ކ. މާލެ
|
20 ފެބްރުއަރީ 2024 | އަންގާރަ 05:57
ބަޔާނަށް އިރުޝާދު ދެމުން އަންނަ ޖަރުމަނުގެ ތޯމަސް ޓުޗެލް
ބަޔާނަށް އިރުޝާދު ދެމުން އަންނަ ޖަރުމަނުގެ ތޯމަސް ޓުޗެލް
ރޮއިޓާސް
ބަޔާން މިއުނިކް
އެތެރޭގެ މަޝްވަރާތަކަށްފަހު، ބަޔާނުން ނިންމީ ޓުޗެލް އާއެކު ކުރިއަށް ދާން!
 
ބަޔާން އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ބަލިވެފައިވާއިރު، ލީގު ރޭހުގައި އެ ޓީމު ދަނީ ފަހަތަށް

ޖަރުމަނު ލީގުގެ ބަޔާން މިއުނިކަށް އިރުޝާދު ދެމުން އަންނަ ތޯމަސް ޓުޗެލް އާއެކު ކުރިއަށްދާން، އެ ކުލަބުގެ ބޯޑުން ނިންމާފައިވާ ކަމަށް ޖަރުމަނުގެ މީޑިއާ ތަކުން ރިޕޯޓުކޮށްފި އެވެ.

ޖަރުމަނު ލީގުގައި އެންމެ ފަހުން ބަޔާނުން، ބޮކުމްއާ ދެކޮޅަށް ކުޅެ ބަލިވި މެޗަށްފަހު، ޓުޗެލް އަށް އިންތިހާ އަށް ޕްރެޝަރު ބޮޑުވި ކަމަށް ވެސް މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. ބަޔާން އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ބަލިވެފައިވާއިރު، ލީގު ރޭހުގައި އެ ޓީމު ދަނީ ފަހަތަށެވެ. އެއާއެކު، އާދިއްތަ ދުވަހުގެ ރޭ ބަޔާން ބޯޑު މެމްބަރުންގެ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި، އެ ބައްދަލުވުމުގައި ޓުޗެލްގެ ކުރިމަގާ މެދު މަޝްވަރާކޮށްފައިވާ ކަމަށް ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ. ނަމަވެސް، ޓުޗެލް މަގާމުން ވަކި ކުރަން ބޯޑުން ނުނިންމާ ކަމަށާއި، ބޯޑުގެ ރޫހު ހުރީ ޓުޗެލް އާއެކު ކުރިއަށް ދާން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޓުޗެލް ބުނީ، އޭނާ އަށް ކުލަބުގެ ބޯޑު މެމްބަރުން އަދި އެހެނިހެން އިސްވެރިންގެ ސަޕޯޓު ލިބެމުން އަންނަ ކަމަށެވެ. ޚާއްސަކޮށް ބަޔާންގެ ސީއީއޯ ޖޭން ކްރިސްޓިއަން ޑްރީސެން އާއެކު އޮތީ ވެސް ވަރަށް ރަނގަޅު ގުޅުމެއް ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން މިހާތަނަށް އައިއިރު އެކުގައި މަސައްކަތް ކުރެވުނު ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އެ މަސައްކަތް ކުރެވޭނެ ކަމަށް ޓުޗެލް ބުންޏެވެ. ޓުޗެލް މިހެން ބުނެފައިވާއިރު، ދާދި ފަހުން ބަޔާންގެ ސީއީއޯ ޑްރީސެން ވިދާޅުވެފައި އޮތީ ޓުޗެލް މަގާމުން ވަކި ނުކުރާނެ ކަމަށެވެ.

މީގެ އިތުރުން ޓުޗެލް ބުނީ، މިހާރު ބަޔާން އޮތް ޙާލަތުގެ ސަބަބުން އޭނާ އަށް ވެސް އުނދަގޫތަކެއް ކުރިމަތިވާ ކަމަށެވެ. އަދި ސީއީއޯ ޑްރީސެން އަށް ވެސް ވަރަށް ރަނގަޅަށް އެކަން އިނގޭނެ ކަމަށާއި، އެ ޙާލަތުން އަރައި ގަތުމަށް އޭނާ ބޭނުންވާ މިންވަރު ވެސް ސީއީއޯ އަށް އިނގޭނެ ކަމަށެވެ. ހަމައެހެންމެ ކުރިމަގަށް ކަންކަން ރާވަމުން އަންނަ ގޮތާއި، ކުރިމަގު ބައްޓަން ކުރަން ބޭނުންވާ ގޮތް ވެސް ސީއީއޯ އަށް އިނގޭނެ ކަމުގައި ޓުޗެލް ވަނީ ބުނެފަ އެވެ.

ބަޔާންގެ ކޯޗުކަމާ އުމުރުން 50 އަހަރުގެ ޓުޗެލް ހަވާލުވީ، މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. އެއީ އޭނާގެ ކުރިން އެ މަގާމުގައި ހުރި ހޫލިއަން ނާގަލްސްމަން ވަކި ކުރުމުންނެވެ. ޓުޗެލް އަށް ހަވާލު ކުރި އެންމެ ބޮޑު މަސައްކަތަކީ އޭރު ނަތީޖާ ގޯސްވެފައި އޮތް ބަޔާންގެ ނަތީޖާ ރަނގަޅުކޮށް، އެ ކުލަބު ހަމަ މަގަށް އެޅުވުމެވެ.

ޓުޗެލް ހަވާލުވީ ފަހުން މިހާތަނަށް ބަޔާން ކުޅެފައި ވަނީ 44 މެޗެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 28 މެޗުން މޮޅުވެފަ އެވެ. 11 މެޗުން ބަލިވެފައިވާއިރު، ފަސް މެޗުން ވަނީ އެއްވަރުވެފަ އެވެ. މި ސީޒަންގެ ޖަރުމަނު ލީގުގައި ބަޔާން ވަނީ މިހާތަނަށް 22 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން 16 މެޗުން މޮޅުވެފައިވާއިރު، ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ. އަނެއް ދެ މެޗު ވަނީ އެއްވަރުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
100%
0%
0%
0%
ކޮމެންޓް