ކ. މާލެ
|
2 ފެބްރުއަރީ 2024 | ހުކުރު 11:20
އިސްރާއީލުގެ ހަމަލާތަކުން ސަލާމަތްވި ފަލަސްތީނު މީހުން، މިސްރާއި ޣައްޒާއާ ދެމެދު އޮންނަ ބޯޑަރު ކައިރީގައި
އިސްރާއީލުގެ ހަމަލާތަކުން ސަލާމަތްވި ފަލަސްތީނު މީހުން، މިސްރާއި ޣައްޒާއާ ދެމެދު އޮންނަ ބޯޑަރު ކައިރީގައި
ރޮއިޓާސް
ބަފަރ ޒޯންގެ ކޮންޓްރޯލްގެ މައްސަލަ
ބަފަރ ޒޯންގެ ކޮންޓްރޯލް އިސްރާއީލަށް ދިނުމަށް އެއްބަސްވުމަކަށް އައިސްފައެއް ނުވާނެ: މިސުރު
އިސްރާއީލުން ބުނަނީ ޣައްޒާގެ ހަނގުރާމައިގެ މައްސަލައިގައި އިސްރާއީލާއި މިސުރާއި ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް މަޝްވަރާ ކުރެވެމުންދާކަމަށް

މިސްރާއި ޣައްޒާއާ ދެމެދު އޮންނަ ބަފަރ ޒޯންގެ ކޮންޓްރޯލް އިސްރާއީލަށް ދިނުމަށް ގާހިރާއިން އިސްރާއީލާއެކު އެއްބަސްވުމަކަށް އައިސްފައި ނުވާނެކަމަށް މިސުރުގެ އޮފިޝަލުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މިސްރުގެ މީޑިއާތަކުން ބުރާސްފަތި ދުވަހުގެ ރޭ ރިޕޯޓްކޮށްފައިވާ ގޮތުގައި މިސްރާއި ޣައްޒާއާ ދެމެދު އޮންނަ ފިލަޑެލްފިއާ އެކްސިސްގެ ނަމުން ނަންދީފައިވާ ބަފަރ ޒޯން އިސްރާއީލާ ހަވާލުކުރުމަށް ގާހިރާއިން އިސްރާއީލާއެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް އިސްރާއީލުން ބުނިނަމަވެސް އެކަން މިސުރުން ދޮގުކޮށްފައިވާ ކަމަށެވެ.  

އިސްރާއީލުގެ އާމީ ރޭޑިއޯއިން ބުނެފައިވަނީ ތެލްއަވީވް އިން ފިލާޑެލްފިއާ އެކްސިސްގެ ކޮންޓްރޯލް ނެގުމަށް ގާހިރާއާއެކު އެއްބަސްވުމަކަށް އައުމާ ގާތްވެފައިވާ ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ރަފާހު ހުސްކުރުމަށް ފަލަސްތީނަށް އެކަށީގެންވާ ވަގުތު ދޭނެ ކަމަށް އިސްރާއީލުން ވައުދުވެފައިވާ ކަމަށެވެ.

މިސްރުގެ ކަމާބެހޭ ފަރާތްތަކާ ގާތް ގުޅުމެއް އޮންނަ އަލްކަހެރާ ނިއުސްއިން ވަނީ ނަން ހާމަނުކުރާ "މަތީ ފެންވަރުގެ ސެކިއުރިޓީ ސޯސް" އަކާ ހަވާލާދީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

މިސްރުން މީގެ ކުރިންވެސް ބުނެފައި ވަނީ ޣައްޒާ އާއި މިސްރުގެ ބޯޑަރު ސަރަހައްދު ހިފުމަށް އިސްރާއީލުން ކުރާ ކޮންމެ މަސައްކަތަކީ އިސްރާއީލާއި މިސްރުގެ ގުޅުމަށް ނުރައްކާވާނެ ކަމެއް ކަމަށެވެ.

