ، ހެޔޮ ވެރިކަމެއް ކުރުމުގެ މިސްރާބު ހުރީ މާބޮޑަށް ވެސް ގޯހުގަ އެވެ!

މަޖިލިހުން ތިން ވަޒީރަކަށް ރުހުން ނުދިނުމުން، ރައީސް ހަމަ އެ ތިން ވަޒީރުން އަލުން އެ މަޤާމަށް ލައްވައިފި އެވެ. މަޖިލިހުން ވަޒީރުންނާ ސުވާލު ކުރުން ވެސް ރައީސް ސިފަކުރެއްވީ، "ސަރުކާރަށް ކުރާ ދުއްތުރާލެއް" ގޮތުގަ އެވެ. މިސްރާބު ކަމަކު ނުދެ އެވެ! މިސްރާބު ގޯހެވެ!

މިސްރާބު ގޯސްވާނީ މިހާ ވަރަށެވެ. މިސްރާބު ގޯސްކަން ރައްޔިތުން ވެސް ޤަބޫލު ކުރެ އެވެ. ދެން އޮތީ މިސްރާބު ރަނގަޅު ކުރުމުގެ މަސައްކަތް ކުރުމެވެ. އިންތިހާ އަށް ދޮގާއި، އޮޅުވާލުމުގެ ތެރެއިން އައި މި ސަރުކާރުގެ މިސްރާބު ރަނގަޅު ކުރަން، ރައްޔިތުންނަށް އެބަ ފުރުސަތެއް ލިބެ އެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މިސްރާބު ރަނގަޅު ކުރަން ވޯޓު ދެއްވާށެވެ. ރަމަޟާން މަހަކަށް، ހޮނިހިރަކަސް، ވާރޭ ވެހުނަަސް ނުވަތަ އަވި ދިނަސް، މިސްރާބު ރަނގަޅު ކުރަން ނުކުމެ، މިސްރާބު ރަނގަޅު ކުރުވާށެވެ.

ކޮމެންޓް
ގުޅުންހުރި
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ
ރައީސުލްޖުމްހޫރިއްޔާ، ޔޫއޭއީގެ ރައީސަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި
މެންބަރުންގެ މުސާރަ ވެސް ކުޑަ ކުރަންވީ، ދައުރު ފުރިހަމަކުރުމުން ދޭ އެލަވަންސް ވެސް ކަނޑާލަންވީ!
އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި
ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ގުޅިގެން މަޖިލިސް އިންތިޚާބަށް ނުކުތް ނަމަ ފުދޭވަރެއްގެ ގިނަ ގޮނޑިތައް ކާމިޔާބުކުރެވުނީސް: މެންބަރު އާޒިމް