ކ. މާލެ
|
3 ފެބްރުއަރީ 2025 | ހޯމަ 09:43
އިންޑިއާ-ރާއްޖެ ސިފައިން ގުޅިގެން "އެކްސަސައިޒް އެކުވެރިން" ފަށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އިންޑިއާ-ރާއްޖެ ސިފައިން ގުޅިގެން "އެކްސަސައިޒް އެކުވެރިން" ފަށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އެމްއެންޑީއެފް
އިންޑިއާ-ރާއްޖެ ސިފައިން ގުޅިގެން ތަމްރީނެއް
އިންޑިއާ-ރާއްޖެ ސިފައިން ގުޅިގެން "އެކްސަސައިޒް އެކުވެރިން" ފަށައިފި
މި އަހަރުގެ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފެބުރުވަރީ 2ން 16ށް
ކޮންމެ ދެ އަހަރަކުން އެއް އަހަރު މި ތަމްރީނުތައް ކުރިއަށް ގެންދޭ

އެމްއެންޑީއެފާއި އިންޑިއަން އާމީ ގުޅިގެން ކުރިއަށްގެންދާ ޖޮއިންޓް މިލިޓަރީ އެކްސަސައިޒް، "އެކްސަސައިޒް އެކުވެރިން" ގެ 13 ވަނަ އެޑިޝަން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގައި ފަށައިފިއެވެ.

މި އެކްސަސައިޒް ފެށުމުގެ ގޮތުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ.މާފިލާފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ދެ ގައުމުން ގުޅިގެން ހިންގާ މި ތަމްރީނުތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ޗީފް އޮފް ޑިފެންސް ފޯސް ވާހަކަފުޅު ދެއްކެވިއެވެ.

ކޮންމެ ދެ އަހަރަކުން އެއް އަހަރު، އިންޑިއާ އަދި ރާއްޖޭގެ ތެރެއިން ފަހަރަކު ގައުމެއްގައި ބާއްވަމުން ގެންދާ "އެކްސަސައިޒް އެކުވެރިން" ގެ މި އަހަރުގެ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފެބުރުވަރީ 2ން 16ށް، 14 ދުވަހުގެ މުއްދަތަކަށެވެ.

މި އެކްސަސައިޒް ފެށުމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް މެރިން ކޯރގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ ޒުހުރީއާއި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފްއާއި، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ގަންގަދަރަން ބާލާސުބްރަމާނިއަންއާއި، އިންޑިއާ އަސްކަރިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރ، ކެޕްޓަން ދީޕަކް ބާލީއާއި އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެކްސަސައިޒް އެކުވެރިން ފަށާފާފައިވާއިރު، އިންޑީއާ ސިފައިންނާ ގުޅިގެން އެމްއެންޑީއެފުން ގިނަ ޓްރެނިންގތައް ކުރިއަށް ގެންދެއެވެ.

- ކޮމެންޓް