ކ. މާލެ
|
1 އޯގަސްޓް 2017 | އަންގާރަ 15:38
ބީއެމްއެލްގެ އެވޯޑާއި ހަވާލުވަނީ
ބީއެމްއެލްގެ އެވޯޑާއި ހަވާލުވަނީ
ރާއްޖެއެމްވީ
ބީއެމްއެލް
"އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ބީއެމްއެލްއަށް
އިންޑިއަން އޯޝަން އެވޯޑް ބޭންކަށް ވަނީ ލިބިފައި

"އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ބީއެމްއެލްއަށް ލިބިއްޖެއެވެ.

 

މިއީ ބޭންކުން ގެންގުޅެމުންދާ ކުރިއަރާފައިވާ އިންސާނީ ވަސީލަތްތަކުގެ ސިޔާސަތުތައް އަގުވަޒަ ންކުރުމުގެ ގޮތުން ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓް އިން ދޭ ޝަރުފުވެރި އެވޯޑެކެވެ.

 

ސިންގަޕޫރުގައި އަންގާރަ ދުވަހު ހެނދުނު އޮތް އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ޖަޖުންގެ ޕެނަލުން ފާހަގަކުރި ގޮތުގައި ބޭންކުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނުކުރުމާ އަދި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން އޭޝިޔާ ސަރަހައްދުގައި ވަޒީފާ އަދާކުރުމަށް އެންމެ ރަގަޅު އެއް ކުންފުންޏަށް ބޭންކް އޮފް މޯލްޑިވްސް ވަނީ ވެފައެވެ.

 

 މި ރަސްމިއްޔާތުގައި އޭޝިޔާ ޕެސިފިކް ގައުމުތަކުގައި މަސައްކަތް ކުރާ ހިޔުމަން ރިސޯސަސް ދާއިރާގެ 300 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވެއެވެ.

 

ބޭންކުގެ ފަރާތުން މި އެވޯޑާއި ހަވާލުވެފައި ވަނީ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް އަދި ހެޑް އޮފް ހިޔުމަން ރިސޯސަސް އަހުމަދު އިބްރާހިމްއެވެ.

 

މި އެވޯޑް ލިބުމާ ގުޅިގެން ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ މި ސަރަހައްދުގެ އެންމެ ރަގަޅު އެމްޕްލޯޔަރގެ ގޮތުގައި ބީއެމްއެލް ހޮވިގެން ދިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި އޮގަނައިޒޭޝަނެއްގެ ގޮތުން، މުވައްޒަފުންގެ ކުރިއެރުމަށް ވަރަށް ޚާއްސަ އިސްކަމެއް ދޭ ކަމަށެވެ.

 

"އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް" ތައް ފުޅާ ދާއިރާއެއްގައި ދިރާސާ ކުރުމަށް ފަހުން ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް  އެކުލަވާލަމުންނެވެ.

 

މިގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ކުރުން އަދި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭ ބޮޑު ބަދަލުތަކެއް ވަނީ ގެނެސްފައެވެ.

 

2016 ވަނަ އަހަރު ކެޕިޓަލް ފައިނޭންސް އިންޓަނޭޝަނަލް އިން ދޭ "މޯސްޓް އިނޮވޭޓިވް ބޭންކިންގ ޓީމް، އިންޑިއަން އޯޝަން އެވޯޑް" ބޭންކް އޮފް މޯލްޑިވްސްއަށް ވަނީ ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
1 އޯގަސްޓް 2017 | އަންގާރަ 15:49
ބީ
ކޮންމެ ތަނަކުން ދިން ނަމަވެސް މިއީ ފަހުރުވެރި އެވޯޑެއް. . މަރުހަބާ ބޭންކް