ކ. މާލެ
|
19 ފެބްރުއަރީ 2024 | ހޯމަ 14:33
ރައީސް ޑރ.މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވަނީ
ރައީސް ޑރ.މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވަނީ
ރައްޔިތުންގެ މަޖިލިސް
ރިޔާސީ ބަޔާނުގެ ޖަވާބު- ހެޔޮވެރިކަމުގެ ސިޔާސަތުތައ
މި ސަރުކާރު އިންތިޚާބުވީ ބުހުތާން ދޮގު ހަދައިގެން، ރިޔާސީ ބަޔާނަކީވެސް ބުހުތާން ދޮގު ހިމެނިގެންވާ ބަޔާނެއް: އެމްޑީޕީ
 
ދައުލަތުގެ ޚަރަދުތައް މިސަރުކާރުން ހާމައެއް ނުކުރޭ
 
މުވައްޒަފުންގެ ޕޭ ހަމަނައިޒޭޝަން މަސައްކަތަކީ ކުރިއަށް ގެންދަން ޖެހޭ
 
ރިޔާސީ ބަޔާނުގައި ހެޔޮވެރިކަމުގެ ސިޔާސަތުތައް މަދު

މި ސަރުކާރު އިންތިޚާބުވީ ބުހުތާން ދޮގު ހަދައިގެން ކަމަށާއި، ރިޔާސީ ބަޔާނަކީވެސް ބުހުތާން ދޮގު ހިމެނިގެންވާ ބަޔާނެއް ކަމަށް ރިޔާސީ ބަޔާނުގެ ޖަވާބުގައި އެމްޑީޕީން ބުނެފިއެވެ.

ހޯމަ ދުވަހު އޮތް ޖަލްސާއަށް ރިޔާސީ ބަޔާނުގެ ޖަވާބު ހުށަހަޅުއްވައިދެއްވީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.

މެންބަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ހެޔޮވެރިކަމުގެ ސިޔާސަތުތައް މަދު ކަމަށެވެ. މިއީ އުފެދި އަށަގަންނަމުން އަންނަ ޑިމޮކްރަސީއެއްގައި ކަންބޮޑުވާ ކަމެއް ކަމަށެވެ. ދައުލަތް ހިންގުމުގެ ވާހަކައިގައި ރައީސްގެ ބަޔާނުގައި ހާމަކުރެއްވީ ހަމައެކަނި އިމާރާތާއި ކޮންކްރީޓްގެ ވާހަކަ ކަމަށާއި، ދައުލަތް ހިންގުމަށް ދިމާވެފައިވާ އެހެނިހެން މައްސަލަތަކުގެ ވާހަކަ އެއްވެސް މިންވަރަކަށް ފާހަގަ ނުކުރައްވާ ކަމަށް މެންބަރު ވިދާޅުވިއެވެ. އަދި ވަކިން ހާއްސަކޮށް، ސިވިލް ސާވިސްއަށް ދިމާވެފައި މުވައްޒަފުންގެ މުސާރައާއި ފެންވަރުގެ ކަންކަން ނެތުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

މެންބަރު ވިދާޅުވީ މުވައްޒަފުންގެ ޕޭ ހަމަނައިޒޭޝަން މަސައްކަތަކީ ކުރިއަށް ގެންދަން ޖެހޭ ކަމެއް ކަމަށާއި، އެހެނިހެން ޚަރަދުތައް ކުޑަކޮށްގެންވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި ޑެޕިއުޓީ މިނިސްޓަރުން މަދުކޮށްގެން ވެސް ކުރަންޖެހޭ ކަމެއް ކަމަށް މެންބަރު ވިދާޅުވިއެވެ. ސިވިލް ސާވިސްގެ ފެންވަރު ރަނގަޅުކުރެވޭނީ ރަނގަޅު މުވައްޒަފުން ރީޓެއިން ކުރެވިގެން ކަމުގައިވާއިރު އެމްޑީޕީ ސަރުކާރުގައި އެކަން ކުރަން ފަށާފައިވާ ކަމަށާއި، ސިވިލް ސާވިސް މުވައްޒަފުންނާއި ފުލުހުންނާއި ސިފައިންގެ މުސާރައިގެ އޮނިގަނޑަށް ހެޔޮ ބަދަލު ގެންނަން ޕޭ ކޮމިޝަނުން ނިންމައި ބަޖެޓުގައި ހިމެނިކަން މެންބަރު ފާހަގަކުރެއްވިއެވެ. ނަމަވެސް އެކަން ނުކުރައްވާ ކަމަށް މެންބަރު ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު ވިދާޅުވީ ނޫސްވެރިންގެ ސުވާލުތަކަށް ސަރުކާރުން ޖަވާބުނުދޭ ކަމުގެ ޝަކުވާތައް ވެސް ވަރަށް ގިނަވަމުންދާ ކަމަށެވެ.

އަދިވެސް އެކަން ސަރުކާރުން ނުކުރައްވާ! އެހެންނަމަވެސް ސިޔާސީ އެކި މަގާމުތަކަށް މީހުން އައްޔަން ކުރުން ދަނީ ކުރިއަށް. އިއްޒަތްތެރި ރައީސް، އިއްޒަތްތެރި މެމްބަރުން އިންސާފު ގާއިމުކުރުމުގައި ހުރި ދަތިތަކާއ,ި ޝަރުޢީ ދާއިރާއަށް ދިމާވެފައިވަ ކަންކަމާ ގުޅޭ ގޮތުން ރައީސްގެ ވާހަކަފުޅު ފަނޑުކަން ފާހަގަކުރަން. ޖުޑީޝަލް ސާރވިސް ކޮމިޝަން އެކުލެވިގެންވާގޮތް އިސްލާޙްކުރުމަށް ބިލެއް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއިރު މިއީ ވެސް ނިމިދިޔަ ސަރުކާރުން މި އިއްޒަތްތެރި މަޖިލީހަށް ހުށަހަޅާފައިވާ ބިލެއް. ރައީސްގެ ރިޔާސީ ބަޔާނުގައި ސަރުކާރުގެ ސިޔާސަތުތަކާއި ކަންކަން ކުރިއަށްދާގޮތްތައް ސީދާ ރައްޔިތުންނަށް ހާމަކުރައްވަމުން ގެންދަވާނެ ކަމަށް ވިދާޅުވާއިރު މިހާރު އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ލިބޭ އެއް ޝަކުވާއަކީ ނޫސްވެރިންގެ ސުވާލުތަކަށް ސަރުކާރުން ޖަވާބު ނުދެއްވާ ކަމުގެ ޝަކުވާތައް. ރައީސްގެ ރިޔާސީ ބަޔާނުގައި އެ ވިދާޅުވާ "މަދުވެގެން ކޮންމެވެސް އެއް ރައްޔިތެއްގެ ވީޑިއޯ ސުވާލަކަށް ސީދާ އަޅުގަނޑު ކޮންމެ ދުވަހަކު ޖަވާބުދޭން ފަށައިފިން" އަޅުގަނޑަށް ސިފަކުރެވެނީ ސިލްސިލާ ޑްރާމާ އެއްގެ ގޮތުގައި. ވަޒީރުންނާވެސް ސުވާލުކުރެވޭ ފޯރަމްގައި ގިނައިން ތިބީ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުން.
އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން

ފާއިތުވި 5 އަހަރު ދައުލަތުގެ ޚަރަދުތައް ގަވާއިދުން ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކުރަމުންއައިކަން ފާހަގަކުރައްވައި މެންބަރު ވިދާޅުވީ މި ސަރުކާރުން މިހާރު މިކަން ވެސް ހުއްޓުވާފައިވާ ކަމަށެވެ. އެހެންކަމުން ހާމަކަން ބޮޑު ސަރުކާރެއް އުފައްދަވާނެ ކަމަށް ވިދާޅުވެ ދައްކަވާ ވާހަކަތަކަކީ މޫނުމަތި ރީތި ކުރުމުގެ އުސޫލުން ކުރާ ކަމެއް ކަމަށާއި، ބޮޑު އޮޅުވާލުމެއް ކަމަށް މެންބަރު ވިދާޅުވިއެވެ. ނޫސްވެރިންނަށް ދައުލަތުގެ ބަޖެޓުން ފައިސާ ދެވޭނެ ގޮތަށް ބަޖެޓުގައި ހިމަނުއްވާނެ ކަމަށްވިދާޅުވި ނަމަވެސް 2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި އެކަމުގެ އެއްވެސް ކަމެއް ނެތް ކަމަށް މެންބަރު ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު ވިދާޅުވީ މި ސަރުކާރު އިންތިޚާބުވީ ބުހުތާނު ބޮޑު ދޮގު ހަދައިގެން ކަމަށާއި، ރައީސްގެ ރިޔާސީ ބަޔާނަކީވެސް ބުހުތާނު ދޮގު ހިމެނިގެންވާ ބަޔާނެއް ކަމަށެވެ.

މިވީ 3 މަސްދުވަސްތެރޭގައި ނޫސްވެރިކަމަށް އޮތީ އަނދިރި މުސްތަގްބަލެއްކަން އިހްސާސްކުރެވެން ފަށައިފި. ސަރުކާރަށް ފާޑުކިޔާ އޮންލައިން ވެބްސައިޓްތައް އާ ޤަނޫނު އަސާސީގެ ފަހުން އެއްވެސް ސަރުކާރަކުން ބްލޮކްކޮށްފައިނުވޭ. އެހެން ނަމަވެސް މި ސަރުކާރުން މި ފެށީ ބިރުވެރި އަދި އަޑި ނޭނގޭ ކަމެއް. މި ފަދަ ބިރުވެރި ދުވަސްތަކެއް އަޅުގަނޑުމެންގެ މާޒީން ފެނުނު. މި ސަރުކާރުގެ ކަންކަން ހުރި ގޮތުން ނޫސްވެރިކަމަށާއި އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް މި ސަރުކާރުން ހުރަސް އަޅާނެކަން ކަށަވަރު ވެއްޖެ. 3 މަސްދުވަސްތެރޭގައި ސަރުކާރަށް ފާޑުކިޔާ 3 ވެބްސައިޓް ބަންދުކޮށްފި. މި ސަރުކާރު އިންތިޚާބުވީވެސް ބުހުތާނު ބޮޑު ދޮގު ހަދައިގެން. ރައީސްގެ ރިޔާސީ ބަޔާނަކީވެސް ބުހުތާނު ދޮގު ހިމެނިގެންވާ ބަޔާނެއް. އޮޅުވާލުމާއި ދޮގުތައް. ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށް ވިދާޅުވި. ނަމަވެސް ހަގީގަތަކީ އެމްޑީޕީ ސަރުކާރުން އެމަނިކުފާނަށް ދެއްވި ލުޔަށްވުރެ އަދި މިއަދާ ހަމައަށްވެސް ލިބިވަޑައިގެންފައި ނުވާކަން. އިންޑިޔާ ސިފައިންގެ އަދަދު ހާމަކުރައްވާނެ ކަމަށް ވިދާޅުވި. އިންތިޚާބު ދުވަސްވަރު ހީވީ ދެންމެ ދެންމެ އިންޑިޔާ ސިފައިން ރާއްޖެ ހިސާރުކުރި ހެން. އެހެންނަމަވެސް މިކަމުގެ އެއްވެސް ތަފްސީލެއް ރިޔާސީ ބަޔާނުގައި ނެތް. އިންޑިޔާ ސިފައިން ތިބި ނަމަ ތިބި އަދަދުވެސް ރިޔާސީ ބަޔާނުގައި ހާމައެއް ނުކުރައްވާ. ދައްކަވާނެ އިތުރު ވާހަކައެއް މިހާރު ނެތިގެން އެންމެ ފަހުން މި ނިންމީ ޑޯނިޔާ ދުއްވާ މީހުން ކުލަ ހެދުމުގައި އެކަން ކުރަން އެންމެ ރަނގަޅުކަމަށް. މިކަމުން މިއަދު އެނގި ސާބިތުވަނީ އަޅުގަނޑުމެން ތަކުރާރުކޮށް ބުނަމުން ދިޔަ ފަދައިން ހަތިޔާރު އެޅި އިންޑިޔާ ސިފައި ރާއްޖެއަކު އެއްވެސް އިރަކު ނެތްކަން އަދި އެންމެ ބޫޓު ޖޯޑުކޮޅެއްވެސް ނެތްކަން.
އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން

މެންބަރު ވިދާޅުވީ ކުރިއަށް އޮތްތަނުގައި މިފަދަ ބޮޑު ދޮގުތަކުން ދެން ރައްޔިތުން އޮޅުވާނުލެވޭނެ ކަމަށާއި، އެއްހަރަކުން ދެފަހަރު މުއުމިނެއްގެ ގަޔަށް ކަށްޓެއް ނުޖެހޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް