ސޯމާލިޔާގެ ވެރިރަށުގައި ދިން ޓެރަރިސްޓް ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފިއެވެ.
ސޯމާލިޔާގެ ވެރިރަށް މޮގަދިޝޫގައި ހުންނަ އަސްކަރީ މަރުކަޒަކަށް ޓެރެރިސްޓް ހަމަލާ އެއް ދީފައިވާތީ ދިވެހި ސަރުކާރުން ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.
މި ހަމަލާގައި ބަހްރައިން، ޔޫއޭއީ އަދި ސޯމާލިޔާ އަށް ނިސްބަތްވާ ސިފައިންގެ ބައެއް ވަނީ މަރުވެފައެވެ. ސަރުކާރުގެ ބަޔާނުގައި ވަނީ މޮގަދިޝޫގައި ދިން ޓެރެރިސްޓް ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ކިޔާފައެވެ.
ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ ބައިނަލްއަޤްވާމީ ގާނޫންތަކާއި ހިލާފަށް މިފަދަ ހަމަލާތަށް ދިނުމަކީ ސަރަހައްދީ ސަލާމަތާއި ހަމެޖެހުމަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި މިއީ ބައިނަލްއަޤްވަމީ ގޮތުން ހިރާސް ބޮޑުވާނެ އަމަލުތަކެއްކަމަށެވެ.
އެހެންކަމުން ޓެރަރިޒަމްގެ މިފަދަ އަމަލުތަކާއި ދެކޮޅަށް ރާއްޖެއިން އަބަދުވެސް ތެދުވާނެކަމަށާއި ޓެރަރިޒަމާއި ދެކޮޅަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރާ މަސައްކަތުގައި ރާއްޖޭގެ އެއްބާރުލުން ދޭނެ ކަމަށް ވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ.