ކ. މާލެ
|
8 ފެބްރުއަރީ 2024 | ބުރާސްފަތި 14:56
ނ މަނަދޫ
ނ މަނަދޫ
ސޯޝަލް މީޑިއާ
ނައީމާގެ މަރުގެ މައްސަލަ
ނައީމާ މޫސާ މަރާލުމުގެ އަގެއްގެ ގޮތުން ދިނީ މަސްތުވާތަކެތި: ޕީޖީ އޮފީސް
 
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމް
 
ދައުލަތުން ވަނީ ވީ އެންމެ އަވަހަށް މަދުވާ ލިއުންތައް ފޯރުކޮށްދޭނެކަމަށް ބުނެފައި
 
ގާޒީ ވަނީ އެމީހުންނަށް ލިބިގެންވާ ޙައްޤުތައް ކިޔާދީފައި

ނ. މަނަދޫ ނައީމާ މޫސާ މަރާލި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ އަހުޒަމް އަބްދުލްޝަކޫރާއި ހަސަން ފަވާޒު އަދި އަބްދުލްވާހިދު ރިފާސްގެ މައްޗަށެވެ.

އެމީހުންގެ މައްޗަށް 3 ދައުވާއެއް އުފުލާފައިވެއެވެ. އެއީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި އަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާގެ އިތުރުން، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާއެވެ.

ބުރާސްފަތި ދުވަހު އެ 3 މީހުންގެ މައްޗަށް ކުރާ ދައުވާއާގުޅޭ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވަނީ ވަކިވަކިންނެވެ.

އެ ތިން މީހުންނަށް ކުރާ ދައުވާގައި ވެސް ގާޒީ ވަނީ އެމީހުންނަށް ލިބިގެންވާ ޙައްޤުތައް ކިޔާދީފައެވެ.

އެއަށްފަހު ދައުވާއަށް ޖަވާބުދާރީވުމުގެ ބައިގައި ދައުވާލިބޭ އެންމެންވެސް ވަނީ ދައުލަތުން ފޮނުވާފައިވާ ބައެއް ލިއެކިއުންތަކުގެ ތެރޭގައި ދިފާއަށް ހަމަނުވާ ބައެއް ލިއުންތައް އެބަހުރިކަން ފާހަގަކޮށްފައެވެ.

އެ ލިއުންތައް ފާހަގަ ކޮށްދިނުމުން ދައުލަތުން ވަނީ ވީ އެންމެ އަވަހަށް މަދުވާ ލިއުންތައް ފޯރުކޮށްދޭނެކަމަށް ބުނެފައެވެ.

ދައުލަތުގެ ވަކީލު ވަނީ މިހިނގާ ފެބްރުއަރީ މަސް ނިމުމުގެ ކުރިން މި މައްސަލަތަކުގެ އިބްތިދާއީ މަރުޙަލާ ނިންމާލުމަށް މަސައްކަތް ކޮށްދިނުމަށް އެދިފައެވެ.

މި މައްސަލައިގައި ދައުލަތުން ހެކި ރައްކާތެރި ކޮށްދިނުމުގެ ހުށަހެޅުމެއްވެސް ހުށަހަޅާފައިވެއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމްއެވެ. ގާޒީ ވިދާޅުވީ، ދެން އޮންނަ އަޑުއެހުމެއްގައި ދައުވާއަށް ޖަވާބުދާރީވުމާއި، ހެކި ރައްކާތެރި ކުރުމުގެ ބައި ކުރިއަށް ގެންދަވާނެކަމަށެވެ.

އެމީހުންގެ މައްޗަށް އަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އުފުލަނީ ނައީމާ މަރާލުމަށްފަހު، ނ މަނަދޫ ނާމަގު ސަރަޙައްދަށް ގޮސް، އެތަނުގައި ވަޅެއް ކޮނެ، ވަޅިޔާއި އެއްޗެހި އަންދާލަން މަސައްކަތްކޮށް، ހެކި ނައްތާލަން މަސައްކަތް ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭތީއެވެ.

މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ އެ ގޭގެ ދޮރު ތަޅުލާފައި ދިއުމުގެ ސަަބަބުންނެވެ. އެގޮތުން މައްޔިތާއަށް އިހާނެތިކޮށް ހިތުމަށްޓަކައި ދައުވާލިބޭ ފަރާތްތަކުން ކުރި ކަމެއްގެ ނަތީޖާއެއްގެ ގޮތުން އެފަދަ ކަމެއް ހިނގައިގެން އުޅޭކަން އާއިލާ މީހުންނަށްވެސް އެނގިފައިވަނީ ޙާދިސާ ހިނގިތާ 40 ގަދިއިރު ފަހުންކަމަށް ޝަމީމް ވިދާޅުވިއެވެ.

ދައުލަތުން ބުނެފައިވާ ގޮތުގައި ނަޢީމާ މޫސާއަކީ ސިހުރު ހަދާ މީހެއްކަމަށް ބުނެ އޭނާ މަރާލުމަށް ގަސްތުކޮށް އެކަން ކުރާނެ ގޮތް ރާވައި، ނަޢީމާ މޫސާ މަރާލުމަށްޓަކައި ރާވައި، ސިހުރު ހަދާ މީހުން ގަތުލުކުރުމަކީ އެމީހުން ފާފަވެރިވާނެކަމެއް ނޫންކަމަށް މި މައްސަލައިގައި ހިމެނޭ ހަސަން ފަވާޒު ވަނީ ވިސްނައިދީފައެވެ.

އަދި ޙަސަން ފަވާޛް ނަޢީމާ މޫސާ މަރާލުމަށް ދުވަހެއް ކަނޑައަޅައި، އެ ޢަމަލު ހިންގުމަށް ބޭނުންވާ ތަކެތި ހޯދައިދީ، 6 އެޕްރީލް 2023 ދުވަހުގެ ދަންވަރު 01:00 އާއި 03:30 އާ ދެމެދުގެ ވަގުތެއްގައި އޭނާ ދުއްވާ ކާރުގައި އެމީހުން ނ.މަނަދޫ، އަންނާރުމާގެއަށް ގެންދިޔަކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.

އޭގެ އިތުރުން، އެމީހުން ނަޢީމާ މޫސާއަށް ހަމަލާދޭން އެގެއަށް ވަނީއްސުރެ ނަޢީމާ މޫސާ މަރާލަންދެން އެމީހުންނަށް ފޯނުން ގުޅައިގެން ޙަސަން ފަވާޒު އިރުޝާދުދީ، އެމީހުން އެއްބަސްވެފައިވާ ގޮތަށް އަޚުޒަމް ޢަބްދުއްޝަކޫރު އާއި ޢަބްދުލްވާޙިދު ރިފާސް ނަޢީމާ މޫސާގެ ކަރަށާއި ބުރަކަށީގެ އެކި ތަންތަނަށް ވަޅިން ހަމަލާދިންކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ނަޢީމާ މޫސާ މަރާލުމުން، އެމީހުން ބަލައި އަންނާރުމާގެއަށް ޙަސަން ފަވާޒު ގޮސް އެމީހުން ގޮވައިގެން ހެކި ނައްތާލުމަށްޓަކައި ނ.މަނަދޫ ނާމަގު ސަރަޙައްދަށް ގެންގޮސްދީ، އެމީހުން ހެކި ނައްތާ ނިމުމުން، ނާމަގު ސަރަޙައްދަށް ބަލައިގޮސް އެމީހުންގެ ގެއަށް ގެންގޮސްދީ، ނަޢީމާ މޫސާ މަރާލުމުގެ އަގެއްގެ ގޮތުން އެމީހުންނަށް މަސްތުވާތަކެތި ފޯރުކޮށްދީފައިވާކަމަށްވެސް ދައުލަތުން ކުރާ ދައުވާގައި ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
17%
0%
17%
0%
67%
0%
ކޮމެންޓް