މިޞްރާއި ޣައްޒާއާ ދެމެދު އޮންނަ ބަފަރ ޒޯން ނުވަތަ ފިލަޑެލްފިއާ ކޯރިޑޯއަކީ 1979 ވަނަ އަހަރު މިސްރާއި އިސްރާއީލުގެ ސުލްހައިގެ މުއާހަދާއިން ގާއިމްކުރި 14 ކިލޯމީޓަރު (8.7 މޭލު) ގެ ބިމެކެވެ. މިޒޯން ގާއިމްކުރީ މިސްރާއި ޣައްޒާއާ ދެމެދު ސަލާމަތީ ސަރަހައްދެއްގެ ގޮތުގައި ހިދުމަތް ދިނުމަށެވެ. މިވަގުތު ރަފާ ބޯޑަރ ކްރޮސިންގގެ ނަމުން މަޝްހޫރު މި ސަރަޙައްދު މިސްރާއި ޣައްޒާއާ ދެމެދު މީހުން ހުރަސްކުރާ ހަމައެކަނި ތަނެއްގެ ގޮތުގައިވެސް ވަނީ ބެލެވިފައެވެ.

އިސްރާއީލުގެ ރޭޑިއޯއިން ބުރާސްފަތި ދުވަހު ބުނެފައިވަނީ ދެ ގައުމުގެ މެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ހައްލުކުރުމަށް ފާއިތުވި ހަފުތާތަކުގައި ދެ ފަރާތުން ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށާއި، ޣައްޒާގެ މިހާރުގެ ހާލަތާ މެދު ހުރި ކަންބޮޑުވުންތަކާ ގުޅިގެން ތެލްއަވީވް އިން ފިލަޑެލްފިއާ އެކްސިސް އާއި މިސްރުގެ ކޮންޓްރޯލް ހޯދުމަށް އެދިފައިވާ ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު އެމެރިކާގެ އެކްސިއޯސްގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި "އިސްރާއީލުގެ ޝިން ބެޓް ސެކިއުރިޓީ އެޖެންސީގެ ޑިރެކްޓަރު ރޮނެން ބާ ގާހިރާއަށް ވަޑައިގެން މިސްރުގެ ޚާރިޖީ ވަޒީރު އައްބާސް ކަމެލްއާ ބައްދަލުކުރެއްވީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން އިސްރާއީލާއި މިސްރުގެ އަސްކަރިއްޔާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށެވެ.

އަދި އެ ބައްދަލު ކުރެއްވުމުގައި މިސްރުގެ ބޯޑަރުގައި ވާ ފަލަސްތީނުގެ ރަފާ ސިޓީގައި އިސްރާއީލުގެ އަސްކަރިއްޔާއިން ހިންގަމުންދާ އޮޕަރޭޝަން އިތުރަށް ފުޅާކުރުމުގެ ފުރުސަތު ބޮޑުކުރުމުގެ މަޝްވަރާތައްވެސް ކުރިއަށް ދިޔަކަމަށް އެކްސިއޯސްގެ މީޑިއާއިން ރިޕޯޓްކޮށްފައިވެއެވެ.

ފިލަޑެލްފިއާ ކޮރިޑޯއަކީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެކި ފަހަރު މަތިން އެތަނުގެ ކޮންޓްރޯލް ނެގުމަށް މަސައްކަތް ކުރައްވާފައިވާ ސަރަޙައްދެކެވެ. އެއީ އިސްރާއީލްގެ އަސްކަރީ އޮޕަރޭޝަން ތައް ހިންގުމަށް ނުހަނު މުހިންމު ސަރަޙައްދެއްކަން އޭނާވަނީ ފާހަގަކޮށްފައެވެ.

އިސްރާއީލުން މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ދެމުންދާ ނުރައްކާތެރި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 26،900 މީހުން ޝަހީދުވެ، 65،949 މީހުން ވަނީ ޒަޚަމްވެފައެވެ.

އަދި އިސްރާއީލުން ދިން ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުން ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަން ބޮޑުވެ ގެދޮރު ގެއްލިފައިވާއިރު، އެންކްލޭވްގެ އުމްރާނީ ވަސީލަތްތަކުގެ 60 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭވަރު ވެފައި ކަމަށް އދއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް