އިންޑިއާއިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ އުޅަނދުތައް އޮޕަރޭޓްކުރުމަށް ފަންނީ މީހުން ބައިތިއްބަން ރާއްޖެއިން އެއްބަސްވެފައިވާ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވަލް ވިދާޅުވެއްޖެއެވެ.
އެނާ އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އިންޑިއާއިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ އުޅަނދުތައް އޮޕަރޭޓްކުރުމަށް މިހާރު ހަރަކާތްތެރިވާ ސިފައިން އަނބުރާ އެ ގައުމަށް ގެންދިއުމަށް ފަހު، އެ އުޅަނދުތައް އޮޕަރޭޓްކުރަން ރާއްޖެއަށް ފޮނުވާނީ ފަންނީ މުވައްޒަފުން ކަމަށް އިންޑިއާ އިން ވަނީ ބުނެފައެވެ. ނިމިދިޔަ ހަފްތާ ބަންދުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމާ މެދު ރަސްމީ މަޝްވަރާތައް ވަނީ ބާއްވާފައެވެ. އެ ބައްދަލުވުމާއި ގުޅޭ ގޮތުން ނޫސްވެރިޔަކު ސުވާލުދެންނެވުމުން ޖައިސްވަލް ވިދާޅުވީ، މި ކަމާއި ގުޅޭގޮތުން ދެ ޤައުމުގެ ދެމެދުގައި އަދި އިތުރު މަޝްވަރާތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ކޯ ގުރޫޕުގެ އިތުރު ބައްދަލުވުމެއް ބާއްވާނެ ކަމަށް އެނާ ވިދާޅުވިއެވެ.
އަދި މިހާރު ތިބި ސިފައިންގެ ބަދަލުގައި ދެން ތިބޭނީ ފަންނީ ޤާބިލު މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑިއާ އިން މިހެން ބުނެފައިވާއިރު އެއްބަސްވެފައި ވަނީ 10 މޭއިގެ ނިޔަލަށް ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ މިދިޔަ ހޯމަ ދުވަހު ރިޔާސީބަޔާނުގައި ވިދާޅުވެފައެވެ.
އެގޮތުން އެންމެ ފުރަތަމަ ވައުދަކީ ދިވެހިންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ހިމާޔަތްކޮށްދޭނެކަމުގެ ވައުދުފުޅުކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ރާއްޖެއިން ފޮނުވާލުމާއި ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމާއި ރާއްޖޭގެ ސިޔާދަތަށް އުނިކަން އައިސްދާނެ އެއްބަސްވުންތައް ނިމުމަކަށް ގެނައުމަކީ އެ މަނިކުފާނަށް އާއްމުން ވޯޓުދިން ސަބަބުކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
އެގޮތުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެކަން ކުރައްވަނީ ޑިޕްލޮމެޓިކް އުުސޫލުތަކުގެ ދަށުން މަޝްވަރާކޮށްގެން ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އެންމެ ފަހުގެ މަޝްވަރާތަކުން އެއްބަސްވެފައި ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އޭވިއޭޝަން 3 ޕްލެޓްފޯމުގެ ތެރެއިން ފުރަތަމަ ޕްލެޓްފޯމްގައި ތިބި ސިފައިން 10 މަރޗް 2024ގެ ކުރިން އަނބުރާ ފޮނުވާލުމަށާއި ބާކީ 2 ޕްލެޓްފޯމުން 10 މޭއި 2024ގެ ކުރިން އިންޑިއާ ސިފައިން ފޮނުވާލާނެ ކަމަށް ރައީސް ވިދާޅުވިއެވެ.