ކާމިޔާބު ހޯދުމަށްޓަކައި އާސެނަލްއިން ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ފަދަ ދުނިޔޭގެ ތަރިން ގަތުމަށް ޝައުގުވެރިވާނެ ވެއްޖެކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.
މިދިޔަ ސީޒަނާއި މި ސީޒަނުގައި ވެސް އިނގިރޭސި ލީގުގެ ތައްޓަށް ވާދަކުރަމުން އަންނަ ޓީމުގެ ކޯޗު ބުނީ އާސެނަލް އަކީ ތަރިން ޝައުގުވެރިވާ ކުލަބަކަށް ހެދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"އަހަރުމެން އެބަޖެހޭ އެމްބާޕޭ ފަދަ ކުޅުންތެރިން ގެނައުމަށް ވިސްނަން. އެކަމާ ވިސްނަންޖެހޭ މީހަކީ އަހަރެންނެއްނޫން. ކުލަބުގެ ސްޕޯޓިން ޑިޕާޓްމަންޓާއި ކުލަބުގެ ވެރިން. މިހާރު އެމްބާޕޭއާ މެދު ވިސްނިޔަސް އަހަންނަށް ހީވަނީ އޭނާ އެދަނީ އެހެން މަގަކުންހެން،" .އާޓެޓާ ބުންޏެވެ
އޭނާ އެ ފާހަގަ ކުރީ އެމްބާޕޭ ސްޕޭނުގެ ރެއާލް މެޑްރިޑަށް ބަދަލުވާނެ ކަމަށް ޔަގީންކޮށް މީޑިއާތަކުން ދައްކާ ވާހަކަ އެވެ.
އާޓެޓާ ބުނީ އާސެނަލް އަކީ ދުނިޔޭގެ ތަރިން ކުޅެފައިވާ ކުލަބެއް ކަމަށާއި އެކުލަބުގެ އެންމެ ކާމިޔާބު ދުވަސްވަރު ތަށިތައް ހޯދީ ވެސް ދުނިޔޭގެ ތަރިންނާއެކުގައި ކަމަށެވެ. އަދި ކޮންމެ ކުލަބަކުން ވެސް ތަރިން ތިބެގެން ކާމިޔާބު ހޯދުމަކީ ކުޅިވަރުގެ މިހާރުގެ އުސޫލުކަމަށާއި އެފަދަ ކަންކަމަށް ފުރަގަސްދެވެން ނޯންނާނެ ކަމަށެވެ.
އާޓެޓާ މިހެން ބުނެފައިވާއިރު އާސެނަލް އަށް އިނގިރޭސި ލީގު ކާމިޔާބު ނުކުރެވޭތާ ވެސް މިހާރު 15ވަރަކަށް އަހަރުވެއްޖެ އެވެ. އަދި އެއީ މިވަގުތު އިނގިރޭސިވިލާތުގެ އެންމެ ގަދަ ޓީމުތަކުގެ ތެރޭގައި ހިމެނޭ ޓީމުތަކުގެ ތެރެއިން ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިފައިނުވާ އަދި ޔޫރަޕުގެ ކާމިޔާބީތައް ވެސް އެންމެ މަދު ޓީމެވެ.