ކ. މާލެ
|
12 ފެބްރުއަރީ 2024 | ހޯމަ 12:20
އައިވަރީ ކޯސްޓުން އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ތަށި އުފުލާލަނީ
އައިވަރީ ކޯސްޓުން އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ތަށި އުފުލާލަނީ
ރޮއިޓާސް
އެފްރިކަން ކަޕް އޮފް ނޭޝަންސް
އެފްރިކާގެ ޗެމްޕިއަންކަން އައިވަރީ ކޯސްޓަށް
މިއީ އައިވަރީ ކޯސްޓުން އެފްރިކާގެ ތަށި އުފުލާލި ތިން ވަނަ ފަހަރު

އެފްްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލްގައި ނައިޖީރިއާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އައިވަރީ ކޯސްޓުން އެފްރިކާގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

އާދިއްތަ ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗު އައިވަރީ ކޯސްޓުން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ނައިޖީރިއާ އިންނެވެ. ނަމަވެސް އައިވަރީ ކޯސްޓުން ވަނީ ފަހަތުން އަރައި، ދެ ލަނޑު ޖަހައިގެން މެޗު ކާމިޔާބު ކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ނައިޖީރިއާ އަށް ލީޑު ނަގައިދިނީ ވިލިއަމް ޓްރޫސްޓް އެކޮންގް އެވެ. އެއީ އެ ޓީމަށް ލިބުނު ކޯނަރެއްގައި ބޮލުން ބޯޅަ ގޯލަށް ވައްދާލައިގެންނެވެ. ދެ ވަނަ ހާފުގައި އައިވަރީ ކޯސްޓަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފްރޭންކް ކެސިއޭ އެވެ. އޭގެ ފަހުން މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައި ސަބެސްޓިއަން އަލެއާ ވަނީ ލަނޑު ޖަހައި އައިވަރީ ކޯސްޓު މޮޅު ކޮށްދީފަ އެވެ.

މިއީ އައިވަރީ ކޯސްޓުން އެފްރިކާގެ ތަށި އުފުލާލި ތިން ވަނަ ފަހަރެވެ. މީގެ ކުރިން އައިވަރީ ކޯސްޓުން ވަނީ 1992 ވަނަ އަހަރާއި، 2015 ވަނަ އަހަރު ވެސް މުބާރާތް ކާމިޔާބު ކޮށްފަ އެވެ. މިއަހަރުގެ މުބާރާތް ބާއްވާފައި ވަނީ ވެސް އައިވަރީ ކޯސްޓުގަ އެވެ. އެ ޤައުމުން ވަނީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުންނާއި، މުބާރާތަށް ބޮޑު ހޭދައެއް ކޮށްފަ އެވެ.

- ކޮމެންޓް