އިމާމުންނާ ޚަތީބުން ތާޒާކުރުމުގެ ގައުމީ މަޝްރޫއު 2024 ފަށައިފިއެވެ.
ހޯމަ ދުވަހު އިސްލާމިކް މިނިސްޓްރީން ބުނީ އިމާމުންނާއި ޚަތީބުން ތާޒާކުރުމުގެ މި ޕްރޮގްރާމް ފުރަތަމަ ފަށާފައިވަނީ ގއ. ގެމަނަފުށީގައި ކަމަށެވެ. އެގޮތުން މި ޕްރޮގްރާމްގައި 77 އިމާމުން ބައިވެރިވާ ކަމަށް އެމިނިސްޓްރީން ބުނެއެވެ.
މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އިމާމުންނަށް މި ޕްރޮގްރާމް ފުރިހަމަކުރެވޭނެ ގޮތަށް މަސައްކަތް ކުރުމަކީ މިނިސްޓްރީގެ އަމާޒެކެވެ.
މި ޕްރޮގްރާމާއި ގުޅޭގޮތުން މީގެ ކުރިން އިސްލާމިކް މިނިސްޓްރީން ބުނީ މި ޕްރޮގްރާމް ކުރިއަށް ގެންދާނީ 11 ސަރަހައްދަކަށް ބަހައިލައިގެން ކަމަށާއި މި ޕްރޮގްރާމުގައި ނުވަ މާއްދާއެއް ހިމެނޭ ކަމަށެވެ.
މީގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އިމާމުންނާއި ޚަޠީބުންނަށް ރާއްޖެއިން ބޭރުން އިތުރު ތަމްރީނު ދިނުމުގެ ފުރުސަތުގެ ދަށުން ފުރާ ފުރަތަމަ ބުރު މި މަހު 16 ގައި މައްކާއަށް ފުރާނެ ކަމަށާއި، މައްކާއަށް ފުރާ ދެވަނަ ބުރު ޝައްވާލު މަހުގައި ފުރާނެ ކަމަށެވެ.
މިއަހަރު އިމާމުންނާއި ޚަތީބުން، ސައުދީގެ އިތުރުން މިޞްރު، މެލޭޝިޔާ، ބުރޫނާއި އަދި އިންޑޮނޭޝިޔާއަށް ތަޖުރިބާއާއި ތަމްރީނުގެ ދަތުރުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.