ކ. މާލެ
|
21 ފެބްރުއަރީ 2024 | ބުދަ 17:17
އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި ކުޑަކުއްޖެއްގެ ހަށިގަނޑު ގެންދަނީ
އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި ކުޑަކުއްޖެއްގެ ހަށިގަނޑު ގެންދަނީ
އަނަދޮލޫ
ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމު
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަކީ ގަތުލުއާންމެއް ކަމަކަށް ގަބޫލެއް ނުކުރަން: އެމެރިކާ
 
ދުނިޔޭގެ ކާބޯތަކެތީގެ ޕްރޮގްރާމުން ވަނީ، އުތުރުގެ ޣައްޒާއަށް ބޭނުންވާ އެހީ ފޯރުކޮށްދިނުން މެދުކަނޑާލާފައި

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަކީ ގަތުލުއާންމެއް ކަމަށް ގަބޫލުނުކުރާކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މެތިއު މިލާ ވިދާޅުވީ، ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުން އަންނަ ލޭއޮހޮރުވުމުގެ ހަނގުރާމައާއި ހޮލޮކޮސްޓް އަޅައިނުކިޔޭނެ ކަމަށެވެ.

ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ ދާދި ފަހުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ، ޣައްޒާގައި ޖަރީމާތައް ހިނގަމުންދާ ކަމަށް ގަބޫލުނުކުރާ ކަމަށް ތަކުރާރުކޮށް ބުނެފައެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މެތިއު މިލާ ވިދާޅުވީ، ޣައްޒާގައި ޖަރީމާ ހިންގާފައިވާ ކަމަށް ގަބޫލު ނުކުރާކަން ވަރަށް ސާފުކޮށް އެނގޭކަމަށެވެ.

މިލާ މިހެން ވިދާޅުވެފައި މިވަނީ ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

އަލްޖީރިއާއިން ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރުގެ އެމެރިކާއިން ވީޓޯކޮށްފައި ވާއިރު، އެ ގަރާރުގެ ސަބަބުން އިސްރާއީލާ ހަމާސްއާ ދެމެދު މިހާރު ކުރިއަށްދާ ހަނގުރާމައިގެ މަޝްވަރާތަކަށް ހުރަސްއެޅޭނެ ކަމަށް ވިދާޅުވެ، އދ.ށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ މަންދޫބު ވަނީ ވީޓޯ ދިފާއު ކުރައްވައިފައެވެ.

ފަލަސްތީނު އޮތޯރިޓީގެ ރައީސްގެ އޮފީހުން ވަނީ އދ.ގެ ސަލާމަތީ މަޖިލީހުން އަޅާފައިވާ ހަނގުރާމަ ހުއްޓާލުމުގެ ފިޔަވަޅަށް އެމެރިކާއިން ހުރަސް އެޅުމުން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައި، ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ދެމުން ގެންދާ އަނިޔާވެރި ހަމަލާތައް ވޮޝިންޓަނުން ހިމާޔަތްކުރާ ކަމަށް ތުހުމަތުކޮށްފައެވެ.

އެމެރިކާ ވީޓޯކުރިކަމުގެ ޚަބަރާ ގުޅިގެން ފަލަސްތީނުގެ ރައީސް ނެރުއްވި ހަރުކަށި ބަޔާނެއްގައި ވަނީ އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ހިންގާ ޖަރީމާތަކާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކުގައި އެމެރިކާ ބައިވެރިވާ ކަމަށް ސިފަކުރައްވާފައެވެ.

ފަލަސްތީނުން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ރިޔާޒް މަންސޫރު އަލްޖަޒީރާއަށް ވިދާޅުވީ، ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ގަރާރުތަކަށް އެމެރިކާއިން ވީޓޯކުރުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށެވެ.

މީގެ އިތުރުން ފަލަސްތީނުގެ ޑިޕްލޮމެޓް ވަނީ އެމެރިކާއިން ވީޓޯގެ ބާރު ބޭނުންކޮށްގެން ޖަސްޓިފައިކުރަން ކުރާ މަސައްކަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، "ހަނގުރާމަ ހުއްޓާލުމުން މަޝްވަރާތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށާއި، ގައިދީންނާއި ރަހީނު ކުރެވިފައިވާ މީހުން ބަދަލުކުރުމުގެ މަގުސަދު ހާސިލްކުރުމަށް މަގުފަހިވެގެންދާނެ" ކަމަށް ވިދާޅުވެފައެވެ.

ވަށާލާފައިވާ ޣައްޒާގެ އިންސާނީ ހާލަތާމެދު ކަންބޮޑުވުންތައް ދަނީ އިތުރުވަމުންނެވެ. ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ)ން ދާދިފަހުން ވަނީ ޣައްޒާގެ އުތުރުގައި ބަނޑުހައިހޫނުކަމުގެ ސަބަބުން ހަލަބޮލިވެ އިޖުތިމާއީ ހަމަޖެހުން ހީނަރުވެފައިވާ ކަމަށް ބުނެ، ގިނަ ބައެއްގެ އެހީ ފޯރުކޮށްދިނުން ހުއްޓާލާފައެވެ.

ނޯވޭގެ ރެފިއުޖީ ކައުންސިލްގެ ޝައިނާ ލޯ ވަނީ ޣައްޒާގައި އިންސާނީ މަސައްކަތްތެރިންނަށް ކުރިމަތިވެފައިވާ ނުރައްކާތެރި ނުރައްކަލުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އޭނާ ވަނީ، އިސްރާއީލު ސިފައިން ގާފިލާތަކަށް އަމާޒުކޮށް ހަމަލާދިނުމާއި އެހީ ނުލިބުމުގެ ސަބަބުން ކުރިމަތިވާ މާޔޫސްކަމުގެ ސަބަބުން އެހީގެ ގާފިލާތައް ހިފަހައްޓައި ލޫޓުވުން ފަދަ ނުރައްކާތައް ފާހަގަކުރައްވާފައެވެ.

ޑަބްލިއުއެފްޕީގެ ޗީފް ސިންޑީ މެކޭން ވަނީ މި ގޮންޖެހުންތައް ދެމިއޮތްނަމަ ޣައްޒާއަށް ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. "ކާރިސާއެއް ދިމާވާކަށް ނުޖެހޭނެ. އެކަމަކު ކަންކަން ބަދަލުނުވެއްޖެނަމަ އެކަން ވާނެ،"  އެކްސްގައި ކުރި ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް