ކ. މާލެ
|
24 ފެބްރުއަރީ 2024 | ހޮނިހިރު 05:51
މަޖިލިސް
މަޖިލިސް
ސޯޝަލް މީޑިއާ
މިނިވަން މުއައްސަސާތަކެ މުސާރަ
ޕީޖީ އަދި އޮޑިޓަރ ޖެނެރަލް ހިމެނޭހެން މުސްތަގިއްލު ބައެއް މަޤާމުތަކަށް %26ގެ މުސާރައިގެ ކުރިއެރުމެއް
 
މިނިވަން މުއައްސަސާތަކުގެ ރައީސުންގެ މުސާރަ އަށް %28ގެ ކުރިއެރުމެއް ގެނައުމަށް ވަނީ ހަމަޖައްސާފަ
 
ޕީޖީ އަދި އޮޑިޓަރ ޖެނެރަލް އަށް އަސާސީ މުސާރައިގެ ގޮތުގައި ލިބިވަޑައިގެންނެވި 42500 ރުފިޔާގެ ބަދަލުގައި 55000 ރުފިޔާ ދިނުމަށް އެ ކޮމިޓީން ވަނީ ފާސްކޮށްފަ

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އަދި އޮޑިޓަރ ޖެނެރަލް ހިމެނޭހެން މުސްތަގިއްލު ބައެއް މަޤާމުތަކަށް %26ގެ މުސާރައިގެ ކުރިއެރުމެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެކުލަވާލާފައިވާ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައާއި ޢިނާޔާތްތަކުގެ އޮނިގަނޑު މުރާޖަޢާކޮށް އަލުން އެކުލަވާލާ ނިންމި ގޮތުގެ ރިޕޯޓުގައި ވާގޮތުން މި ތިން މަޤާމަށް ވެސް %26 ނުވަތަ 15500 ރުފިޔާގެ މިސާރައިގެ ކުރިއެރުމެއް ގެނައުމަށް އެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ. މި ތިން ބޭފުޅުންގެ އިތުރުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަދި އެމްއެމްއޭގެ ގަވަރުނަރުގެ މުސާރައަށް ވެސް %26 ނުވަތަ 15500 ރުފިޔާގެ މިސާރައިގެ ކުރިއެރުމެއް ގެނައުމަށް އެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

މި ހުރިހާ ބޭފުޅުންނަށް ވެސް ކުރިން އަސާސީ މުސާރައިގެ ގޮތުގައި ލިބިވަޑައިގެންނެވި 42500 ރުފިޔާގެ ބަދަލުގައި 55000 ރުފިޔާ ދިނުމަށް އެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި ކުރިން ލިބިވަޑައިގަތް 15000 ރުފިޔާ 18000 އަށް ބޮޑުކުރުމަށް ވަނީ ފާސްކޮށްފައެވެ. މީގެ އިތުރުން އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރަށް ކުރިން ލިބިވަޑައިގެންނެވި 50000 ރުފިޔާގެ ބަދަލުގައި 55000 ރުފިޔާ ދިނުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ. މިއީ %10ގެ ކުރިއެރުމެކެވެ.

ދެން ހުރި މިނިވަން މުއައްސަސާތަކަށް ބަލާއިރު މިނިވަން މުއައްސަސާތަކުގެ ރައީސުންގެ މުސާރަ އަށް %28ގެ ކުރިއެރުމެއް ގެނައުމަށް ވަނީ ހަމަޖައްސާފައެވެ. އެއީ 6 މިނިވަން މުއައްސަސާއަކަށް މަހެއްގެ މައްޗަށް ޖުމްލަ 78000 ރުފިޔާގެ އިތުރުވުމެކެވެ. މިނިވަން މުއައްސަސާތަކުގެ ރައީސުންނަށް ކުރިން މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބިވަޑައިގެންނެވި 46000 ރުފިޔާގެ ބަދަލުގައި އާ ބަދަލާއި އެކު 59000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. ހަމައެހެންމެ މިނިވަން މުއައްސަސާތަކުގެ ނައިބު ރައީސުންނަށް ކުރިން މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބިވަޑައިގެންނެވި 44000ގެ ބަދަލުގައި 55000 ރުފިޔާ އާ ބަދަލާއި އެކު ލިބިވަޑައިގަންނަވާނެއެވެ. އެއީ 5 މިނިވަން މުއައްސަސާއަކަށް މަހެއްގެ މައްޗަށް 55000 ރުފިޔާގެ އިތުރުވުމެކެވެ. މިއީ އިންސައްތައިގެ ގޮތުން ބަލާ ނަމަ 25%އިގެ ކުރިއެރުމެކެވެ. އަދި މިނިވަން މުއައްސަސާތަކުގެ މެމްބަރުންނަށް ވެސް %17 ނުވަތަ 7000 ރުފިޔާގެ ކުރިއެރުމެއް ވަނީ ލިބިފައެވެ. އެއީ މިނިވަން މުއައްސަސާތަކުގައި ތިއްބެވި 20 މެމްބަރުންނަށް ކުރިން ލިބިވަޑައިގެންނެވި 41000ގެ ބަދަލުގައި 48000 ރުފިޔާ ލިބޭ ގޮތަށް ގެންނަވާފައިވާ ބަދަލެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
100%
0%
ކޮމެންޓް