ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކަމަށްވާ ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓު ބާތިލުނުކުރާނެ ކަމުގެ ޔަގީންކަން، މި ސަރުކާރުން ދީފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން މިއަދު ބުނެފިއެވެ.
އެޗްއާރްސީއެމްއިން ނެރެނު ބަޔާނެއްގައި ބުނީ ގެދޮރުވެރިޔާ މަޝްރޫއާ ގުޅިގެން މީހުންގެ ހައްގުތަކެއް ގެއްލޭ ކަން ފާހަގަކޮށް އެ ކޮމިޝަނަށް މައްސަލަތަކެއް ހުށަހަޅާފައިވެއެވެ. އަދި އެ މައްސަލައިގައި އެޗްއާރްސީއެމުން ބަލަމުންދާ ކަމަށާއި މައްސަލަ ބަލަނީ ހައްގުތަކުގެ ނަޒަރުން މި މަޝްރޫއުގެ ދަށުން ކަން ހިނގާފައިވާ ގޮތުގެ މައްޗަށް ކަމަށް ވެސް ވަނީ ބުނެފައެވެ. ހަމައެހެންމެ އެ ތަހުގީގު ތެރެއިން އެޗްއާރުސީއެމުން ވަނީ މައްސަލަ ހުށަހެޅި ފަރާތްތަކުގެ އިތުރުން ހައުސިން މިނިސްޓްރީއާއި ބައްދަލުކޮށްފައި ކަމަށާއި އޭސީސީ އާއި ވެސް ބައްދަލުކުރި ކަމަށް އެޗްއާރްސީއެމުން ބުނެއެވެ.
އެގޮތުން ހައުސިން މިނިސްޓްރީން މީގެ ކުރިން އެ ލިސްޓު ބާތިލުކޮށް، އަލުން އިއުލާން ނުކުރާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. މި މައްސަލަ އާއި ގުޅިގެން ހޯދަން ޖެހޭ ލިޔެކިޔުމުން ހޯދުމަށް އެދިފައިވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން އިތުރު ބައްދަލުވުންތައް ބާއްވާނެ ކަމަށް ވަނީ ބުނެފައެވެ.
އެޗްއާރުސީއެމުން އިތުރަށް ބުނީ މި މައްސަލައަކީ އާއްމުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ހުރި މައްސަލައެއް ކަމަށެވެ. އެހެންކަމުން މި މައްސަލަ އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށް ކޮމިޝަނުން މަސައްކަތް ކުރާނެ ކަމަށް ވަނީ ބުނެފައވެެ.
ގެދޮރުވެރިޔާ ސްކީމް"ގެ ދަށުން ދޫކުރާ ފްލެޓްތަކާއި ގުޅޭގޮތުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ކުރި ތަހުގީގުގައި ޝަރުތުހަމަވެ އިތުރު މައްސަލައެއް ހުރިކަން ފާހަގަވެފައިނުވާ ފޯމުތަކުގެ ލިސްޓެއް އޭސީސީން ހައުސިންގ މިނިސްޓްރީއަށް ވަނީ ފޮނުވާފައެވެ.
ހޮނިހިރު ދުވަހު އެލިސްޓް ފޮނުވާފައިވާކަން ހާމަކޮށް ހައުސިންގ މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ އެ ލިސްޓް މިނިސްޓްރީއަށް ފޮނުވާފައިވާކަމަށެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ތައާރަފުކުރި "ގެދޮރުވެރިޔާ ސްކީމް"ގެ ދަށުން ދޫކުރާ މި ފްލެޓްތަކަށް ޝަރުތު ހަމަވާ މީހުންގެ ފްލެޓްތައް ވީ އެންމެ އަވަހަކަށް ހަވާލުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވަނީ ވިދާޅުވެފައެވެ.
މި ފްލެޓްތައް ދޫކުރުމުގައި ބޮޑެތި އޮޅުވާލުންތައް އޮޅުވާލާފައިވާ ކަމަށް ބުނެ ފެންމަތިވި މައްސަލަތަކާ އެކު އޭސީސީން ކުރި ތަހުގީގަށްފަހު އެކޮމިޝަނުން ބުނެފައިވަނީ 4000 ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން 59.6 އިންސައްތަ ފޯމަކީ ޝަރުތު ހަމަ ނުވި ނަމަވެސް، ފްލެޓު ލިބޭނެކަމަށް އޭރުގެ ހައުސިންގ މިނިސްޓްރީން ކަނޑައަޅާފައިވާ ފަރާތްތައްކަމަށެވެ. އޭސީސީން ބުނީ، ތަހުގީގުގައި ޝަރުތުހަމަވެ، އެއްވެސް މައްސަލައެއް ފާހަގަވެފައި ނުވަނީ 20.7 އިންސައްތަ ފޯމުގައި ކަމަށެވެ. ޝަރުތު ފުރިހަމަވިނަމަވެސް، އެކި މައްސަލަތައް ފާހަގަވެފައި ހުރީ 19.7 އިންސައްތަ ފޯމުގައިކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.
އޭސީސީން ތަހުގީގު ނިންމުމަށްފަހު މައްސަލަ ހުރިކަން ފާހަގަނުވާ ފޯމުތަކުގެ ލިސްޓެއް ހައުސިންގ މިނިސްޓްރީއަށް ފޮނުވާފައިވާއިރު އެމިނިސްޓްރީން އިތުރަށް ބުނީ މި ލިސްޓުގައި ހިމެނޭ ފޯމުތަކަކީ ހަމައެކަނި ތަހުގީގުގެ ބޭނުމަށް ހޯދާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ލިސްޓެއްކަމަށެވެ. އެހެންކަމުން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގެ އިންތިޒާމުތައް މިނިސްޓްރީން ކުރަމުން އަންކަމަށް ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
ފްލެޓް ލިސްޓާ ގުޅޭ ތަހުގީގަށް ފަހު އޭސީސީން ހައުސިން މިނިސްޓްރީ އަށް ލަފާދީފައިވަނީ ޝަރުތުހަމަވެ، އެއްވެސް މައްސަލައެއް ނެތް މީހުންނަށް ފްލެޓް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ. ހައުސިންގ މިނިސްޓްރީން ބުނީ ފްލެޓް ލިސްޓްގައި ހިމެނޭ ހައްޤުވެރި ފަރާތްތަކަށް ފްލެޓް ދޫކުރުމުގެ އިންތިޒާމްތައް ހަމަޖެހިގެންދާނީ އޭ.ސީ.ސީ އަދި އެޓަރނީ ޖެނެރަލްގެ ލަފާގެ މަތިން ކަމަށެވެ.