ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމާއި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވަކިކުރުމުގެ މައްސަލައިގެ ނޯޓިސް މެމްބަރުންނަށް ފޮނުވައިފިއެވެ.
އެ މައްސަލައިގެ ނޯޓިސް ފޮނުވާފައި ވަނީ އާދިއްތަ ދުވަހުއެވެ. އެ ދެ މައްސަލައިގައި ދެ ބޭފުޅުންނަށްވެސް ވަނީ 15 ދުވަހުގެ ނޯޓިސް ވަނީ ދީފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ޕީޕީއެމް، ޕީއެންސީ އަދި އަމިއްލަ މެމްބަރުންގެ ސޮޔާއެކު ޖުމްލަ 23 މެމްބަރުން ވަނީ ސޮއިކުރައްވާފައެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މައިނޯރިޓީ ލީޑަރު، ފޮނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު މޫސާ ސިރާޖެވެ. އެ މައްސަލައިގައި ބުނެފައިވަނީ، އާދިއްތަ ދުވަހުގެ ޖަލްސާގައި ރިޔާސަތުގައި އިންނަވައިގެން އަސްލަމް އަމަލުކުރައްވާފައި ވަނީ މަޖިލީހުގެ ގަވާއިދުގެ 200 ވަނަ މާއްދާގެ (ބ) (ޅ) އަދި (އ) އާ ޚިލާފަށް ކަމަށެވެ. ސިރާޖު ހުށަހެޅުއްވި އެ މައްސަލައިގައި އިތުރަށް ވިދާޅުވެފައި ވަނީ، ގާނޫނު އަސާސީގައި 70 ވަނަ މާއްދާއާއި 75 ވަނަ މާއްދާއާ ވެސް އަސްލަމް ޚިލާފުވެވަޑައިގެންފައި ވާކަމަށެެވެ.
މީގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާނޫނު އަސާސީއާ ޚިލާފަށް މަސައްކަތް ކުރުން ހުއްޓުވުމަށް މަސައްކަތް ނުކުރައްވާ ކަމަށް ތުހުމަތުކޮށެވެ. މީގެ އިތުރުން ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މަޖިލިސް ހިނގަމުންދާކަން ކަށަވަރު ކުރުމަށް ނައިބު ރައީސް މަސައްކަތް ނުކުރައްވާކަން ވެސް ވަނީ ފާހަގަކޮށްފައެވެ.