ކ. މާލެ
|
10 ފެބްރުއަރީ 2024 | ހޮނިހިރު 12:43
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
ރާއްޖެއެމްވީ
މަޖިލިސް އިންތިޚާބު
އިންތިހާބުގެ ތާރީޚަށް ބަދަލެއް އަޔަސް، އިންތިޚާބަށް ކުރިމަތިލުމަށް އީސީން ދެން އިތުރު މުއްދަތެއް ނުދޭނެ
ފޯމު ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ ފެބުރުއަރީ 14 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 2:00
އީސީން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ކޮމިޝަނަށް ލިބިފައިވަނީ 18 އެޕްލިކޭޝަން ފޯމް

އިންތިހާބުގެ ތާރީޚަށް ބަދަލެއް އަޔަސް، އިންތިޚާބަށް ކުރިމަތިލުމަށް އީސީން ދެން އިތުރު މުއްދަތެއް ނުދޭނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބްރައީސް އިސްމާއިލް ޙަބީބް ވިދާޅުވެއްޖެއެވެ.

އެކްސްގައި ޙަބީބް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށް އިޢުލާން ކުރިތާ 12 ދުވަސްވެފައިވާއިރު، އިންތިޚާބަށް ކުރިމަތިލުމަށް ބާކީ ދެން އޮތީ 4 ދުވަސްކަމަށެވެ.

ޙަބީބް ވިދާޅުވީ، އިންތިހާބުގެ ތާރީޚަށް ބަދަލެއް އަޔަސް، އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ދެން އިތުރު މުއްދަތެއް ނުދޭނެ ކަމަށެވެ.

އިންތިޚާބަށް ކުރިމަތިލުމަށް ފޯމު ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ ފެބުރުއަރީ 14 ވާ ބުދަ ދުވަހުގެ މެންދުރު ފަހު2:00އެވެ. ހޮނިހިރު ދުވަހު އަދި ރަސްމީ ދުވަސްތަކުގައި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު9:00ން މެންދުރުފަހު14:00އަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައެވެ.

އީސީން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ކޮމިޝަނަށް ލިބިފައިވަނީ 18 އެޕްލިކޭޝަން ފޯމެވެ. ހުކުރު ދުވަހުވެސް ޕީއެންސީ ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަކާއި، އަމިއްލަ 2 ފަރާތަކުން ހުށަހެޅުއްވި 2 ފޯމު ހުށަހަޅާފައިވާއިރު، މި 3 ހުށަހެޅުން ވެސް އީސީން ވަނީ ގަބޫލު ކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދުކުރާ މަދުވެގެން 50 މީހުންގެ ސޮޔާއެކު އެ ފަރާތްތަކުގެ އައިޑެންޓިޓީ ކާޑު ގެ ދެފުށުގެ ސާފު ކޮޕީ ހުށަހަޅުއްވަންޖެހޭ ކަމަށެވެ.

އަދި ދަރަނީގެ ރެކޯޑް އޮތްނަމަ، އެ ދަރަނި އަދާކުރަމުން ދާކަމުގެ ހެކި ހުށަހަޅަންޖެހެއެވެ.

އޭގެ އިތުރުން، އެކައުންޓް ހުޅުވުމުގައި، ދިމާވި ދަތިތައް ޙައްލުކުރުމަށް އެމްއެމްއޭ އިން މިހާރު ބޭންކުތަކަށް އަންގާފައިވާކަމަށްވެސް އީސީން މައުލޫމާތު ދެއެވެ.

- ކޮމެންޓް