ކ. މާލެ
|
7 ފެބްރުއަރީ 2024 | ބުދަ 20:40
ޕާކިސްތާނުގައި ބޮމުގެ ހަމަލާ ދިން ސަރަހައްދު
ޕާކިސްތާނުގައި ބޮމުގެ ހަމަލާ ދިން ސަރަހައްދު
ޑީޑަބްލިޔު.ކޮމް
ޕާކިސްތާނުގައި ބޮމުގެ ހަމަލާ ދިނުން
ޕާކިސްތާނުގައި ދިން ބޮމުގެ ދެ ހަމަލާއެއްގައި 27 މީހުން މަރުވެއްޖެ
 
މި ދެ ހަމަލާގައިވެސް އިތުރު އެތައް ބަޔަކަށް ވަނީ އަނިޔާވެފައި

ޕާކިސްތާނުގައި މާދަމާ އޮންނަ އާންމު އިންތިޚާބަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދަނިކޮށް، ބަލޮޗިސްތާން ޕްރޮވިންސްގައި ދިން ބޮމުގެ ދެ ހަމަލާއެއްގައި 27 މީހުން މަރުވެއްޖެއެވެ. ފުރަތަމަ ހަމަލާދީފައިވަނީ ޕިޝިން ޑިސްޓްރިކްޓްގައި އަމިއްލަ ކެންޑިޑޭޓެއްގެ ޕާޓީ އޮފީހަށް އަމާޒުކޮށެވެ. މި ހަމަލާގައި 18 މީހުން މަރުވެފައި ވެއެވެ. ދެވަނަ ހަމަލާ ދީފައިވަނީ ގިއްލާ ސައުފުﷲ ޑިސްޓްރިކްޓް ގައެވެ. މި ހަމަލާގައި 9 މީހުން މަރުވެފައިވެއެވެ. މި ދެ ހަމަލާގައިވެސް އިތުރު އެތައް ބަޔަކަށް ވަނީ އަނިޔާ ލިބިފައެވެ. މިގޮތުން ފަންސަވީހަކަށް މީހުންނަށް އަނިޔާ ލިބިގެން ފަރުވާދެމުން ދާކަމަށް ޕްރޮވިންޝިއަލް އޮތޯރިޓީސްއިން ބުނެފައިވެއެވެ.

ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަގޮތުގައި ޕިޝިން ޑިސްޓްރިކްޓުގައި ދިން ހަމަލާގެ ބާރުގަދަކަމުން ބައެއް ކާރާއި ސައިކަލުތަކެއްވެސް ވަރަށް ބޮޑަށް ހަލާކުވާތަން ފެނެއެވެ. މި ހަމަލާ ދީފައިވަނީ އަމިއްލަ ކެންޑިޑޭޓަކު އޭނާގެ އޭޖެންޓާއެކު ބައްދަލުވުމެއް ކުރިއަށް ގެންދަނިކޮށް، އެތަނަށް އަމާޒުކޮށެވެ.

އިންތިޚާބު ބުރާސްފަތި ދުވަހު އޮންނައިރު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ވަނީ އެކި އެއްވުންތަކަށް އަމާޒުކޮށް ބާރުގަދަ އެތައް ހަމަލާއެއް ދީފައެވެ. މިފަދަ ހަމަލާތަކުގެ ބޭނުމަކީ އިންތިޚާބުގެ ކަންތައް އޮމާންކަމާއެކު ކުރިޔަށް ދިޔަނުދިނުމެވެ.

ބަލޮޗިސްތާން ސަރުކާރުން ބުނެފައިވަނީ އިންތިޚާބު ކުރިން ރޭވިފައިވާ ގޮތަށް ކުރިޔަށްދާނެ ކަމަށެވެ.

ބަލޮޗިސްތާނަކީ ޕާކިސްތާނުގެ އެންމެ ބޮޑު، އެހެން ނަމަވެސް އެންމެ ފަގީރު ޕްރޮވިންސަށް ވާއިރު، އެ ސަރަހައްދަކީ ހަރުކަށި ހަމަލާތަކެއް ދިނުމުގެ ތާރީޚެއް އޮތް ސަރަހައްދެކެވެ.

ބުރާސްފަތި ދުވަހު އޮންނަ އާންމު އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު 128 މިލިއަން މީހުންނަށް ލިބެއެވެ. މި އިންތިޚާބުގައި ނެޝަނަލް އެސެމްބްލީއަށް 266 މެމްބަރުން ހޮވާނެއެވެ.

އެންމެ ފަހުން ބޭއްވި އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައިވަނީ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާޓީ ކަމަށްވާ ޕީޓީއައިއެވެ. މިވަގުތު އިމްރާން ހުންނެވީ ޖަލުގައެވެ. އެހެންކަމުން އިމްރާނުގެ ޕީޓީއައި ޕާޓީއަށް ބައިވެރިނުވެވޭ ގޮތަށް އިންތިޚާބު ބޭއްވުން އިންސާފުވެރި ނޫންކަމަށް ގިނަބަޔަކު ބުނެއެވެ.

މިފަހަރުގެ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ބެލެނީ ތިން ފަހަރު ބޮޑުވަޒީރުކަން ކުރައްވާފައިވާ ނަވާޒް ޝަރީފެވެ. އެނަލިސްޓުން ބުނާގޮތުގައި ނަވާޒް ޝަރީފް ވަނީ އެނބުރި ވަޑައިގަތުން ޔަގީން ކުރެއްވުމަށްޓަކައި އެގައުމުގެ ބާރުގަދަ އަސްކަރީ އިސް ވެރިންނާއެކު އަނެއްކާވެސް ގާތް ގުޅުމެއް އުފައްދަވާފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް