ކ. މާލެ
|
17 ފެބްރުއަރީ 2024 | ހޮނިހިރު 05:37
ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމު، އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާ ބައްދަލުކުރައްވަނީ
ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމު، އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާ ބައްދަލުކުރައްވަނީ
ޕީޖީ އޮފީސް
ހަމަލާއަށްފަހު ޕީޖީގެ ފުރަތަމަ ބައްދަލުވުން
ހަމަލާއަށްފަހު ޕީޖީގެ ފުރަތަމަ ބައްދަލުވުން އެމެރިކާ ސަފީރާއެކު
 
ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމު އިތުރަށް ކުރިއެރުވުމަށް ދެޤައުމުގެ ސަރުކާރުން އެހީތެރިކަން ދެވެން އޮތް ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅުދައްކަވާފައިވޭ
 
މި ބައްދަލުވުންތަކުގައި ސަފީރުން ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްއަށް އަމާޒުކޮށް ދިން ހަމަލާއާމެދު އެ ދެ ޤައުމުން ކަންބޮޑުވެވަޑައިގަންނަވާކަމަށް ވިދާޅުވެފައި

ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމު، އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި، އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާ ބައްދަލުކުރައްވައިފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް އެމެރިކާ ސަފީރު ހިޒް އެކްސެލެންސީ ހޫގޯ ޔޮން އާ ބައްދަލުކުރެއްވީ 3 ފެބްރުއަރީގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައެވެ. މިއީ ޕްރޮސިކިއުޓަރ ޖެނެރަލްއަށް އަމާޒުކޮށް 31 ޖަނަވަރީ ގައި ބަޔަކު ދިން ހަމަލާއަށްފަހު އެމަނިކުފާނު ކުރިއަށްގެންދެވި ރަސްމީ ފުރަތަމަ ބައްދަލުވުމެވެ. 

ޕްރޮސިކިއުޓަރ ޖެނެރަލް، އޮސްޓޮރޭލިއާ ސަފީރު ހިޒް އެކްސެލެންސީ ޑޭވިޑް ޖެސަޕްއާ ބައްދަލުކުރެއްވީ 15 ފެބުރުވަރީ ގައެވެ.

ވަކިވަކިން ކުރިއަށްގެންދެވި މި ބައްދަލުވުންތަކުގައި ސަފީރުން ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްއަށް އަމާޒުކޮށް ދިން ހަމަލާއާމެދު އެ ދެ ޤައުމުން ކަންބޮޑުވެވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ. 

ދެ ޤައުމުގެ ސަފީރުންނާއެކު ކުރެއްވި މަޝްވަރާގައި، ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމު އިތުރަށް ކުރިއެރުވުމަށް ދެޤައުމުގެ ސަރުކާރުން އެހީތެރިކަން ދެވެން އޮތް ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅުދައްކަވާފައިވެއެވެ. 

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ އޮންނަ ގުޅުމުގެ ތެރެއިން، ޖިނާއީ ޢަދުލުގެ ނިޒާމަށް ފަންނީ އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަކޮށް، އެ ޑިޕާޓްމަންޓުން މިހާރުވެސް ގެންދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ ފަންނީ މާހިރުން،ޓެރަރިޒަމާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ މައްސަލަތަކުގައި އިންވެސްޓިގޭޓަރުންނާއި، ޕްރޮސިކިއުޓަރުންނާއެކު މަސައްކަތްކުރައްވާފައިވެއެވެ.

އޮސްޓްރޭލިއާ ސަރުކާރުންވެސް ގެންދަނީ ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް އެކި ދާއިރާތަކުން ފަންނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

 މި ބައްދަލުކުރެއްވުންތަކުގައި ދެޤައުމުގެ ސަރުކާރުން ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް ވެދެއްވަމުންގެންދަވާ އެހީތެރިކަމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ޚާއްޞަކޮށް ޓެރަރިޒަމާ ދެކޮޅަށް މި ނިޒާމުން ކުރަމުންގެންދާ މަސައްކަތުގައި އެ ދެޤައުމުގެ ސަރުކާރުން ދެއްވާ ޚާއްޞަ އެހީތެރިކަން ޕްރޮސިކިއުޓަރ ޖެނެރަލް ފާހަގަކުރެއްވިއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް