ރެއާލް މެޑްރިޑުގެ ސަންޓިއާގޯ ބާނަބެއު ގައި މޮޅުވުމަކީ އާދަޔާ ޚިލާފު ކަމެއް ކަމަށް، ޖިރޯނާގެ ކޯޗު މިކޭލް ސަންޗޭޒް ބުނެފި އެވެ.
ރެއާލްގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ އެ ޓީމާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސަންޗޭޒް ބުނީ، ރެއާލްގެ ދަނޑުގައި މޮޅުވުމަކީ އާދަޔާ ޚިލާފު ކަމެއް ކަމަށާއި، އެއީ މުޅި ދުނިޔެ ވެސް ހައިރާން ވާނެ ކަމެއް ކަމަށެވެ. އެ މެޗުން މޮޅުވި ނަމަވެސް، އެއްވެސް ކަމެއް ނިންމާލެވެން ނޯންނާނެ ކަމަށާއި، ކުރިއަށް ކުރަން ޖެހޭ މަސައްކަތް ގިނަ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ޖިރޯނާ އަށް މިވަގުތު ލިބިފައި އޮތީ 56 ޕޮއިންޓުކަން ފާހަގަކޮށް އޭނާ ބުނީ، ލީގު ހޯދުމުގެ ރޭހުގައި އޮންނަން ބޭނުންވާނަމަ، 85 ޕޮއިންޓު ނުވަތަ 90 ޕޮއިންޓު ބޭނުންވާނެ ކަމަށެވެ.
އިތުރަށް އޭނާ ބުނީ ރެއާލް މެޑްރިޑު އަދި ބާސެލޯނާ އަށް އެކަން ކުރެވޭނެ ކަމަށެވެ. އަނެއްކޮޅުން މީގެ ކުރިން، އެތުލެޓިކޯ މެޑްރިޑުން ވެސް އެކަން ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް، ޖިރޯނާ އަށް އެކަން ކުރެވޭނީ އެތައް ހުރަސްތަކެއް ގިރާ ކުރުމަށްފަހު ކަމަށާއި، އުންމީދުތައް މަތި ކުރުމުގެ ބޭނުމެއް އޮތް ކަމަށް ނުދޭ ކަމަށް އޭނާ ބުންޏެވެ. އޭގެ ބަދަލުގައި ކުރަން ޖެހޭ މަސައްކަތަކީ މިހާރު އޮތް ހިސާބުގައި ދެމި އޮތުމަށް ކުރަން ޖެހޭ މަސައްކަތް ކަމަށާއި، ލީގު ހޯދޭނެ ވާހަކަ ދައްކަން ޖެހޭނީ އޭގެ ފަހުގަައި ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ރެއާލާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސަންޗޭޒް ބުނީ، ރެއާލްގައި އޮތް އަނިޔާގެ މައްސަލަ ވަރަށް ބޮޑަސް ހައްލުވެއްޖެ ކަމަށެވެ. އެހެންވެ، އެ ޓީމުގައި މިހާރު އޮންނަނީ އެންމެ ވަރަުގަދަ ސްކޮޑު ކަމަށާއި، އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީގެ ތަޖުރިބާއާއެކު، އެ މެޗު އުނދަގޫ ވާނެ ކަމަށް ވެސް އޭނާ ބުންޏެވެ. އެ މެޗުގައި ޖިރޯނާ އިން އެތައް އުނދަގުލެއް ތަހަންމަލު ކުރަން ޖެހޭނެ ކަން ވެސް އޭނާ ޤަބޫލު ކުރެ އެވެ.
މިހާތަނަށް ކުޅުނު 23 މެޗުން 56 ޕޮއިންޓާއެކު ޖިރޯނާ އޮތީ ދެ ވަނައިގަ އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި ރެއާލަށް ލިބެނީ 58 ޕޮއިންޓެވެ. ޖިރޯނާ އިން އަންނަނީ މި ސީޒަންގެ ސްޕެނިޝް ލީގުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ.