ކ. މާލެ
|
20 ފެބްރުއަރީ 2024 | އަންގާރަ 10:26
މެޗުގައި ލަނޑު ޖެހުމަށްފަހު ބިލްބާއޯގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ބިލްބާއޯގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ޓްވީޓަރ
ސްޕެނިޝް ލީގު
ބިލްބާއޯ އަތުން ބަލިވެ، ޖިރޯނާ އިން ފުރުސަތު ނަގާލައިފި
މިހާތަނަށް ކުޅުނު 25 މެޗުން 56 ޕޮއިންޓު ހޯދައިގެން ޖިރޯނާ އޮތީ ދެ ވަނައިގައި

ސްޕެނިޝް ލީގުގައި އެތުލެޓިކޯ ބިލްބާއޯއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ޖިރޯނާ އިން ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ނަގާލައިފި އެވެ.

ހޯމަ ދުވަހުގެ ރޭ ބިލްބާއޯގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޖިރޯނާ ބަލިވީ، 3-2 އިންނެވެ. މެޗުން މޮޅުވެ، އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާ ދެމެދު އޮތް ފަރަގު ކުޑަ ކުރުމުގެ ފުރުސަތު ޖިރޯނާ އަށް އޮތެވެ. ނަމަވެސް، މެޗުން ބަލިވެ ދެ ޓީމުގެ ދެ މެދުގައި އޮތް ފަރަގު މިހާރު އޮތީ ހަތް ޕޮއިންޓުގަ އެވެ.

މެޗު ފަށައިގެން ދެ ވަނަ މިނެޓުގައި ބިލްބާއޯ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ އެލެކްސް ބްރެންގާ އެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ޖިރޯނާ އިން ކުރި މަސައްކަތް ކާމިޔާބުވީ ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގަ އެވެ. ޖިރޯނާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ވިކްޓޯ އެވެ. ނަމަވެސް 56 ވަނަ މިނެޓުގައި ބެރެންގާ ވަނީ ދެ ވަނަ ލަނޑު ޖަހައި، ބިލްބާއޯ އަށް ދެ ވަނަ ފަހަރަށް ލީޑު ނަގައިދީފަ އެވެ. އޭގެ ހަތަރު މިނެޓު ފަހުން އިނާކީ ވިލިއަމްސް ވަނީ ބިލްބާއޯގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. މެޗުގައި ޖިރޯނާގެ ދެ ވަނަ ލަނޑު 75 ވަނަ މިނެޓުގައި ޖެހީ އެރިކް ގާސިއާ އެވެ.

މި ސީޒަންގެ ސްޕެނިޝް ލީގުގައި އެންމެ ރަނގަޅު ނަތީޖާއެއް ނެރެމުން އައި އެއް ޓީމަކީ ވެސް ޖިރޯނާ އެވެ. މިހާތަނަށް ކުޅުނު 25 މެޗުން 56 ޕޮއިންޓު ހޯދައިގެން ޖިރޯނާ އޮތީ ދެ ވަނައިގަ އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި ރެއާލް މެޑްރިޑު އޮތީ 62 ޕޮއިންޓާއެކު އެވެ. ޖިރޯނާ އަތުން މޮޅުވި ބިލްބާއޯ އޮތީ 49 ޕޮއިންޓާއެކު ފަސް ވަނައިގަ އެވެ.

- ކޮމެންޓް