އިންޓަނޭޝަނަލް ފުޓްބޯޅައިގެ ގަދަ މެޗުތަކުގައި ނޫ ކާޑު ވަގުތީ ގޮތުން ތައާރްފަކޮށް ޓެސްޓް ކުރަން އިންޓަނޭޝަނަލް ފުޓްބޯޅަ އެސޯސިއޭޝަން ބޯޑް (އައިއެފްއޭބީ) އިން ނިންމައިފި އެވެ.
އެ ޖަމާއަތުން މި ގޮތަށް ނިންމީ ދަށް ޑިވިޝަންތަކުގައި މި ކާޑު ބޭނުންކުރުކުރުމަށް ފަހު މިއީ ކުރެވިދާނެ ކަމެއް ކަމަށް ބަލައިފަ އެވެ.
ނޫ ކާޑަކީ ރަތްކާޑު ދެއްކުމުގެ ދޭ އިންޒާރެކެވެ. މި ގޮތުން ގަސްތުގައި ކުރައްކާތެރި ފައުލެއް ނުވަތަ ރެފްރީގެ ނިންމުމާ ދެކޮޅު ހެދުމުގެ އަމަލެއް، ނުވަތަ ހުތުރު ބަހުން ވާހަކަ ދެއްކުމާއި ނަސްލީގޮތުން ދިމާކުރުން ފަދަ ކަންކަމުގައި މި ކާޑު ބޭނުން ކުރާނެ އެވެ. ދަށް ޑިވިޝަންތަކުގައި މި ކާޑު ދެއްކުމުން އެކުޅުންތެރިއަކު ނުވަތަ އޮފިޝަލަކު ކާޑު ދެއްކި ވަގުތުން ފެށިގެން 10 މިނިޓް ވަންދެން މެޗުގައި ބައިވެރިނުވެވޭނެ އެވެ. އަދި އަލުން މެޗުގައި ބައިވެރިވުމަށްފަހު ދެ ވަނަ ނޫ ކާޑެއ ދައްކައިފިނަމަ ރަތްކާޑު ދެއްކި ކަމަށް ބަލަނީ އެވެ.
މި ގަވާއިދަކީ ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން އެހާ ގަބޫލުވާ ގޮތެއްނޫނެވެ. އަދި ދުނިޔޭގެ ގަދަ ލީގުތަކުން ވެސް ވަނީ ނޫކާޑު ބޭނުންކުރަން ނުފެންނަ ކަމަށް ބުނެފަ އެވެ. ނަމަވެސް އައިއެފްއޭބީން ބޭނުންވަނީ ނޫ ކާޑު މަތީ ލީގުތަކުގައި ޓެސްޓްކޮށް މިކަމުގެ ސަބަބުން ކުޅުންތެރިންނާއި އޮފިޝަލުންގެ އަމަލުތަކަށް ހެޔޮ ބަދަލެއް ގެނެވިދާނެތޯ ޓެސްޓު ކުރުމަށެވެ. މި ގޮތުން މަދުވެގެން އެއް އަހަރު ވަންދެން މި ކާޑު ބޭނުން ކުރުމަށް އައިއެފްއޭބީއިން ވަނީ ފާސްކޮށްފަ އެވެ.
އެ ޖަމާއަތުން ބުނީ ދަށް ޑިވިޝަންތަކުގައި ނޫކާޑު ބޭނުންކުރުމުން ކުޅުންތެރިންގެ އަމަލުތަކަށް ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށާއި މިހެންވެ މިއީ މަތީ ފަންތީގައި ޓެސްޓްކުރަން ނުޖެހޭ ކަމެއްނޫން ކަމަށެވެ.